ރާއްޖޭގެ ޚަބަރު ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއި މެދު ވަކިގޮތެއް އަދި ކަނޑަނޭޅޭނެ- ސީމެގް

ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއި މެދު ވަކިގޮތެއް އަދި ކަނޑަނޭޅޭނެ- ސީމެގް

ކުރީގެ ރައީސް ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއި މެދު ވަކިގޮތެއް އަދި ކަނޑަނޭޅޭނެ- ސީމެގް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

6 އަދި 7 ފެބްރުއަރީ 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންތައްތައް މިނިވަންކަމާއެކު ބަލައި ހޯދުމަށް ފަހު މެނުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތިއުފާގެ ޞައްޙަކަމާއިމެދު ގޮތެއް ވަކިގޮތެއް އަދި ކަނޑަނޭޅޭނެ ކޮމަންވެލްތު މިނިސްޓެރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ހާމަކުރައްވައިފިއެވެ.

ސީމެގުން މިހެން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޙާލަތާއި މެދު އެގްރޫޕުން މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ޓްރިނިޑެޑް އެންޑް ޓޯބޭގޯގެ ފޮރިން އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރ ޑރ. ސުރުޖްރައްޓަން ރަމްބަޗަންއެވެ. މިބައްދަލުވުމުގައި ބަންގްލަދޭޝް، ކެނެޑާ، ޖަމައިކާ، ސިއެރަ ލިއޯން، ޓަންޒާނިއާ އަދި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިމަހު 17 އިން 19 އަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި ސީމެގްގެ ތިން މެމްބަރުންގެ ޓީމްގެ ރިޕޯޓް މިއަދު ބޭއްވި ބައްދަލުވުމުގައި ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން މިބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސްޕެޝަލް އެޑްވައިޒަރ ޑރ. ހަސަން ސައީދާއި، ކުރީގެ ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުން ޑރ. ފަރަހަނާޒް ފައިސަލް ބައިވެރިވެވަޑައިގެންފައިވެއެވެ.

ތިން މެމްބަރުންގެ ޓީމުގެ ރިޕޯޓަށާއި އަދި އެހެނިހެން މަޢުލޫމާތަށް ރިޔާއަތްކޮށް ސީމެގުން ހާމަކުރިގޮތުގައި، މިނިވަން މުސްތަޤިއްލު ތަޙްޤީޤަކާއި ނުލާ 7 ފެބްރުއަރީގައި ރައީސް ނަޝީދު ދެއްވި އިސްތިއުފާގެ ޞައްޙަކަމާއި މެދު ގޮތެއް ނިންމުން އެއީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިނިވަން ތަޙްޤީޤެއް ކުރުން ވަރަށް މުހިއްމުކަމަށްވެސް ސީމެގުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ހިނގައި ދިޔަ ހާދިސާތަށް ތަޙްޤީޤްކުރުމަށް ރައީސް ޑރ. ވަޙީދު މިއަދު  "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ" އެއް އެކުލަވާލައްވާފައިވާކަން ސީމެގުން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް އެއްބަސްވާގޮތުގެ މަތިން ބައިނަލްއަޤްވާމީ މެކޭނިޒަމް އަކުން މިތަޙްޤީޤުގައި ބައިވެރިވުން މުހިއްމުކަމުގައިވެސް އެފަރާތުން ހާމަކުރައްވާފައިވެއެވެ.

އަދި ވީހާވެސް އަވަހަކަށް މިއަހަރު ތެރޭގައި އިންތިޚާބެއް ބޭއްވުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ރައީސް ޑރ. ވަޙީދަށާއި އަދި ރައީސް ނަޝީދަށް ސީމެގުން އިލްތިމާސް ކުރައްވާފައިވެސްވެއެވެ. އަދި މަޖިލިސް ފެއްޓެންވާއިރަށް މި ބައްދަލުވުންތައް ކުރިއަށްގޮސް އިންތިޚާބު ބޭއްވުމަށް ޤާނޫނު އިސްލާޙްކޮށް އެންމެން އެކުގައި މިދަނޑިވަޅުގައި މަސައްކަތްކުރެއްވުމަށްވެސް ސީމެގުން ގޮވާލައްވާފައިވެއެވެ.

ކުރީގެ ރައީސް ނަޝީދަށް ޤާނޫނު އަސާސީން ލިއްބައިދޭ ފުރިހަމަ ރައްކާތެރިކަމާއި ސެކިއިރިޓީ ލިބިލައްވާނެކަމަށް އައު ސަރުކާރުން ޔަޤީންކަން އަރުވާފައިވާކަންވެސް ސީމެގުން ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއި އެކު ނަޝީދު ހައްޔަރުކުރެއްވުމަށް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ސަބަބުން އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިވުމަށް ހުރަސް އެޅިދާނެތީ އެކަމާއިމެދު އެގްރޫޕުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.

ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި ޝަރްޢީދާއިރާއާއި، ރައްޔިތުންގެ މަޖިލީހާއި، އިލެކްޝަންސް ކޮމިޝަންސް ހަރުދަނާކޮށް އެމުވައްސަސާތަކުގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ކޮމަންވެލްތުން ދެއްވާނެކަމަށްވެސް ސީމެގުން ހާމަކުރައްވާފައިވެއެވެ.

ސީމެގުން އަބަދުވެސް ކަންތައްކުރައްވަމުން އަންނަ ގޮތަކީ ސީމެގްގެ މެމްބަރު ޤައުމެއްގައި މިފަދަ ހާދިސާތަކެއް ތަޙްޤީޤްކުރެވެމުންދާ ދަނޑިވަޅެއްގައި އެޤައުމުގެ މެމްބަރުކަން ވަގުތީގޮތުން ސަސްޕެންޑް ކުރެވޭނެކަމަށެވެ. އަދި އެގޮތުން މިދުވަސްކޮޅުގައި ރާއްޖޭއިން ސީމެގްގައި ބައިވެރިނުވެވޭނެކަމަށްވެސް އެގުރޫޕުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޙާލަތު އިތުރަށް ބެއްލެވުމަށް މާޗްމަހު އިތުރު ޓެލެކޮންފަރެންސެއް ބޭއްވޭނެ ކަމަށާއި އަދި އޭޕްރިލް މަހު އިތުރުބައްދަލުވުމެއް ބޭއްވޭނެކަމަށްވެސް ސީމެގުން އިޢުލާންކުރައްވާފައިވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.