
ފަލަސްތީނަށް ގަދަކަމުން ވެރިވެގެން އުޅޭ ޔަހޫދީންގެ ބަޔަކު ފަލަސްތީނުގެ ޒައިތޫނި ގަސް ދަނޑަކަށް ގެއްލުން ދޭން މަސައްކަތްކުރަނީ
ފަލަސްޠީނުގެ ޢާއިލާއެއް އެމީހުންގެ ދަނޑުގައި މަސައްކަތް ކުރަންތިއްބާ އެހިސާބުގަނޑުގައި ޤަވާޢިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ބަޔަކު، އެމީހުންނަށް ޙަމާލާދީފިއެވެ.
މި ޙާދިސާ ހިނގައިފައިވަނީ "ބައިތުލަހަމް" ގެ ކައިރީގައި އޮންނަ "އަލް ޚަޟްރު" އަވަށުގައި އިއްޔެއެވެ. ޕެލަސްޓައިން ނިއުސް އެންޑް އިންފޯ އޭޖެންސީ އިން ހާމަކޮށްފައިވާގޮތުގައި ފަލަސްޠީނު ޢާއިލާގެ އެ ދަނޑު އޮންނަނީ ޤަވާޢިދާ ޚިލާފު ޔަހޫދީ އާބާދީއެއްގެ ކައިރީގައެވެ.
ޔަހޫދީންގެ ޙަމަލާ އަމާޒުވި ޢާއިލާގެ މެމްބަރެއްކަމުގައިވާ ޙަސަން ޞަލާހް ބުނިގޮތުގައި ޔަހޫދީންތައް އެމީހުންގެ ދަނޑަށްވަދެ ދަނޑުގައި ޒައިތޫނިގަސް އިންދަމުންދިޔަ މަންޒަރުފެނުމުން އެމީހުންނަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ.
ޙަސަން ބުނިގޮތުގައި ޔަހޫދީންތައް ހުއްޓުވަން އެމީހުން މަސައްކަތްކުރުމުން ޔަހޫދީންވަނީ އެމީހުންގެ ކުއްތާތަކާއި ދަނޑިބުރިތަކުން ޙަސަންގެ ޢާއިލާގެ މެމްބަރުންނަށް ޙަމަލާދީފައެވެ. އަދި އޭގެ ސަބަބުން ޢުމުރުން ހަތްދިހަ އަހަރުވެފައިވާ އެމީހުންގެ މަންމަވެސް ވަނީ ޒަޚަމްވެފައެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ފަލަސްޠީނުގެ ދަނޑުބިންތަކަށް ޔަހޫދީ ވަޒަންވެރިން މިހާރު ދެމުންގެންދާ ޙަމަލާތަކަކީ އިތުރު ޔަހޫދީ އާބާދީތައް ބިނާކުރުމަށްޓަކައި ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ހިންގާ ޖަރީމާތަކެކެވެ.
___________
މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ
ކޮމެންޓް (0)
ލޯޑް ކުރަމުން...