ސިޔާސީ ހަމަނުޖެހުންތަކާ އެކު ގައުމުގެ ކަންތައް އިންތިހާއަށް ހަލަބޮލިވެފައިވާ ސީރިއާގެ ވެރިރަށް ދިމިޝްގުގައި އަމިއްލަ އަށް މަރުވެގެން މީހަކު ދިން ބޮމުގެ ހަމަލާއާއި އިއްޔެ ހިިނގާދިޔަ އެކި ހަމަނުޖެހުންތަކުގައި ސީރިއާ އިން މަރުވި މީހުންގެ ޖުމްލަ 43 އަށް އަރައިފިއެވެ.
ދިމިޝްގްގެ ސްކޫލެއް ކައިރީގައި އަމިއްލައަށް މަރުވެގެން ދިން ފިދާއީ ހަމަލާގައި 26 މީހަކު މަރާލާފައިވާއިރު އެކި ސަރަހައްދުތަކުގައި ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި 17 މީހަކު މަރުވެފައިވެއެވެ. ބޮމުގެ ހަމަލާގައި އިތުރު 63 މީހުން ޒަހަމްވެފައިވާ ކަމުގައި ޚަބަރުތައް ބުނެއެވެ.
މިހަމަލާތައް ކުށްވެރިކޮށް ސީރިއާ ސަރުކާރުން ހަރުކަށި އިންޒާރެއް ނެރެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށާއި މިއީ ސަރުކާރާ ގުޅިފައިވާ ގޭންގްތަކުގެ ހަމަލާތަކެއް ކަމަށެވެ. އެމެރިކާ އާއި އ.ދ. އިން ވެސް ވަނީ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ސީރިއާގައި މި ހަމަލާތައް ދީފައި މިވަނީ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އަރަބި ލީގުން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. ސީރިއާގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެމެރިކާ އިސް ޑިޕްލޮމޭޓަކު ވަރަށް އަވަހަށް މިސްރަށް ވެސް ވަޑައިގަންނަވާނެއެވެ.
އިއްޔެ ދިން ބޮމުގެ ހަމަލާއަކީ ސީރިއާގައި މި ފަހުން ދިން މިފަދަ ނުރައްކާތެރި ދެ ވަނަ ހަމަލއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާގައި 44 މީހުން މަރުވިއިރު ސަރުކާރުން އެ ހަމަލާގެ ޒިންމާ އަޅުވާފައިވަނީ އަލްގައިދާ އާއި އިދިކޮޅު ފަރާތްތަކުގެ ބޮލުގައެވެ.
ސީރިއާ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ އެގައުމުގައި ހަމަނުޖެހުން ހިނގަމުން ދިއުމުގެ އަސްލަކީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކާއި ހަނގުރާމަވެރިން ކަމަށެވެ. އަދި ސިފައިން ހަރަކާތްތައް ހިންގަމުން ދަނީ ހަނގުރާމަވެރިން މައިތިރިކުރުމަށް ކަމަށެވެ.
މިދިޔަ އަހަރުގެ މާޗް މަހު އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތައް މަގުތަކަށް ނުކުތްފަހުން މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އ.ދ. ގެ ރިކޯޑްތަކުން ދައްކައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...