
ހިތަދޫގައި ބެހެއްޓި ބުދުތައް އަދި ބުދުތައް ހިމެނޭ ބިނާ ވައްޓާލާފައި - ފޮޓޯ : ރާއްޖެ ވިއު އަދި އައްޑޫ އޮންލައިން
ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން ވަގުތުން ދޫކޮށްލުމަށް ޢަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.
ޢަދާލަތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބުދުތަކާ ދެކޮޅަށް ތެދުވި ޒުވާނުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދިފާޢުގައި ތެދުވި ޒުވާނުން ކަމަށެވެ. އަދި އެމީހުން ހިފާ ހައްޔަރުކޮށްފައި ވަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށް ޢަދާލަތުން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބަހައްޓާފައެވެ. ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް ހަލާކުކޮށްލާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް ޙިމާޔަތްދީފައެވެ.
ފުލުހުން މީޑިއާ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދެ މީހަކު ހައްޔަރުކުރީ ބުދުތައް ހިމެނޭ ބިނާއަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްޗަކަށްވާތީ އެ ޢަމަލަކީ ސަރުކާރުގެ އެއްޗަކަށް ގެއްލުން ދިނުން ކަމަށްވާތީ އެވެ.
ފުލުހުންގެ މި ބުނުމަށް ރައްދު ދެމުން، ޢަދާލަތުން ބުނީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަޥާއިދުތަކާ ޚިލާފަށް އެތެރެކޮށް ރައްކައުތެރިކުރަމުންދާ ބުދުތައް ހިމެނޭ އެ ބިނާ އަކީ ސަރުކާރުގެ "މުދަލަކަށް" ދެކުމަކީ ޢަދާލަތުން ނުހަނު ކަންބޮޑުވެ، އެންމެ ހަރުކަށި ޢިބާރާތުން ދެކޮޅުހަދާ ކަމެއް ކަމަށެވެ.
ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން މިދިޔަ ހުކުރު ދުވަހު ވަނީ 7 ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ދެ ޒުވާނުންގެ ތެރެއިން ސ.ހިތަދޫ، އަންކާ، މުޙައްމަދު ނިހާދު ޖަމާލްގެ ޢާއިލާގެ ފަރާތުން މިދިޔަ ހުކުރު ދުވަހު "ދިއިސްލާމް" އަށް މަޢުލޫމާތު ދިން ގޮތުގައި ނިހާދުގެ ލޯޔަރެއް ވެސް ހަމަޖައްސާފައި ހުއްޓާ ފޭދޫ ކޯޓަށް ބަންދުގެ މުއްދަތު ޖައްސުވަން ދިޔައީ ލޯޔަރަށް ވެސް އަދި ޢާއިލާ އަށް ވެސް އެންގުމަކާނުލާ ކަމަށެވެ. އަދި މިމައްސަލާގައި ފުލުހުން ހިތަދޫ ކޯޓަށް ދިއުމުގެ ބަދަލުގައި ފޭދޫ ކޯޓަށް ދިޔައީ އެކަން ލޯޔަރަށާއި ޢާއިލާ އަށް އެނގިދާނެތީ ކަމަށް ނިހާދުގެ ޢާއިލާއިން ބުންޏެވެ.
އެ ބުދުތައް ރާއްޖެ އެތެރެކޮށް ބެހެއްޓި މައްސަލާގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ވެސް ކަމާބެހޭ މުއައްސަސާތަކަށް ޢަދާލަތުން ގޮވާލާފައި ވެއެވެ.
"އިސްލާމްދީނާ ޚިލާފް ކަންކަމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ އަޅުކަންކުރާ ތަކެތި ރަމްޒުކޮށްދޭ ބައިތަކެއް ހިމެނޭ އެ މޮނިއުމަންޓް ރާއްޖެ އެތެރެކުރުމާއި، ބަހައްޓަން މަސައްކަތްކުރުމާއި، ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، އެތައް ޤާނޫނަކާއި ޤަވާއިދަކާ ޚިލާފަށް ހިންގާފައިވާ ކަންކަންކަމުގައި ޢަދާލަތު ޕާޓީން ދެކެމެވެ." ޢަދާލަތުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ޢަދާލަތުން ބުނީ މުޅި މައްސަލަ ޤާނޫނު އަސާސީގެ އެތައް މާއްދާއަކާއި ޚިލާފުވުމުގެ އިތުރުން، އެ ބިނާ އެތެރެކުރުމުގައި ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) އާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އެޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އަޅުކަންކުރަން ގެންގުޅޭ ބުދު ގެނައުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމައި، ދިނުމާއި، ފެތުރުމަކީ މުޅިން މަނާކަމެއްކަމަށްވެފައި، އެކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށްތަކެއް ކަމުގައި ޢަދާލަތުން ބުންޏެވެ.
"މީގެ އިތުރުން، އެ ބިނާ އެތެރެކުރުމުގައި ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަޥާޢިދާ ޚިލާފުވުމާއި، އެ ބިނާ ބެހެއްޓުމުގެ މަސައްކަތްކުރުމާއި ބެހެއްޓުމުގައި ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަޥާޢިދާއި، 2010/11 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު) އާއި ޚިލާފުވުމާއި، މިކަމާ ގުޅިގެން ފުލުހުންގެ ވާޖިބު އަދާކުރުމުގައި ޤާނޫނު ނަންބަރު 2008/5
(ފުލުހުންގެ ޤާނޫނު) އާ ޚިލާފުވުން ޢަދާލަތު ޕާޓީއަށް ފާހަގަކުރެވެއެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
ހިތަދޫގައި ބެހެއްޓި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިދިޔަ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވެއެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބުދުތައް ބެހެއްޓުން ފަދަ ކަންތައްތަކަކީ ސަރުކާރު ހިންގާ ޕާޓީން ދިވެހިރާއްޖެ ހަލަބޮލިކޮށްލައި، އެބައިމީހުންގެ ލާދީނީ އެޖެންޑާއެއް ޙާޞިލްކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...