އަޅާލާނެ މީހަކުނެތި އެކަނިމާއެކަނި ގދ. ގައްދޫ ފަޅުގެއެއްގައި އޮތް އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ސެންޓުގޭ، ހުސެއިން ޖަމީލް، 56އ، މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ވިދާޅުވެފައި ވަނީ އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ޖަމީލްގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ގައްދޫގައި ދިރިއުޅޭ އޭނާގެ ތިމާގެ މީހެކެވެ. ޖަމީލުގެ ހަމައެކަނި ދަރިފުޅު އެވަގުތު ހުރީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޖަމީލަށް އަޅާލާނެ މީހަކު ނެތުމުން، އޭނާގެ ވާރިސަކު ހޯދުމަށް އެރަށު ކައުންސިލުން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ.
އޭގެ އިތުރުން ޖަމީލުގެ ބަލަދުވެރިޔަކު ނެތުމުން، އޭނާ އަށް ފަރުވާދީ ބެލުމަށް ގައްދޫ ސިއްހީ މަރުކަޒަށް އެ ރަށު ކޯޓުން އަމުކުރުކޮށްފައި ވެއެވެ. އެ އަމުރު ކޮށްފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް އޭރުވެސް ޖަމީލު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެރަށު ކޯޓުގެ މެޖިސްޓްރޭޓް އޭރު ވިދާޅުވެފައި ވަނީ ބަލިމީހާގެ ހުރި ހަމައެކަނި ދަރިފުޅު ހުރީ ބޭރުދަތުރުކުރަން ރާއްޖޭން ބޭރުގައި ކަމަށާއި، އޭނާގެ ބަލަދުވެރިއަކު މާލޭގައި އެބަހުރި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަމީލު މަރުވެގެން ދިޔައީ އާއިލާގެ މާ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ނެތިއެވެ.
ޖަމީލަކީ އެރަށުގައި ކުރިން ހޮޓަލަކާއި ފިހާރައެއް ހުޅުވައި ހިންގަމުން ދިޔަމީހެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...