އެމެރިކާ 2900 ކުށްވެރިންނަށް ކިއުބާއިން ދެވަނަ ފުރުޞަތުދެނީ

2900 ކުށްވެރިންނަށް ކިއުބާއިން ދެވަނަ ފުރުޞަތުދެނީ

2900 ކުށްވެރިންނަށް ކިއުބާއިން ދެވަނަ ފުރުޞަތުދެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކިއުބާގެ ޖަލުތަކުގައި ދުވަސްތައް ގުނަމުންދާ ކުށްވެރިންގެ ތެރެއިން ކުރިއަށްއޮތް ދުވަސްތަކުގައި 2900 ކުށްވެރިން ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމުގައި ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ވިދާޅުވެއްޖެއެވެ. ކާސްޓްރޯ ވިދާޅުވެފައިވާ ގޮތުގައި މިފަހަރު މިނިވަން ކުރެވޭ މީހުންގެ ތެރޭގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރު ކުރެވިފައިވާ ގިނަ ޢަދަދެއްގެ މީހުން މިނިވަން ކުރެވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ކުށްވެރިންގެ ޢާއިލާތަކުން ގިނަ ޢަދަދަކަށް އެދެމުން ދިއުމާއި އަދި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ އާއިއެކު ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ނިމުމާއި ގުޅުވައިގެން ޢާއިލާތަކަށް ދެވޭ ހަދިޔާތަކެއް ކަމުގައި ވިދާޅުވެފައިވެއެވެ.

މިފަހަރު މިނިވަން ކުރެވޭ މީހުންގެ ތެރޭގައި 25 ޤައުމަކަށް ނިޞްބަތްވާ 86 މީހަކު މިނިވަން ކުރެވިގެންދާނެ ކަމުގައިވެސް ކާސްޓްރޯ ވިދާޅުވެފައިވެއެވެ.

މިމީހުންނަކީ ރައުލް ކާސްޓްރޯގެ ބޭބެ، ފިޑެލް ކާސްޓްރޯގެ ވެރިކަމުގައި ކިއުބާގެ ޖަލުތަކަށް ލެވިފައިވާ ބައެއް ކަމަށް ޚަބަރު ލިބިފައިވެއެވެ. މިމީހުން މިނިވަން ކުރި ކަމުގައިވިޔަސް ކިއުބާގެ ރައްޔިތުން ބޭރުގެ ޤައުމުތަކަށްް ދަތުރުކުރުމަށް ކުރިމަތި ކުރެވިފައިވާ ހުރަސްތައް ނައްތާލުމަށް އަދި ވަގުތު ބޭނުންވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކިއުބާއަށް އަވަށްޓެރިންގެ ގޮތުގައި ކައިރީގައި ތިބި ޤައުމުތަކުން އަދިވެސް ބިރު އެބައޮތް ކަމަށާއި ޤައުމުން ރައްޔިތުން ދަތުރުކުރުމަށް ފަސޭހަ ލުއިގޮތްތަކެއް ހެދުމުގެ ކުރިން އެފަދަ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

 ކިއުބާގައި މީގެކުރިން އެންމެ ގިނަ ޢަދަދަކަށް ޖަލުތަކުން މީހުން މިނިވަން ކޮށްފައިވަނީ 1979 ވަނަ އަހަރުގައެވެ. އެފަހަރު ތިން ހާސް މީހުން މިނިވަން ކޮށްފައިވެއެވެ. މިފަހުގެ ތާރީޚެއްގައި ފިޑެލް ކާސްޓްރޯގެ ވެރިކަމުގައި ޖަލުތަކުން އެއްފަހަރާ މިނިވަން ކޮށްފައިވަނީ 1998 ވަނަ އަހަރު 299 ކުށްވެރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.