މިއަހަރުގެ ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ބިން ގަދަކަމުން ފޭރިގަނެގެން ތިބި ޞިހްޔޫނީ ދައުލަތުގެ ލަޝްކަރުން ފަލަސްޠީނުގެ ޚަލީލް ސަހަރުން އެކަނިވެސް 200 އަށްވުރެ ގިނަ ޢާންމު ރައްޔަތުން ހައްޔަރުކޮށް ޖަލަށް ލައިފިއެވެ.
ފަލަސްޠީނުގެ އަސީރުންނާ ބެހޭ އިދާރާގެ ޑައިރެކްޓަރ އަމްޖަދް އައްނައްޖާރު ހާމަކުރެއްވި ގޮތުގައި ޞިހްޔޫނީ ދައުލަތުގެ އަނިޔާވެރި ލަޝްކަރުން މިއަހަރުގެ ފުރަތަމަ 2 މަސް ދުވަހު އެވްރެޖް ގޮތެއްގައި ކޮންމެ މަހަކު 100 މީހުން ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ޖެނުއަރީ މަހު 89 މީހުން ހައްޔަރުކޮށްފައިވާއިރު ފެބްރުއަރީ މަހު 104 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި 3 އަންހެނުންނާއި 18 އަހަރުން ދަށުގެ 12 ކުޑަކުދިން ހިމެނެއެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން މަންޒަރު ދުށް މީހުންނާ މިޙާދިސާތަކުގެ އަސަރުކުރި މީހުންނާ ޙަވާލާދީ ހާމަކޮށްފައިވާ ގޮތުގައި އިސްތިޢުމާރީ ލަޝްކަރުގެ ސިފައިންގެ ޚާއްޞަ ގްރޫޕްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ގަދަކަމުން ފަލަސްޠީނު މީހުންގެ ގެތަކަށް ވަދެ ބަލައި ފާސްކޮށް ގޭގައި ތިބޭ މީހުން ހައްޔަރުކޮށް އަނިޔާކޮށް އަންހެނުންނާއި ކުޑަކުދިން ބިރުގަންނަވައެވެ. އަދި ގޭގައިހުންނަ އަގު ބޮޑެތި މުދާތައް ގެންދަނީ ހަލާކުކުރަމުންނެވެ.
ހިފާ ހައްޔަރުކުރުމުގެ މި ލާއިންސާނީ ޢަމަލުތައް ހިންގާއިރު އެބައިމީހުން ބަލިމީހަކަށް ޢުޒުރުވެރިޔަކަށް ޒަޚަމްވެފައިވާ މީހަކަށްވެސް ފަރުވާލެއްނުބަހައްޓާ ކަމަށާއި އެމީހުންގެ ކުރިމައްޗަށް އަންނަ ކޮންމެ މީހަކު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލަމުން ގެންދާކަމަށްވެސް ފަލަސްޠީނުގެ ރައްޔަތުން ގެންދަނީ ހާމަކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...