ފަލަސްޠީނުގެ ހަމާސް ޖަމާޢަތް ތަމްސީލުކުރާ އެޖަމާޢަތުގެ މަރުކަޒެއް އިނގިރޭސިވިލާތުގައި ހިންގަމުންދާކަމަށް އިސްރާއީލުން ތުހުމަތުކޮށްފިއެވެ. އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެމަރުކަޒުން އަންނަނީ ޔޫރަޕުގައި ހަމާސްގެ މަސައްކަތް ފުޅާދާއިރާއެއްގައި ހިންގަމުން ކަމަށެވެ.
ހަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށާއި ފަލަސްޠީނާއި އިސްރާއީލުގެ މެދުގައި އެއްވެސް ހަމަޖެހުމަކަށް ދިއުމަށް ކުރިމަތިވެފައިވާ ބޮޑު ހުރަހެއްގެ ގޮތުގައި އިސްރާއީލުން ދެކެއެވެ. ހަމާސްގެ ފަރާތުން އިސްރާއީލަށް ދެމުންދާ އިންޒާރުތަކުގެ ސަބަބުން އިސްރާއީލުން އަބަދުވެސް އެޖަމާޢަތް ދެކެ ޖެހިލުންވެއެވެ.
ފަލަސްޠީނާއެކު އިސްރާއީލުން ކުރިއަށްގެންދިޔަ ޞުލްޙައިގެ ވާހަކަތައް މެދުކެނޑި އެވާހަކަތައް ކުރިއަށް ނުގެންދެވޭނެކަން މިހާރު ޔަޤީން ވެފައިވާއިރު، ހަމާސްގެ ފަރާތުންވަނީ އިސްރާއީލަށް ހަމަޖެހިގެން ނުތިބެވޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.
ހަމާސްގެ މަރުކަޒެއްގެ ގޮތުގައި އިސްރާއީލުން ދެކި ތުހުމަތު ކޮށްފައިވާ މަރުކަޒަކީ ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ކުދިންނަށް އެހީވުމަށް އެކި ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތެއްގެ މަރުކަޒެވެ.
އެޖަމްޢިއްޔާއިން އަދިވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިސްރާއީލުގެ އަނިޔާތަކުގެ ސަބަބުން ފަލަސްޠީނުން ހިޖުރަކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެހީ ހޯދުމުގެ ނަމުގައި އެޖަމްޢިއްޔާގެ ފަރާތުން ހަމާސްއަށް ހަތިޔާރު ހޯދުމަށާއި ހަނގުރާމަތަކަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަން ހުއްޓުވެން ޖެހޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...