މިދިޔަ އަހަރު އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަޤްރީރުކުރަމުން ދަނިކޮށް، އޭނާގެ ވާހަކައަށް ހުރަސްއެޅިކަމަށްބުނެ، އެމެރިކާގެ 10 ކިޔަވާ ކުއްޖަކަށް ޙުކުމް އިއްވައިފިއެވެ. އެކުދިންނަށް އިއްވާފައިވަނީ 56 ގަޑިއިރުގެ އިޖްތިމާޢީ މަސައްކަތް ކުރުމުގެ ޙުކުމެކެވެ.
ސަދަން ކެލިފޯނިއާ ޔުނިވަރސިޓީގެ މުސްލިމް ސްޓޫޑެންޓް އެސޯސިއޭޝަނުންގެ ފަރާތުން އިންތިޒާމްކުރި މި ހަޅުތާލުގައި އިޒްރޭލުގެ ޑިޕްލޮމޭޓް މައިކަލް އޯރެން ވާހަކަދައްކަމުން ދަނިކޮށް ދަރިވަރުންވަނީ އެކުދިންގެ ޚިޔާލުފާޅުކޮށްފައެވެ. އެގޮތުން، މީހުން މަރާ، އެކަމުގެ މޮޅު ވާހަކަ ދެއްކުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވާކަމެއް ނޫންކަމަށާއި، މީހުން މަރާ ޤާތިލެއްގެ ތަޤްރީރެއް ޔުނިވަރސިޓީއިން އިންތިޒާމުކުރުމަކީ ލަދުހުތުރުކަމެއްކަމުގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.
އެހެންނަމަވެސް، ދަރިވަރުން މި އިޙްތިޖާޖްގެ ސަބަބުން ތަޤްރީރު ހުއްޓުނީ އެންމެ މިނެޓަކަށްކަމަށް ދަރިވަރުންގެ ފަރާތުން ވަކާލާތުކުރި ވަކީލަކު ހާމަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރުމުގެ ޙައްޤަކީ އެމެރިކާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤެކެވެ.
މިޙުކުމުގެ ސަބަބުން އެމެރިކާގައި ފަރުދީ މިނިވަންކަމުގެ ޙައްޤުއޮތް މިންވަރާއިމެދު ސުވާލު އުފެދިފައިވާކަމަށް ސަދަން ކެލިފޯނިއާގެ މުސްލިމް ކޮމިއުނިޓީއިން ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން، މިއީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ޢާންމު ކަމެއްކަމަށްވާއިރު، މީގެ ކުރިން މިފަދަ ޙުކުމްތަކެއްކޮށްފައިވެސް ނުވެއެވެ. އަދި އެޖަމްޢިއްޔާއިން ހާމަކުރައްވާގޮތުގައި މިއީ އެމެރިކާގެ ޖިނާޢީ ޢަދުލުގެ ނިޒާމާއިމެދު އިތުބާރުގެއްލިގެންދާނޭފަދަ ޙުކުމެކެވެ.
އިސްލާމްދީނާއިމެދު ކުރެވޭ ކުށްހީތަކުގެ ސަބަބުން ޢަރަބި އަދި މުސްލިމް ދަރިވަރުންނަށް އެކުދިންގެ ޝުޢޫރު ފާޅުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް، މިފަދަ ޝަރީޢަތްތަކުގެ ސަބަބުން އެކުދިންގެ ބިރު ކެނޑި، ޝައުޤުވެރިކަން އިތުރުވަމުންދާކަމަށްވެސްވެއެވެ. އަދި ފޭސްބުކާއި އީމެއިލްގެ ޒަރިއްޔާއިން އެކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށްވެސް މިހާރު ޖެހިލުންނުވާކަމަށްވެއެވެ.
އިޒްރޭލުގެ ސަފީރުގެ ތަޤްރީރަށް ހުރަސް އެޅުމުގެ މިޙަރަކާތް ރޭވުމުގެ ކުށުގައި ޔުނިވަރސިޓީގެ މުސްލިމް ސްޓޫޑެންޓް ޔޫނިއަން ދިރާސީ އަހަރުގެ ވަކި މުއްދަތަކަށް ސަސްޕެންޑްކުރެވިފައިވެއެވެ. އަދި ދެ އަހަރު ދުވަސް ވާންދެން، އެ ޔޫނިއަންގެ ޙަރަކާތްތަކަށް ޔުނިވަރސިޓީއިން ބަލައި ފާރަވެރިވާނެއެވެ.
______
މަޞްދަރު: އަލްޖަޒީރާ

ކޮމެންޓް (0)
ލޯޑް ކުރަމުން...