ދިއިސްލާމް ދީނީ އެއްބައިވަންތަކަމާ ބެހޭ ޤަވާއިދަކީ ހޭޖެހޭ ގޮތަކަށް ހަދާފައިވާ ޤަވާއިދެއް ނޫން: ޖަމްޢިއްޔަތުއްސަލަފް

ދީނީ އެއްބައިވަންތަކަމާ ބެހޭ ޤަވާއިދަކީ ހޭޖެހޭ ގޮތަކަށް ހަދާފައިވާ ޤަވާއިދެއް ނޫން: ޖަމްޢިއްޔަތުއްސަލަފް

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

ރައީސް އޮފީހުގައި އަހަރަކަށްވުރެ ގިނަ ދުވަސްވުމަށްފަހު، އިއްޔެ އެ އޮފީހުން ގެޒެޓް ކުރި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދަކީ ހޭޖެހޭ ގޮތަކަށް ހަދާފައިވާ ޤަވާއިދެއް ނޫން ކަމަށާއި އެ ޤަވާއިދަކީ ރާއްޖޭގެ ޤާނޫނުގެ ދަށުން ލިބިފައިވާ ދީނީ މިނިވަންކަން ހަނިކުރާ ޤަވާއިދެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެފިއެވެ.

ދިއިސްލާމަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ އެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނާ ދީނީ ތަޤްރީރު ކުރުމާއި ދީނުގެ ޙުކުމްތައް ބަޔާންކޮށްދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދޫކުރެވޭނެ ޝަރުޠުތަކާއި އެމާއްދާގެ (ރ) އާއި މުޅިން ޚިލާފުވާ ކަމަށެވެ. 2 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ "މި މާއްދާގެ (ށ) ގައި ބުނާ ޝަރުޠުތައް ހަމަ ނުވި ކަމުގައިވިޔަސް، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ކަންކަން އުނގަންނައިދިނުމާއި، ދީނުގެ ޚިދުމަތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިތިބި މީހުންގެ ތެރެއިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ބަޔަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ދޫކުރެވިދާނެ" ކަމަށެވެ.

ޝައިޚް ޢަބްދުﷲ ވިދާޅުވީ އެ ޝަރުޠުތައް ހަމަނުޖެހޭ ކަމަށާއި، ހުއްދަ ދެވޭ މީހާ އަކީ މުސްލިމަކަށް ވާން ޖެހޭނެ ކަމަށް (ށ) ގެ ޝަރުޠު 1 ގައި ބުނެފައިވިޔަސް މުސްލިމަކަށް ނޫނަސް (ރ) ގެ ދަށުން ހުއްދަ ދެވިދާނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީ އަށް ފެނިއްޖެ ޙާލަތެއްގައި (ށ) ގައި ބުނާ ޝަރުޠުތައް ހަމަނުވިޔަސް (ރ) ގެ ދަށުން ހުއްދަ ދެވޭނެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އަކީ ސަރުކާރުގެ ސިޔާސީ ޕޯސްޓެއް ކަމަށާއި އެއީ މުސްތަޤިއްލު ތަނަކަށް ނުވާއިރު އޭރަކު ވެރިކަން ކުރާ ޕާޓީއެއް ބޭނުންވާ ފަދަ އަކުން މި ހުއްދަ ދިނުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

