
އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓް ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ އިބްރާހީމް ދީދީ
އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ފުރައްސާރަކޮށް ގޮންޖަހައި ލިޔެ ވާހަކަދައްކަމުންދާ ބްލޮގަރ ހިލްއަތު ރަޝީދު މާރާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓް ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ އިބްރާހީމް ދީދީ ގޮވާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލާދީނީ މިނިވަންކަމަށް ގޮވާލައި މުޒާހަރާކުރަން ނުކުތް ހިލްއަތުގެ ގްރޫޕަށް އާއްމުންގެ ބަޔަކު ގާއުކުމުގެ ސަބަބުން ހިލްއަތުގެ ބޯފަޅައިގެން ގޮސްފައިވާ ފޮޓޯ އަކަށް ފޭސްބުކްގައި ކޮމެންޓް ކުރައްވަމުން އިބްރާހީމް ދީދީ ވިދާޅުވެފައި ވަނީ ހިލްއަތަކީ ބޮޑު ޝައިޠާނެއް ކަމަށާއި އޭނާ މަރަންވީ ކަމަށާއި އެނޫން ދެވަނަ ގޮތެއް ނެތް ކަމަށެވެ.
"މިއީ މުސްލިމް ޤައުމުގެ ރައްޔިތެއްގެ ނަމުގައި ހުރެގެން އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ލިޔެ އުޅޭ ބޮޑު ޝައިޠާނެއް... މިއީ މަރު ޙައްޤު މީހެއް... މަރަންވީ. ދެވަނަ ގޮތެއް ނެތް." އިބްރާހީމް ދީދީ ވިދާޅުވެފައި ވެއެވެ.
ލާދީނީ މިނިވަންކަމަށް ގޮވާލައި މުޒާހަރާކުރި ފަރާތްތަކުގެ ތަޙްޤީޤް ކަމާ ބެހޭ މުއައްސަސާތަކުން ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާތީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުން ދަނީ މި ލާދީނީ މުޒާހަރާ އަކީ އެމްޑީޕީގެ ސަރުކާރުން ހިތްވަރު ދީގެން ހިންގުވި ޣައިރު ޤާނޫނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...