ދިއިސްލާމް ޤަތަރުގައި ހުޅުވުނު އެންމެ ބޮޑު މިސްކިތަށް އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ނަންދީފި

ޤަތަރުގައި ހުޅުވުނު އެންމެ ބޮޑު މިސްކިތަށް އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ނަންދީފި

ޤަތަރުގައި ހުޅުވުނު އެންމެ ބޮޑު މިސްކިތަށް އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ނަންދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޤަތަރުގައި މިހައިތަނަށް ހުޅުވުނު އެންމެ ބޮޑު މިސްކިތަށް އިސްލާމީ ދުނިޔޭގައި އުފެދުނު މުޖައްދިދެއްކަމުގައިވާ އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ނަމުން ނަންދެއްވައިފިއެވެ.

މިދިޔަ ހުކުރުދުވަހު މެންދުރު ކުރީން އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް މިސްކިތް ޤަތަރުގެ ދޯހާގައި ހުޅުވާދެއްވީ އެޤައުމުގެ އަމީރު ޝައިޚް ޙަމަދް ބިން ޚަލީފާ އައްޘާނީއެވެ.

ޤަތަރުގެ ދޯހާގައި ހުޅުވުނު މިމިސްކިތަކީ ބިދުޢައާއި ޚުރާފާތްތަކުން ދުރުވެ، ހަމައެކަނި ﷲއަށް ޚާލިސްކޮށް އެކަލޭނގެ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް މުސްލިމުންނަށް ހުޅުވައިލެވުނު ފުރުސަތެއްކަމަށް ޤަބޫލުކުރައްވާކަމަށް މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޤަތަރުގެ އަމީރު ވިދާޅުވިއެވެ.

"މިމިސްކިތަށް އަޅުގަނޑުމެން ނަންދީފައިމިވަނީ މަޝްހޫރު މުޖައްދިދު އަދި އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ނަމުން. އެކަލޭގެފާނުގެ ދައުވަތު މިއަދުވެސް ދަނީ މުސްލިމުންނާއި އިސްލާމްދީނަށް ފިސާރި ގިނަގުނަ ފައިދާތަކާއި މަންފާތަކެއް ކުރަމުން. އެކަލޭގެފާނު ގޮވާލައްވާފައިވަނީ ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގެ ހިދާޔަތުގެ އަލިގަދަމަގަށް،" އަމީރު ހަމަދް އައްޘާނީ ވިދާޅުވިއެވެ.

މުސްލިމު ދުނިޔެ މިއަދު މިވަނީ އިމާމުލް މުޖައްދިދް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ މިދަޢުވަތަށް ފެންބޮވައިގެން ކަމަށާއި އަދި މިދަޢުވަތު އިސްލާމީދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް އައު ހިތްވަރަކާއި ޘާބިތު އަޒުމައިކައިގެން މަސައްކަތްކުރެއްވުމުގައި ދެމި ހުންނަވާނޭކަމަށްވެސް ޤަތަރުގެ އަމީރު ހާމަކުރެއްވިއެވެ.

"ދީނުގެ ޢިލްމުގައި ފުންވެ ހުންނެވި، އަޅުގަނޑުމެންގެ ކާފާފުޅު ޝައިޚް ޖާސިމް ބިން މުޙައްމަދު އައްޘާނީ، ޤަތަރުގެ ގަވަރުނަރަކީ އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ރިސާލަތު ޤަބޫލުފުޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް. އެމަނިކުފާނުވަނީ މިދައުވަތު ފެތުރެއްވުމަށް ގިނަގުނަ އަގުބޮޑު މަސައްކަތްތަކެއް ކުރައްވާފަ. އިންޑިއާގައި ފޮތް ޗާޕްކުރެއްވުމަށްފަހު ދުނިޔޭގެ އެކިކަންކޮޅުތަކަށް ޝައިޚް ޢަބްދުލްވައްހާބުގެ ފޮތްތައް ފޮނުއްވެވި. އަޅުގަނޑުމެން މިއަދުވެސް މިތަބާވަނީ އަޅުގަނޑުމެންގެ ކާފާފުޅު ދެއްކެވި މިނަމޫނާއަށް. އެއީ ކީރިތި ޤުރުއާނާއި ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ ދަޢުވަތު ފެތުރުމަށް،" އަމީރު ހަމަދު ވިދާޅުވިއެވެ.

ޖާމިޢު އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ދުނިޔޭގެ އެކިޤައުމުތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢިލްމުވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި ސައުދި ޢަރަބިއާގެ އިސްލާމިކް މިނިސްޓަރ، މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ޞާލިޙް އާލުއްޝައިޚް ހިމެނިވަޑައިގަންނަވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.