"ދީނުގެ ޙުކުމްތައް ބަޔާންކުރުމާއި ދީނީ ތަޤްރީރު ކުރުމުގެ ޢާންމު އުޞޫލު" ބަޔާންކުރާ 5 ވަނަ މާއްދާގެ (ކ) ގައި ބުނާ "ދީނުގެ ނަމުގައި، ތަޢުލީމާއި ޞިއްޙަތުން މަޙްރޫމް ކުރުމާއި، ދެޖިންސުގެ މެދުގައި، ނުވަތަ ނަސްލުތަކުގެ މެދުގައި އަދި މިނޫންވެސް ގޮތަކުން ތަފާތުކުރުމަށް ގޮވާލާ ކަމުގައި މާނަކުރެވޭ ފަދަ ގޮތަކަށް ނުވަތަ އެފަދަ ކަންކަމަށް ބާރުއަޅައި ވާހަކަ ނުދެއްކުން" މި ނުކުތާއާ މެދު ޝައިޚް ޢަބްދުﷲ ވިދާޅުވީ ރާއްޖޭގައި ހުރި އަރަބި ބަހުން ތަޢުލީމްދޭ ސްކޫލްގެ ޖާގަ މަދުކޮށް އެސްކޫލްގައި ކިޔަވަން ބޭނުންވާ ކުދިން ތަޢުލީމުން މަޙްރޫމްކޮށްފައިވާ ކަމަށެވެ. އަދި މިނުކުތާ އަކީ ހަމައެކަނި ބައެއް ވިސްނުމުގެ މައްޗަށް މަދުބަޔަކަށް ނިޞްބަތްކޮށް ހަދާފައިވާ ނުކުތާއެއް ކަމަށެވެ.

ދެޖިންސުގެ މެދުގައި ތަފާތުކުރުމަށް ގޮވާލާ ކަމުގައި މާނަކުރެވޭ ފަދަ ގޮތަކަށް ނުވަތަ އެފަދަ ކަންކަމަށް ބާރުއަޅައި ވާހަކަ ނުދެއްކުމަށް އެނުކުތާގައި ބަޔާން ކުރެވިފައި ވަނީ ކީއްވެގެން ކަމެއް އެނގިނުލައްވާ ކަމަށާއި، ކީރިތި ޤުރުއާނުގައި ދެޖިންސުގެ ތަފާތުކުރުން ބަޔާންކުރައްވާފައިވާ ކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

5 ވަނަ މާއްދާގެ (މ) ގައި ބުނާ "ދަންނަބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވުން ހުރި މައްސަލައަކަށް ވާހަކަދައްކައި ވަކި އެއްގޮތަކަށް ބުރަވާނަމަ، އެ މައްސަލަ އަކީ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އޮންނަ މައްސަލައެއް ކަން ބަޔާންކުރުމާއެކު ރާއްޖޭގައި އޮންނަ ދީނީ ޢުރުފަށް ރިޢާޔަތްކޮށް، ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަށް ބުރަވާގޮތަށް ބަޔާންކުރުން" މި ނުކުތާއާ މެދު ޝައިޚް ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޢުރުފަށް ރިޢާޔަތްކޮށް، ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަށް ބުރަވާގޮތަށް ބަޔާންކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ޢުރުފުގައި ދީނާއި ޚިލާފް ކަންތައްތައް ހުރުމުން ކަމަށެވެ.

5 ވަނަ މާއްދާގެ (ދ) ގައި ބުނާ "އެއްވެސް ދީނެއްގެ އަހުލުވެރިންނާމެދު މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައި، އެމީހުން ކުޑައިމީސްކޮށް، އެމީހުންގެ އިންސާނީ ޝަރަފު ގެއްލިގެން ދާގޮތަށް ވާހަކަނުދެއްކުން" މި ނުކުތާއަކީ ކީރިތި ޤުރުއާނާއި ޚިލާފު ނުކުތާއެއް ކަމަށް ޝައިޚް ޢަބްދުﷲ ސިފަކުރެއްވިއެވެ. ޝައިޚް ޢަބްދުﷲ ވިދާޅުވީ ޤުރުއާނުގެ ސަރީހަ އިބާރާތުގައި އެހެން ދީންތަކުގެ މީހުންނާމެދު ބަޔާންކުރައްވާފައިވާ ކަމަށާއި މިނުކުތާއިން ޤުރުއާނުގެ ތަރުޖަމާ ކިޔުމާއި، އަލްހަމްދު ސޫރަތުގެ މާނަ ކިޔުންވެސް މަނާކުރާ ކަމަށެވެ.

