އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރުތައް އެމެރިކާ އިން ކިތަންމެވަރަކަށް ދިންނަމަވެސް މިފަދަ ހަރުކަށި އަމަލެއް ހިންގުމަކީ އެމެރިކާގެ މަސްލަހަތެއް ނޫންކަމަށާއި ހަމަލާއެއް ނުދޭނެ ކަމުގައި ކަމާބެހޭ ދިރާސާ ރިޕޯޓެއް ބުނެފިއެވެ.
"އަރަބިކް ސެންޓަ ފޯ ރީސާޗް އެންޑް ޕޮލިސީ ސްޓަޑީސް" އިންތައްޔާރުކޮށްފައިވާ ރިޕޯޓް ބުނާގޮތުން އީރާނުގެ ނިއުކްލިޔަ ސައިޓްތަކަށް އެމެރިކާ އިސްވެ ޙަމަލާދިނުމަކީ ވަރަށް ދުރުކަމެކެވެ.
މިފަދަ ޙަމަލާތަކެއް ދިނުމަކީ އީރާނާއެކު ދިގުމުއްދަތެއްގެ ހަނގުރާމައަކަށް ދިޔުންކަމަށްވެފައި އެކަމުގެ ސަބަބުން ތެލުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅި ތެލުގެ އަގުމައްޗަށް ދާނެތީ މިއީ އެމެރިކާގެ އިޤްތިސާދަށް ކައިރިމުސްތަޤްބަލެއްގައިތަޙައްމަލްކުރެވޭނެ ކަމެއްނޫންކަމަށް މިދިރާސާ ތައްޔާރުކުރި މުޙައްލިލުންނާއި ސްޓްރެޓީޖް ދިރާސާތަކާބެހޭ ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ.
މިރިޕޯޓް ބުނާގޮތުން އީރާނާދެކޮޅަށް އެމެރިކާ ދޭ އިންޒާރުތަކުގެ ފަހަތުގައިވަނީ އިސްރާއީލެވެ. ނަމަވެސް އިސްރާއީލުގެ ސިފައިންގެ މުއައްސަސާގެ އިސްވެރިންނާއި ސިޔާސީ ބޮޑެތި ޕާޓީތައް ކަމަށްވާ ލޭބަރ ޕާޓީއާއި ކަދީމާ ޕާޓީއާއި ވެރިކަންކުރާ ލިކޫޑް ޕާޓީގެ ގިނަ ލީޑަރުން އީރާނަށް އިސްވެ ޙަމަލާދިނުމަށް ސިއްރިޔާތުގައި ދެކޮޅު ހައްދަވާކަމަށް އިސްރާއީލުގެ ޢަސްކަރީ އަދި ސިޔާސީ ދާއިރާތަކާ ޙަވާލާދީ މިރިޕޯޓް ބުނެއެވެ.
މިރިޕޯޓްގައިވާ ގޮތުން އީރާނުގެ ނިއުކްލިޔަރ ސައިޓްތަކަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރުތައް ކިތަންމެވަރަކަށްދީ ބިރު ދައްކަމުން ގެންދިޔަ ނަމަވެސް އިސްރާއީލާއި އެމެރިކާއާއި އަދި ހުޅަނގުގެ ޢަސްކަރީ އަދި ސިޔާސީ ގިނަ ތަޖްރިބާކާރުންވެސް އިސްރާއީލަށާއި އެމެރިކާއަށް ލަފާދެނީ އީރާނަށް އިސްވެ ޙަމަލާދީ ނިއުކްލިޔަރ ސައިޓްތައް ހަލާކުކޮށްލަން މަސައްކަތްކުރުމުގެ ބަދަލުގައި ނިއުކްލިޔަރ އީރާނާ މުޢާމަލާތްކުރަން ދަސްކުރުމަށެވެ.
އީރާނަކީ ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ބޮޑު ޤައުމަކަށްވެފައި، ނިއުކްލިޔަރ ސައިޓްތައް އީރާނުގެ އެކިކަންކޮޅުގައިވާތީ އެތަންތަން ކުރުމުއްދަތެއްގައި ބޮންއަޅައިގެން ހަލާކުކޮށްލުމަކީ މުސްތަޙީލް ކަމެއްކަމަށް މިޤައުމުތަކުގެ ޢަސްކަރީ ތަޖްރިބާކާރުން ދެކޭކަންވެސް މިރިޕޯޓްގައި ހާމަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...