ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ސ.ހިތަދޫ، އަންކާ، މުޙައްމަދު ނިހާދު ޖަމާލް މިރޭ 20:30 ހާއިރު ގޭބަންދަށް ބަދަލުކޮށްފިއެވެ. ނިހާދު ގޭގައި ބަންދުކުރީ 7 ދުވަހަށެވެ.
ނިހާދުގެ ޢާއިލާގެ ފަރާތުން "ދިއިސްލާމް" އަށް މަޢުލޫމާތު ދިން ގޮތުގައި ނިހާދުގެ ބަންދުގެ މުއްދަތު ފުލުހުން ޖައްސުވާފައި ވަނީ އިއްޔެ ފޭދޫ ކޯޓަށް އޭނާ ގެންގޮސްގެންނެވެ. ފުލުހުން ކުރި ސުވާލުތަކަށް ނިހާދު ޖަވާބު ނުދީ ހަނުހުރި ކަމަށާއި، ފުލުހުން އޭނާ ނުކުރާ ކަންތައްތަކެއްގެ ތުހުމަތު އޭނައަށް ކޮށްފައިވާ ކަމަށް ޢާއިލާ އިން ބުންޏެވެ.
ޢާއިލާ އިން ބުނީ ނިހާދުގެ ލޯޔަރެއް ވެސް ހަމަޖައްސާފައި ހުއްޓާ ފޭދޫ ކޯޓަށް ބަންދުގެ މުއްދަތު ޖައްސުވަން ދިޔައީ ލޯޔަރަށް ވެސް އަދި ޢާއިލާ އަށް ވެސް އެންގުމަކާނުލާ ކަމަށެވެ. އަދި މިމައްސަލާގައި ފުލުހުން ހިތަދޫ ކޯޓަށް ދިއުމުގެ ބަދަލުގައި ފޭދޫ ކޯޓަށް ދިޔައީ އެކަން ލޯޔަރަށާއި ޢާއިލާ އަށް އެނގިދާނެތީ ކަމަށް ނިހާދުގެ ޢާއިލާއިން ބުންޏެވެ.
ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ނިހާދުގެ އިތުރުން ފުލުހުން ހައްޔަރުކުރި އަނެއް ޒުވާނާ ވެސް މިއަދުގެ ހެނދުނުގެ ވަޤުތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބެހައްޓާފައެވެ. ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް ހަލާކުކޮށްލާފައި ވަނީ ބުދަ ދުވަހުގެ ރޭގައެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް ޙިމާޔަތްދީފައެވެ.
ހިތަދޫގައި ބެހެއްޓި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...