2013ގެ ކުރިން ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ އެންމެ ރަނގަޅުކަމެއްކަމަށް ދެކިލެއްވިނަމަވެސް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ދާތޯ މުޙައްމަދު ޒަކީ (ސަންދާނު ޒަކީ) ހާމަކުރައްވައިފިއެވެ.
ސަން އަށް ދެއްވި ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވިގޮތުގައި މިނިވަން އިންތިޚާބެއް ބޭއްވޭނީ ސުލްހަވެރި މާހައުލެއް ޤާއިމްކުރެވިގެންނެވެ. ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން ތަންތަން ހުޅުޖަހައި، މާރާމާރީ ހިންގައި، މިފަދަ ދަރަޖައަކަށް ކަންކަން ގޮސްފައި އޮތް އިރު މިނިވަން އިންތިޚާބޭއް ބޭއްވުމަކީ އެއީ ކުރެވޭނޭކަމެއްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސުލްހަވެރި މާހައުލެއް ޤާއިމްކުރެވިއްޖެނަމަ، އެފަދަ ވެއްޓެއްގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މަރުހަބާކިޔާ ކަމުގައިވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، މިނިވަން އިންތިޚާބެއް ބޭއްވުމީ މުސްތަހީލު ކަމަކަށް ވާއިރު 2013ގެ ބާއްވަން ޤާނޫނުއަސާސީން ލާޒިމްކުރާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޒަކީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީކަމަށްވާ އެމްޑީޕީއަށް އޭނާ ގޮވާލެއްވިއެވެ.
"އިންތިޚާބެއް ބޭއްވުމަށް މާދުރެއް ނޫން 2013 ގެ ރިޔާސީ އިންތިޚާބު. އަޅުގަނޑުމެންގެ ޕާޓީ އެމްޑީޕީ އިން ވެސް އެކަންތައްތައް ގިޔަރަށް ލައިގެން ކުރުމަށް އެއް އަހަރު ދުވަހަކީ މާދިގު މުއްދަތެއް ނޫން." ސަފީރު ޒަކީއާއި ހަވާލީ ސަންއިން ހާމަކޮށްފައިވެއެވެ.
ރައީސް ޑރ.މުޙާއްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރަކީ ބަޣާވާތަކުން އުފެދިފައިވާ ބާޣީންގެ ސަރުކާރެއްކަމަށް އެމްޑީޕީއިން ކުރަމުންގެންދާ ތުހުމަތުތަކަށް ރައްދުދެއްވަމުން ޒަކީ ވިދާޅުވިގޮތުގައި މިހާރުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް އޭނާ ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނީ ސަރުކާރު ހިންގަން ނޭނގުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު މިއޮތް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ގުޅިގެން ސުލްހަވެރިކަމާއިއެކު ކަންކަން ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށާއި އަދި ވަކިވެގަނެގެން ފިތުނައުފެދޭގޮތަށް ކަންތައްތައް ނުކުރެއްވުމަށް ކުރީގެ ރައީސް ނަޝީދަށާއި އެމްޑީޕީއަށް ސަފީރު ޒަކީ ގޮވާލެއްވިއެވެ. އަދި ޕާޓީއަށާއި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނަމަ ސުލްޙަވެރިކަމާއިއެކު ޕާޓީ 2013 އިންތިޚާބު މެކްހަށް ޖެއްސެވުން މާބޮޑަށްވެސް ފައިދާއާއި ލާބަ ބޮޑުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ހާމަކުރެއްވިއެވެ.
މަގުމައްޗަށް މީހުން ނެރެގެން ގަދަބާރުން ކަންކަން ނިންމުމުގެ އުސޫލު ދޫކޮށް މަޝްވަރާގެ ރިވެތި އުސޫލުން ސުލްހަވެރިކަމާއި އެކު ކަންކަން ޙައްލުކުރެއްވުމަށްވެސް ޒަކީ ކުރީގެ ރައީސަށް ގޮވާލެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...