ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށްޓަކައި ނެގި ވޯޓްގައި، އިސްލާމީ ޤައުމެއްގެފަރާތުން ފެނިގެންނުވާނެފަދަ ފިނޑި އަދި ލަދުވެތި ޢަމަލެއް ރާއްޖޭގެ މަންދޫބުން ދައްކާފައިވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ އަޟްހާ އީދުގެ ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ދެންނެވުމަށް މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ބަޔާނެއްގައެވެ.
ޤައުމުގެ ހާލަތާ ބެހޭގޮތުން ސިފަ ކުރައްވަމުން ތަސްމީންގެ ބަޔާންގައި ވަނީ މިއަދަކީ އަޅުގަނޑުމެނަށް ވަރަށްތަފާތު އިޙްސާސްތަކެއް ކުރުވަމުންދާ ދުވަހެއް ކަމަށާއި ޙައްޖުގެ ބަރަކާތާއި އަޟްޙާ ޢީދުގެ އުފާވެރިކަން އަޅުގަނޑުމެން އިޙްސާސްކުރަމުންދާއިރު، ޤައުމުގެ ޙާލު ގެންދަނީ އަޅުގަނޑުމެންގެ ހިތްތައް މޯޅިކުރަމުން ކަމުގައެވެ.
އިސްލާމީ އުއްމަތަށް ނަޒަރު ހިންގާލައްވާ ތަސްމީން ވިދާޅުވެފައިވަނީ ފެންނަމުންދާ މަންޒަރަކީ ދުވަހެއް ދުވަހަކަށް މި އުއްމަތުގެ ހައިބަތާއި ޤަދަރު ހަސްފަސްވެ ފުނޑުފުނޑުވާ މަންޒަރު ކަމަށާއި ދީނުގެ ޢަދުއްވުންގެ ނުބައި ޙީލަތްތަކުގައި ޖެހި އަމިއްލަ ދީނާއި ޤައުމު ބޭރުގެ ނުފޫޒުތަކާއި ދިމާއަށް ދީއްލާލައި ބައްސާލައި މަންޒަރުކަމަށެވެ. އެކަމު ގެ ނަތީޖާ ބަޔާން ކުރައްވަމުން އޭނާ ވިދާޅުވި ނަތީޖާއަކަށްވަނީ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތިގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައިވެސް އަޅުގަނޑުމެނަށް "ފަރުވާކުޑަކޮށްލެވޭ" ޙާލަތު ފެންނަމުންދާންފެށިކަމަށެވެއެވެ.
އެކަމުގެ މިސާލެއް ޖައްސަވަމުން އޭނާ ވިދާޅުވި ދާދި މިދާކަށްދުވަހު، ފުރާންސްގެ ވެރިރަށް ޕެރިހުގައި ނިމިގެންދިޔަ ޔުނެސްކޯގެ ބައްދަލުވުމުގައިވެސް،އިސްލާމީ ޤައުމެއްގެފަރާތުން ފެނިގެންނުވާނެފަދަ ފިނޑި ލަދުވެތި ޢަމަލެއް ކަމަށާއި ދިވެހިރާއްޖެ ތަމްޘީލުކުރި މަންދޫބުން ދައްކާފައިވާ ކަމަށެވެ. މިލޮބުވެތި ޤައުމުގެ ޝަރަފާއި ޢިއްޒަތް އިސްލާމީ އުއްމަތުގެ ކުރިމަތީގައި އަދި މުޅިދުނިޔޭގެ ކުރިމަތީގައިވެސް ވެއްޓިގެންދިޔަ ދިޔުމެއްކަމުގައި މިކުރެވުނު ހުތުރު ޢަމަލުގެ ވެގެންދިޔަކަމަށް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވި ދީނީ މިފަދަ ކޮންމެ މުނާސަބާއެއް ފާހަގަކުރެވޭއިރު، ޢާންމުކޮށް އިސްލާމީ އުއްމަތަށް ޚާއްޞަކޮށް މިލޮބުވެތި އިސްލާމީ ވެއްޓަށް ކުރިމަތިވެފައިވާ ކަންކަމާމެދު ވިސްނައި ފިކުރު ހިންގަން ޖެހޭނެކަމަށާއި އަދި މިކުރެވޭ އިޙްތިފާލުތަކުން ފިލާވަޅުލިބިގަނެ، ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ ޢަޒުމު ކަނޑައަޅަން ވެސްޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ހާލަތާއި ބެހޭ ގޮތުން ތަސްމީން ވިދާޅުވި ޤައުމުގެ އިޤްތިޞާދުގެ ދުވެލި ފަހަތަށް ޖެހެމުންދާކަމަށާއި ސަރުކާރުގެ ހިންގުން ބޮއްސުންލައި ރައްޔިތުން ދަރަނިވެރިވަމުންދާ ކަމެށެވެ. އަދި ޤައުމަށް ތަޢާރަފުކުރެވުނު ޑިމޮކްރަސީގެ އައު ނިޒާމުގެ މައިތަނބުތައް ނެތިކޮށްލައި، ބޯދާ ވެރިކަމުގެ ހަރުކަށި ގޮތްތައް އަލުން އިޢާދަކުރަން އުޅޭމަންޒަރު ކޮންމެ ދުވަހަކުހެން ފެންނަމުން ކަށަވަރުވަމުންދާ ކަމަށެވެ. އަދި ޑިމޮކްރަސީއެއް އާލާވެ ކުރިއެރުމުގެ އެންމެ މުހިންމު ބަހާކަމުގައިވާ މިނިވަން މުސްތަޤިއްލު ޢަދުލު އިންސާފުގެ ބާރު މިޤައުމުން ނެތިކޮށްލަން ހަމަލާތަކެއް ކުރިމަތި ކުރުވާ މަންޒަރު ކަމަށެވެ.
އިޤްތިޞާދީ ފުން އަނދަވަޅަކަށް މިޤައުމު ވައްޓައިލާން ކުރެވޭ މަސައްކަތްތައް ފަހަށްޖައްސައި ހުއްޓުމަށްޓަކައި ކުރަންވީ ކަންތައްތަކާއި ބެހޭ ގޮތުން ތަސްމީން ވިދާޅުވި ޤައުމުގެއަގު އިސްކުރުމުގެ ރޫޙު ހިތްތަކުގައިޖަހަމުންދާ ފަހުލަވާނުންގެ ސަފުތައް އެކީއެއްހަމައެއްގައި ރުކުރުވާލަންޖެހޭ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...