ސަތާރަ ވަނަ ސާކް ސަމިޓާ ގުޅިގެން ކަމަށް ބުނެ އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ބަހައްޓާފައިވާ ބުދުތައް ޙިމާޔަތްކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާތީ އެމައްސަލަ ބަލައިދިނުމަށް އެދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޖަމްޢިއްޔަތުއްސަލަފުން ހުށައަޅައިފިއެވެ.
އެ ޖަމްޢިއްޔާއިން ޕޮލިސް އިންޓެގްރިޓީ އަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ބުދުތަކަކީ އިސްލާމްދީނުގެ ބިންގަލާއި ޚިލާފު އެއްޗެއްކަމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އާއި އޭގެ ދަށުން ހެދިފައިވާ އެތަށް ޤަޥާޢިދެއްގެ ދަށުން ރާއްޖޭގައި ބަހައްޓައި، ގެންގުޅުން މަނާ ތަކެތިކަން އެނގިތިބެ، އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެ، ބުދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ފުލުހުން ނެރެފައިވާ ކަމަށެވެ. އަދި އެކަމަކީ އިސްލާމްދިނާއި، ޤާނޫނުއަސާސީ އާއި ޤަޥުމާއި ރައްޔިތުންގެ ޙައްޤުގައި ކުރެވިފައިވާ ބޮޑުވެގެންވާ ކުށެއްކަމުން، އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ސަލަފުން އެދިފައި ވެއެވެ.
ސަލަފްގެ އެސިޓީގައި ބުނެފައިވަނީ އެ ބުދުތަކަކީ އިސްލާމްދީނުގެ ބިންގަލާއި ޚިލާފު އެއްޗެއްކަމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އާއި އޭގެ ދަށުން ހެދިފައިވާ އެތަށް ޤަޥާޢިދެއްގެ ދަށުން ރާއްޖޭގައި ބަހައްޓައި، ގެންގުޅުން މަނާ ތަކެއްޗެއްކަން ޚުދު ދިވެހި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ ކަމުގައިވާ އިސްލާމިކް އެފެއާޒްވެސް ޤަބޫލުކޮށް އެކަމަށް އިޢުތިރާފްވެފައިވާ ކަމަށެވެ.
"ރާއްޖޭގައި އިސްލާމްދީން ޙިމާޔަތް ކޮށް، ޤަޥުމުގެ އިސްތިޤްލާލް ދަމަހައްޓައި، ޤާނޫނުއަސާސީއިން އިސްލާމްދީނަށާއި،ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ކަރާމާތާއި ޤަދަރު ހިފެހެއްޓުމުގެ އެންމެ އިސް މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމުގައި ވީހިނދު، އެކަންކަމުގެ ޙުރުމަތް ކަނޑައި، އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެ، ބުދުތަކުގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ފުލުހުން ރުހުމާއި ނުރުހުމުގައި އެމީހުން ނެރުމުގެ ސަބަބުން މުސްލިމް ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، މުސްލިމްދިވެހިދަރީންގެ ޙުރުމަތާއި ޤަޥުމުގެ އިސްތިޤްލާލަށް ބުރޫއަރައިފާވާކަމީ އިސްލާމްދިނާއި، ޤާނޫނުއަސާސީ އާއި ޤަޥުމާއި ރައްޔިތުންގެ ޙައްޤުގައި ކުރެވިފައިވާ ބޮޑުވެގެންވާ ކުށެކެވެ. އަދި ޥަޢުދާއި ޚިލާފްވުމެކެވެ. އަދި ޚިޔާނާތެކެވެ. ޖަރީމާއެކެވެ." ސަލަފްގެ ސިޓީގައި ވެއެވެ.
ބުދުތައް ޙިމާޔަތްކުރާ މައްސަލައިގެ އިތުރުން ނަބީބޭކަލެއްގެ ޤަދަރު ކުޑަވާނޭހެން ކުރަހާފައިވާ ޞޫރައެއްގެ އިންކާރުގައި ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ނިކުތުމުން އެމީހުން ޙައްޤަކާ ނުލައި ހައްޔަރުކޮށްފައިވާ މައްސަލަ ވެސް ސަލަފްގެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ބުނެފައި ވަނީ އެކަމާދެކޮޅަށް ނުކުތް މީހުންގެ ބޮލުގައި ދޮގުނުބައި އިލްޒާމް އަޅުވައި ފުލުހުންގެ މުއައްސަސާގެ ކަރާމާތް ކިލަނބުކޮށްފައިވާ ކަމަށެވެ.
