
ޖަމްޢިއްޔަތުއްސަލަފުން މިއަހަރު ބޭއްވި އަހަރީ ޖަލްސާގެ ތެރެއިން - ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް
ނަބިއްޔުންގެ ކަރާމާތް ނަގާލައި، އިސްލާމްދީނުގެ އަޤީދާ ފުނޑުފުނޑުކޮށް އިސްލާމްދީނަށް ގޮންޖަހާލަން މަސައްކަތްކުރާ އަނިޔާވެރި ބައެއްގެ ސަބަބުން ދިވެހި އުއްމަތުގައި ތިބި ޣީރަތްތެރި މުސްލިމުން، އިސްލާމްދީނާއި ނަބިއްޔުންގެ ދިފާޢުގައި ޖިހާދުކުރުމަށް ނުތެދުވަނީސް، ނޭއްގާނީ އެންމެހާ ކަމެއް ހުއްޓުވައި، ދިވެހި ޖައްވު ޠާހިރުކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ގޮވާލައިފި އެވެ.
އެޖަމްޢިއްޔާއިން މިފަދައިން ގޮވާލާފައިވަނީ 17 ވަނަ ސާކް ސަމިޓް އިޝްތިހާރުކުރުމުގެ ނަމުގައި ކްރިސްޓިއަން ދީނުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރާ، އީސާގެފާނުގެ ސޫރަ އާއި، ލާދީނީ ރަމްޒުތައް ހިމެނޭ ބެނާތަކެއް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުތަކުގައި ސަރުކާރުން ހަރުކުރަން ފެށުމާ ގުޅިގެން، އެކަމާ ދެކޮޅަށް މިއަދު ހަވީރު ނެރުނު ކުއްލި ނޫސް ބަޔާނެއްގައެވެ.
ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއިކުރައްވާ ނެރެފައިވާ އެ ބަޔާނުގައި ބުނަނީ މާތް ﷲ ފޮނުއްވާފައިވާ އެއްވެސް ނަބިއްޔެއްގެ ޤަދަރުކުޑަވާފަދަ ކަމެއް ކުރުމަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާނެ ކަމެއް ކަމަށެވެ. ޢީސާ އަލައިހިއްސަލާމްގެ ކަރާމަތަށް ހުތުރުވާފަދަ އެއްވެސް ރަމްޒެއް ވިޔަސް، އެފަދަ ނިޝާނެއް ވިޔަސް އަދި ކުރެހުމެއް ވިޔަސް ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާ އަދި އެކަންކަން ލޮލަށް ހާނުވާލައިގެން ތިބުމީވެސް އެއްވެސް ޙާލެއްގައި މުސްލިމުންގެ ތެރޭގައި ހުއްދަކުރެވޭނެ ކަންކަމެއް ނޫން ކަމުގައި ސަލަފުން ބުންޏެވެ. އަދި ސަލަފުން ބުނި ގޮތުގައި އެފަދަ ކަމެއް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ކުރުމަކަށް ތަންދެވިގެންވެސް ނުވާނެއެވެ.
"އެއްވެސް ނަބިއްޔަކާމެދު ކުޑައިމީސްކޮށް ބަހެއް ބުނެ، ކަމެއް ކުރުމީ ހުރިހާ ނަބިއްޔުންނާއި، ރަސޫލުންގެ ކަރާމާތް ނަގާލާއިފި މީހެއް ކަމުގައްޔާއި، ރަސޫލުންނަށް ފުރައްސާރަކުރާ މީހާ މުރުތައްދުވުމުގެ ސަބަބުން ޤަތުލުކުރަންޖެހޭ ކަމުގައިވެސް މުސްލިމް އުއްމަތުގެ އެންމެހާ ދަންނަބޭކަލުން ވަނީ އިއްތިފާޤުން ކަނޑައަޅުއްވާފައެވެ." ސަލަފްގެ ބަޔާނުގައި ވެއެވެ.
ސަލަފުން ބުނީ ކެބިނެޓް ތެރެއިން އެފަދަ ރަމްޒެއް ފާސްވެގެން އަންނަނަމަ އެކަމަކީ ދިވެހި ޤައުމު އިސްލާމީ އިސްތިޤްލާލްކަންމަތީ އޮވެދާނެ ކަމާމެދު ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، މި ބިމުގައި އިސްލާމްދީން ނޫން ދީނެއްގެ ޝިޢާރެއް ފާޅުކުރުމީ އެއްވެސް ޙާލެއްގައި ދިވެހި މުސްލިމް ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ސަލަފުން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...