އޭޝިއާ މިޔަންމާއާއި އެމެރިކާއިން ގުޅުން ބަދަހިކުރަނީ

މިޔަންމާއާއި އެމެރިކާއިން ގުޅުން ބަދަހިކުރަނީ

މިޔަންމާއާއި އެމެރިކާއިން ގުޅުން ބަދަހިކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިޔަންމާ ސަރުކާރުން ޑިމޮކްރަސީ އަށް ހުޅުވަމުންދާ ދޮރުތަކާ އެކު އެގައުމާ އެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ސިޔާސީ ގުޅުން ގާއިމުކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށާއި މިދިޔަ ހަފްތާގައި މިނިވަންކުރި ސިޔާސީ ކުށްވެރިންނަކީ ޑިމޮކްރަސީ ގެނައުމަށް މިޔަންމާއިން އެޅި މުހިއްމު ފިޔަވަޅެއް ކަމުގައި އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.

މިޔަންމާ ސަރުކާރުން ގެނެސްދެމުން އަންނަ އިސްލާހީ ބަދަލުތަކަށް އަލި އަޅުއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ވިދާޅުވެފައިވަނީ މިޔަންމާ ސަރުކާރާ އެކު އާ ހަރުފަތަކަށް އެރުމަށް ވިސްނަމުން އަންނަ ކަމަށެވެ. އެކަމަނާ ވިދާޅުވެފައިވަނީ މިޔަންމާއަށް އެމެރިކާގެ ސަފީރަކު ފޮނުވުމުގެ ފުރުސަތު މިހާރު ބޮޑުވެފައިވާ ކަމަށެވެ.

މިޔަންމާގައި މިހާރު ވެސް އެމެރިކާގެ ޑިޕްލޮމޭޓުން ހަރަކާތްތެރިވެއެވެ. ނަމަވެސް އެއީ ސަފީރުންގެ ދަރަޖަ އަށް ވުރެ ދަށުގައެވެ. ދެ ގައުމުން ސިޔާސީ ގުޅުން ކަނޑާލާފައި އޮންނަތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މިޔަންމާއާ ގުޅުން ބަދަހިކޮށް އެގައުމަށް އެމެރިކާގެ ސަފީރަކު ކަނޑައެޅުމަށް އޮބާމާގެ ސަރުކާރުން ގެންގުޅޭ ހިޔާލަށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ރިޕަބްލިކަން ޕާޓީން ބުނެފައި ވަނީ މިޔަންމާ އާއި އުތުރު ކޮރެއާއާ ދެމެދު އޮތް ގުޅުމާއި ހީނަރުކޮށް މިނިވަން އިންސާފުވެރި އިންތިހާބުތަކަށް ކުރަން ޖެހޭ މަސައްކަތް އަދިވެސް މިޔަންމާ އިން އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. މިޔަންމާ ފުރިހަމަ އަށް އިސްލާހު ނުވަނީސް ގުޅުން ބަދަހިކުރަން ރިޕަބްލިކަން މެމްބަރުން ތާއީދެއް ނުކުރެއެވެ.

ނަމަވެސް ހިލަރީ ވިދާޅުވެފައި ވަނީ މި މައްސަލައާ ބެހޭ މަޝްވަރާތައް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ވެސް މިހާރު ފަށާފައިވާ ކަމަށާއި މިޔަންމާއާ ގުޅުން ބަދަހިކުރަމުން ދިއުމަށް ޚާރިޖިއްޔާ އަށް ވެސް ލަފާ ދެއްވާފައިވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.