"ފުރަތަމަ ދަނޑިވަޅު މިކަން ބައެއްފަރާތްތަކަށް ސާފުވެފައި ނެތް ކަމުގައި ވިއަސް، ރައްޔިތުން ހައްޔަރުކޮށް، ރައްޔިތުންނާ ކުރިމަތިލާން ނިކުންނަން ޖެހޭއިރު ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙަޤީޤަތް ބެލުމަކީ ސަރުކާރުގެ އެ މުއައްސަސާއެއްގެ ޒިއްމާއެކެވެ. މި ޒިއްމާ ނުނަގައި މައްސަލަވެސް ނުބަލާނަމަ އެކަންހިމެނިގެންދާނީ އިސްލާމްދީނާއި ޤަޥުމާއި ރައްތޔިތުންގެ ޙައްޤުގައި ވީ އިހްމާލެއް ކަމުގައެވެ." އެ ސިޓީގައި ވެއެވެ.
ސަލަފުން އެސިޓީގައި އަދި ބުނެފައި ވަނީ އިސްލާމްދީން ޙިމާޔަތް ނުކޮށް، ރައްޔިތުންގެ ކަރާމާތް ގެއްލުވައި، ޤާޥުމުގެ އިސްތިޤްލާލަށް ބުރޫ އަރާކަންކަން ފުލުހުންނާއި ޤާނޫނު ތަންފީޛުކުރަންތިބި ފަރާތްތަކުން ކުރާނަމަ ރައްޔިތުންނަކަށް ދެން އެއްވެސް ޤާނޫނެއްގެ ބޭނުމެއް ނޯންނާނެ ކަމަށެވެ. އަދި އިސްލާމްދީނުގެ އަޞްލާއި ސީދާ ޚިލާފުވެ، ޤާނޫނުތަކާއި (ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤަޥާޢިދާއި، ދީނީ އެއްބައިވަންތަ ކަމުގެ ޤަޥާޢިދާއި، ޢާއްމު އިޖްތިމާޢީ ޤަޥާޢިދާއި) ޤާނޫނު އަސާސީ އާއި ޚިލާފުވެފައިވާކަން ސަރުކާރުގެ އިސްލާމިކް މިނިސްޓްރީއިން އަންގާ މީޑިއާ ގައި ހާމަކުރުމަށް ފަހުވެސް ބުދުތަށް ޙިމާޔަތްކޮށް، އޭގެ ވަށައިގެން ފުލުހުން ލައްވައި ފޯރި މަރުވާފައިވުމީ ދިވެހިފުލުހުންގެ މުއައްސަސާއިން ޤާނޫނުގެ އެއްވެސް ކަރާމާތެއް ނުބެހެއްޓިކަމުގެ ސާފު ހެއްކެއް ކަމުގައި އެސިޓީގައި ބުނެފައި ވެއެވެ.
"މީގެ އިތުރުން ބައެއް ފުލުހުން އިސްލާމްދީނާއި، ޤާނޫނު އަސާސީ ގެ ޙާއްޤުގައި އިންކާރު ކުރުމުން އެފަރާތްތަކަށް ތަފާތު އިންޒާރުދީ، ފިއްތުންތައް ކުރިމަތިކޮށް އެއްބަޔަކު މަޖްބޫރުކޮށްގަދަކަމުން ނެރެފައިވާކަމުގެ ޝަކުވާ ލިބިފައިވުމީ ޚިޔާނާތުގެ ބޮޑުކަމާއި، ކުށުގެ ނުރައްކާތެރިކަން ހާމަކޮށްދޭ އިތުރު ހެކިތަކެވެ. ވީމާ ތިޔަ ކޮމިޝަނުން މި އެންމެހާ ކަމެއް ބަލައިދެއްވުމާއި އެކު އެކަމަށް ފިޔަވަޅު އަޅައިދެއްވުމަށް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އެދި ހުށައެޅީމެވެ." އެ ސިޓީގައި ބުނެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...