މާއްދާ 6 އާއި 7 ގެ (ހ) އާއި 12 ގެ (ށ) އަށް އަލިއަޅުވާލައްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ. އެގޮތުން ޢާންމުތަންތަން ފިޔަވައި އެހެން ތަންތާގައި އެހެން ދީންތަކުގެ ޝިޢާރުތައް ފާޅުކުރުން މަނާ ނުކުރާ ކަމަށެވެ. އޭގެ މިސާލެއް ދައްކަވަމުން ވިދާޅުވީ އަމިއްލަ ލައިބްރަރީ ނުވަތަ ރިސޯޓް ފަދަ ތަންތަނުގައި އެހެން ދީންތަކުގެ ތަކެތި ގެންގުޅުމާއި ޝިޢާރުތައް ފާޅުކުރުމުގެ ފުރުޞަތުދޭ ކަމަށެވެ. އަދި އެއީ "ބާރުގަދަ" މަސްތުވާތަކެތި އެކަނި މަނާކުރުމާއި އެއްފަދަ ކަމެއް ކަމަށް ޝައިޚް ޢަބްދުﷲ ސިފަކުރެއްވިއެވެ.

ޝައިޚް ޢަބްދުﷲ ވިދާޅުވީ މި ޤަވާއިދަކީ މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ހަދާފައިވާ ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ޤަވާއިދަކަށްވެފައި، އެ ޤާނޫނަކީ ބާޠިލް ޤާނޫނެއް ކަން އެނގިގެންނުދާ ކަމަށެވެ. އަދި މި ޤަވާއިދުގައި އަދަބު ކަނޑައަޅާފައިވަނީ ވެސް އެޤާނޫނުގެ ދަށުން ކަމަށް ވާއިރު، އެއީ ދީނީ މިނިވަންކަން ހަނިކުރާ ޤަވާއިދެއް ކަމަށެވެ.

ޝައިޚް ޢަބްދުﷲ އާއި ޙަވާލާދީ "ހަވީރު" ނޫހުން ރޭ ބުނެފައި ވަނީ ޤަވާއިދު ގެޒެޓްކުރުމުގެ ކުރިންވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް އެކަންތައްތަކަށް މިނިސްޓްރީ އަދި ރައީސް އޮފީހުން ސަމާލުކަމެއް ދީފައިނުވާކަމަށެވެ.

ޢަދާލަތު ޕާޓީގެ ފަރާތުން ރޭ ވަނީ މި ޤަވާޢިދުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް ބަރީއަވާ ކަން ހާމަކޮށް ނޫސް ބަޔާނެއް ނެރެފައެވެ. ޢަދާލަތުން ބުނެފައިވަނީ ގެޒެޓްކުރަން ފޮނުވި ޤަވާޢިދުގައި ހިމަނާފައިވާ ވަރަށް މުހިންމު އަސާސްތައް ވަނީ މިޤަވާޢިދުން އުނިކޮށްފައިވާ ކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ މުޖްތަމަޢަކާ ނުގުޅޭ، އިނގިރޭސި ޤާނޫނުގައިވާ ބައެއް މާއްދާތައް އިތުރުކުރެވިފައިވާ ކަމަށާއި،  އެނޫންވެސް ވަރަށް ނުރައްކާތެރި ބަދަލުތައް މި ޤަވާޢިދަށް ގެނެސްފައިވާކަން ފާހަގަކުރާ ކަމަށެވެ.

މި ޤަވާއިދާއި ބެހޭ ގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް (އައިއެފްއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމްޢިއްޔާގެ ރައީސް އިބްރާހީމް ފައުޒީ "ސަން" އޮންލައިނަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ މި ޤަވާއިދުން ޤާނޫނު އަސާސީ ބުނާ މިނިވަންކަން ހަނިކުރާ ކަމަށާއި، ދީނީ ދަންނަ ބޭކަލުންނަށް ޚިޔާލު ފާޅުކުރާކަށް ފުރުސަތެއް ނެތް ކަމަށެވެ. އަދި މިއީ ބާޠިލް ޤާނޫނަކުން (ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުން) ބާރުލިބިގެން ހަދާފައިވާ ބާޠިލް އެއްޗެއް ކަމަށް ފައުޒީ ވިދާޅުވެފައި ވެއެވެ.

