ރައްޔިތުންގެ މަޖިލީހާއި މާލޭގެ އެތަންމިތަނުގައި އިސްލާމްދީނާއި ދިވެހިޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލަން މަސައްކަތް ކުރަމުންދާ އަންހެނާ އަކީ އެމްޑީޕީ ސަރުކާރުން ދައުވަތު ދީގެން ގެނެސްފައިވާ މީހެއް ކަމަށް ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.
ޚާރިޖިއްޔާގެ ވެބްސައިޓްގައި 22 ނޮވެމްބަރ 2011 ގެ ތާރީޚުގައި ޝާއިޢު ކުރެވިފައިވާ ޚަބަރެއްގައި ވާ ގޮތުން ޕިއްލޭ އަކީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖެ އައިސްފައިވާ މީހެކެވެ. މީނާގެ މި ދަތުރުގައި ދިވެހިރާއްޖެ އިންސާނީ ޙައްޤުތަކުގެ މައިދާނުގައި ހޯދާފައިވާ ކުރިއެރުން ފާހަގަ ކުރާނެކަމަށާއި، އަދި ޑިމޮކްރެސީގައި ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާނެކަމަށްވެސް އެ ސައިޓުގައި ވެއެވެ.
ސިޔާސީ މުޙައްލިލުން ދެކޭ ގޮތުގައި މިއީ އެމްޑީޕީ ސަރުކާރުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލައި، އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް، އެހެން ދީންތަކަށް ރާއްޖޭގައި ފުރުޞަތު ދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކޮށްލި ބޮޅެކެވެ. އދ. ގެ އިސް މީހެއްގެ ގޮތުގައި ރާއްޖެއަށް ކުރަމުންދާ މި ދަތުރުގައި މި އަންހެންމީހާ ވަނީ ދިވެހިރާއްޖޭގައި ޤާނޫނު އަސާސީ އެއް އޮތްކަމަކަށް ޤަބޫލު ނުކުރާ ކަމަށް ބުނެ، ރާއްޖޭގެ ޤާނޫނުއަސާސީގެ ޙުރުމަތް ކަނޑާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އޭނާވަނީ އިސްލާމްދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ. އަދި މިކަމާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެވާހަކަތައް ކުށްވެރިކުރައްވާފައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ މަޖިލީހުގެ މެމްބަރުން އެއްކޮށްގެން، އިސްލާމް ދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށް ފާޑުކިޔުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެންނުވާނެ ކަމަށެވެ.
މެންބަރު ނަޝީދު ވިދާޅުވީ "މި ކަމުގެ ޒިންމާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރިހަމަ އަށް ނަންގަވަންޖެހޭނެ. އަޅުގަނޑުމެންގެ ގޭގައި އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި އިސްލާމް ދީނުގެ ހުކުމްތައް ބަދަލުކުރަންޖެހޭ ވާހަކަ ދެއްކުމަކީ މުޅި މަޖިލީހަށް ދިން ވަރަށް ބޮޑު ބަދުނާމެއް." ކަމަށެވެ.
ދިވެހިރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ދަނީ މިކަން ކުށްވެރިކުރަމުންނެވެ. މިގޮތުން އަދާލަތު ޕާޓީން ވަނީ މި ޢަމަލު ކުށްވެރިކޮށް، މިކަމާއި ދެކޮޅަށް ތެދުވުމަށް ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ދިވެހިރާއްޖޭގެ ދީނީ ކަންތަކުގެ އެންމެ އިސް މަސްއޫލުވެރިޔާ ކަމުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ، އެމަނިކުފާނު އެވާހަކަތައް ކުށްވެރިކުރެއްވުމަށްވެސް އަދާލަތުޕާޓީން ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...