ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި، އިސްލާމީ އަޤީދާ އާއި ސިޔާދަތު ރައްކާތެރިކުރުމަށް އެއްބަނޑު އެއްބަފާ ކަމުގެ ރޫހުގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެ އެވެ.
ޝައިޚް އިލްޔާސް މިހެން ވިދާޅުވީ ޢަދާލަތުގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނާއި މުޚާޠަބުކުރައްވައި "ދިޓީވީ" މެދުވެރިކޮށް ރޭ ދެއްވި ޚިޠާބެއްގައެވެ.
ޝައިޚް ވިދާޅުވީ މިހާރަކަށް އައިސް، މުޖުތަމަޢުގެ އަމާންކަމާއި އޮމާންކަން ގެއްލި، ފާޙިޝް ކަންތައްތައް އާއްމުވަމުން ދާތަން ފެންނަމުންދާ ކަމަށެވެ.
"ވީމާ، މިފަދަ ކަންތައްތައް ހުއްޓުވާ އަޅުގަނޑުމެންގެ މުޖުތަމަޢު އަމާންކަމުގެ ގޯއްޗަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން އެންމެން ވެސް އެކަތިގަނޑަކަށްވެ އިސްލާމީ ވަހުދަތުގައި ހިފަހައްޓައިގެން އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނުގެ އިސްލާމީ އަޤީދާ އާއި ސިޔާދަތާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ވާޖިބު ކަމެއް." ޝައިޚް އިލްޔާސް ވިދާޅުވި އެވެ.
ޝައިޚް އިލްޔާސް ވިދާޅުވި ގޮތުގައި ޢަދާލަތު އުފެދުނީ މުޖުތަމަޢުގައި ފެތުރެމުންދާ މުންކަރާތްތައް ނަހީކޮށް ޒުވާނުންނަކީ ހަރުދަނާ، އަޚްލާޤީ ދީނީ ބައަކަށް ހެދުމުގެ މަޤްޞަދުގައެވެ. އަދި ޢަދާލަތުގެ މަސައްކަތުން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކުރެވިފައިވާ ކަމަށް ޝައިޚް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ ޚިޔާލު ތަފާތުވުމަކީ ދިމާވާނެ ކަމެއް ކަމަށާއި، ނަމަވެސް ޢަދާލަތަކީ ބައިބައިވެގެން ދާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެއްބައެއްގެ ގޮތުގައި ތިބުމަކީ މާތްﷲ ނަޞްރު ދެއްވަވާނެ ކަމެއް ކަމަށް ކީރިތި ޤުރުއާނުގެ އާޔަތުން ދަލީލު ދެއްކެވިއެވެ. ޢަދާލަތަކީ ގައުމުގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ އަރާނެ އެއްވެސް ކަމެއް ކުރާނެ ޕާޓީއެއް ނޫންކަމަށާ ޢަދާލަތުން އަބަދުވެސް މަސައްކަތްކުރާނީ ޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރަން ކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވި އެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނުން ޢަދާލަތު ވަކިވާން ނިންމި ނިންމުމަކީ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން ތާއީދުކުރާކަމެއް ކަމަށެވެ. އެގޮތުން އެ މަޖިލީހުގައި ތިއްބަވާ 12 މެމްބަރުންގެ ތެރެއިން 3 މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ވެސް ސަރުކާރުގެ ކޯލިޝަނުން ވަކިވުމަށް ތާއީދު ކުރައްވާ، އެއީ އަވަހަށް ކުރަންވެފައި އޮތް ކަމެއް ކަމަށް ވިދާޅުވެފައި ވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...