ސަލަފް އާއި، ޢަދާލަތާއި، އައިއެފްއެމް އިން މި ޤަވާއިދާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަބްދުލް މަޖީދު ޢަބްދުލް ބާރީ އިއްޔެ ވިދާޅުވެފައި ވަނީ އެޤަވާއިދުން ދީނީ ތަޤްރީރުކުރުމާއި ޚިޔާލުފާޅުކުރުން ހަނިވެގެން ނުދާނެ ކަމަށެވެ. އަދި އެ ޤަވާއިދު ގެޒެޓްކޮށްފައިވަނީ މިނިސްޓްރީ އާއި ރައީސް އޮފީހުން ބަދަލުތައް ގެނެސްގެން ޑރ. މަޖީދު ވިދާޅުވެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށް ރައީސް އޮފީހަށް ގެޒެޓްކުރުމަށް މި ޤަވާއިދު ފޮނުވުމުން ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލް މަޖީދު އަބްދުލް ބާރީ ކުރިން ވަނީ ވިދާޅުވެފައެވެ. ޑރ.މަޖީދު މިފަދައިން ވިދާޅުވެފައި ވަނީ ޤަވަޢިދު މުރާޖަޢާކޮށް، އެންމެ ފަހު ބަސް ހޯދަން ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމާއި ގުޅިގެންނެވެ. ނަމަވެސް ޤަވާއިދަށް ސަރުކާރުން ގެނެސްފައިވާ ބަދަލެއް ޑރ. މަޖީދު ވިދާޅުވެފައެއް ނުވެއެވެ. އަދި ފަހުން މި ޤަވާއިދު މުރާޖަޢާކުރުމަށް ފަހު އަނބުރާ ރައީސް އޮފީހަށް ފޮނުވި އިރު އުނިކޮށްފައި ހުރި އެއްޗެހި އިތުރުކޮށްފައި ވާ ކަމަށް ޑރ. މަޖީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން މިދިޔަ އޯގަސްޓް މަހުގު 18 ގައި ރައީސް ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭރަކު އެއޮންނަ ސަރުކާރެއްގެ ސިޔާސަތު ހިންގަވަން ތިއްބަވާ ވަކިބައެއްގެ ވިސްނުމުގެ މައްޗަށް ތައްޔާރުކުރާ ޤާނޫނުތަކާއި ޤަވާއިދުތައް ރައްޔިތުންގެ މައްޗަށް ލާޒިމުވެގެން ދިއުމީ ވަރަށް ބިރުހުރި އަދި ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަކަށް ދަތިކޮށް، އިސްލާމީ ރޮނގުން ދިވެހި މުޖްތަމަޢު ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރަސް އެޅޭނޭހެން ޤަވާއިދު ބައްޓަންވެފައި އޮތުމަކީ ހަމަ އިހު ދިޔަ މަހުން ޤައުމުގެ މިސްރާބު ކަތިވެ، އިހުނަށްވުރެވެސް ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ލިބިދިނުމަށް އެކަށައެޅޭނޭ އެއްޗެއް ކަމުގައި ދެކޭ ކަމަށެވެ.

ސަލަފުން ވަނީ މި ޤަވާއިދަށް ލަފާ ހުށަހަޅާފައި 13 ޑިސެމްބަރ 2009 ގައި އިސްލާމިކް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވާފައެވެ.

ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދާއި ބެހޭގޮތުން ޖަމްޢިއްޔަތުއްސަލަފުން 18 އޯގަސްޓް 2011 ގައި ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީ

ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދަށް ލަފާ ހުށަހަޅާފައި ޖަމްޢިއްޔަތުއްސަލަފުން 13 ޑިސެމްބަރ 2009 ގައި އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.