ދިއިސްލާމް ދުނިޔޭގެ ބޮޑު ބާރުކަމަށް ދަޢުވާ ކުރާ އެމެރިކާގެ ނިމުން!

ދުނިޔޭގެ ބޮޑު ބާރުކަމަށް ދަޢުވާ ކުރާ އެމެރިކާގެ ނިމުން!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއަދު އެމެރިކާ އެދަނީ ދަރަނީގެ ބޮޑު ކަނޑެއްގައި ޣަރަޤުވަމުންނެވެ. އަހަރެއްގެ މައްޗަށް ސާދަ ޓްރިލިއަން ޔޫ.އެސް ޑޮލަރު ސަރުކާރު ހިންގުމަށް ޚަރަދަށް ދެއެވެ. މިއީ ހަމައެކަނި ހިންގުމުގެ ޚަރަދު ކަމަށްވާ އިރު އަދި އެހެނިހެން ޚަރަދުތައް ކޮބައިތޯއެވެ؟ ޙއްޞާދާރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބޮންޑު ގޮތުގައިވާ ދަރަނީގެ ހިސާބު 14.3 ޓްރިލިއަނަށް އަރައެވެ. 2010 ވަނަ އަހަރުގެ ހިސާބު ދައްކާ ގޮތުން ހަމައެކަނި މި ދަރަނީގެ އިންޓްރެސްޓަށް ވެސް 414 ބިލިއަން ޑޮލަރު އަރައެވެ. މީގެ ތެރެއިންވެސް އެމެރިކާ ހަމަ ޔަޤީނުންވެސް ރެކި ނުގަނެވި އަނބުރާ ދައްކަން ޖެހޭނެ ފައިސާ ތަކުގެ ތެރެއިން ޗައިނާގެ ސަރުކާރާއި ކުންފުނިތައް އަދި ބޭންކްތަކަށް ދައްކަންޖެހިފައިވާ ފައިސާ ހިމެނެއެވެ.

ޤައުމަށް އެތެރެކޮށްފައިވާ މުދާތަކާއި ކްރެޑިޓްކާރޑް ގެ މުޢާމަލާތްތަކަށް ވެސް 2.4 ޓްރިލިއަން ޑޮލަރު އަރައެވެ. މިހެން މިކަން ހުރިއިރު އެމެރިކާ ރައްޔިތުންގެ ބޯހިޔާވަހިކަން އަމިއްލަ ކުރުމަށް ކުރެވިފައިވާ ރަހުނުގެ ދަރަނިވެސް 13.2 ޓްރިލިއަނަށް އަރައެވެ. އެމެރިކާގެ ކުންފުނި ތަކުގެ ދަރަނި އުޅެނީ 20.8 ޓްރިލިއަން ޑޮލަރުގައެވެ. މިހުރިހާ ހިސާބްތަކަށް ބަލާލި ކަމުގައި ވިޔަސް މުޅި ޤައުމުގެ ސާފު ދަރަނި 50.7 ޓްރިލިއަން ޑޮލަރަށް އެބައަރައެވެ. މިއީ ޖަޕާން، ޗައިނާ، ބްރިޓެއިން، ޖާރމަނީ، ފްރާންސް، ބްރެޒިލް، ކެނެޑާ އަދި އިޓަލީ ފަދަ ޤައުމުތަކުގެ މުޅި އިޤްތިޞާދުގެ ދެގުނަ ބޮޑު ޢަދަދެކެވެ.

ފޮތްތަކުގައި ލިޔެ ނަގަމުންދާ ދުނިޔޭގެ "ބޮޑުބާރު" ގެ ނަމުން މަޝްހޫރު އެމެރިކާގެ ނަން ވެސް މިހާ ހިސާބުން މިނިމުނީ ކަމުގައި އަޅުގަނޑު ދަންނަވަން ޖެހުނީ ހަމައެކަނި އިޤްތިޞާދީ ގޮތުން އެމެރިކާ ދަރަނިވެރި ވުމަކުންނެއް ނޫނެވެ. އެމެރިކާގެ ސިޔާސީ ހަޔާތްވެސް ވަނީ ބަނގުރޫޓް ވެފައެވެ. މިއަދު އެމީހުން އެދަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. މެދުއިރުމަތީގެ ތެލަށް ދަހިވެތިވެގެން މިއުޅޭ މި މީހުންނާ ވާދަ ކުރަމުންދާ ޗައިނާ ރަޝިޔާ ފަދަ ޤައުމުތަކުގެ ވާދަވެރިކަމަކީ ވެސް މި މީހުންނަށް ކުރިމަތިލާން ޖެހިފައިވާ އިތުރު ބޮލު ރިހުމެކެވެ. ކަޅު ރަނުގެ ވިޔަފާރީގައިވެސް ޔޫރަޕިއަން ޔޫނިއަން އާއި އިންޑިއާ އާއި ޖަޕާނާއި ވާދަކުރުމުގައި އެމެރިކާ އެ އުޅެނީ ހޭބޯ ނާރައެވެ.

ރޯ ބުހުތާނު ދޮގު ހަދައިގެން އަތްގަދަ ކުރުމަށްފަހު އިރާޤަކީ ވެސް މިބައިމީހުންގެ ކޮރަޕްޝަން އިންތިހާއަށް ގޮސް ވާނުވާ ނޭގޭ އެތައް ފައިސާ ތަކެއް ޚަރަދުކުރަމުންދާ ޤައުމެކެވެ. މިބައިމިހުން މޮޅަށް ނަންކުރާ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ޑިމޮކްރަސީގެ ކުށްވެރިން ލުމަށް ހަދައިފައިވާ ގުއަންޓަނާމޯ ބޭ އަކީ ވެސް ހަމަ މިފަދަ ތަނެކެވެ. ހަމަ އެހެންމެ މިލިޓަރީ ގޮތުން ނެރެފައިވާ ސިފައިންގެ ބައިގަނޑުގެ ވެސް ވަނީ ކޮންޓްރޯލުން ނެއްޓި އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.

އަފްޣާނިސްތާން، އިރާޤް ހަނގުރާމަ އަކީ އެތަކެއް ހަރަދުތަކެއް އެމެރިކާ ސަރުކާރުން ކޮށްފައިވާ ތާކުންތާކު ނުޖެހޭ ބޭކާރު ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ހޭދައެވެ. ސީދާ އެމެރިކާ ސަރުކާރުގެ މިލިޓަރީ ބާރުގެ ބޭނުންކޮށް އެމީހުންނަށް އެކުރި ޚަރަދުތަކާއި ޤައުމުން ބޭރަށް ފޮނުވައިގެން އެ ހިންގި ޖަރީމާތަކަކީ ޚުދު އެމެރިކާގެ ސިފައިންވެސް ޤަބޫލްކުރާ ކަންތައްތަކެއް ނޫނެވެ.

ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ހުސް ޠާހިރުވަންތަ މާތްﷲ ސުބުހާނަޙޫ ވަތަޢާލާއެވެ.

إِنَّ الَّذِينَ كَفَرُوا يُنْفِقُونَ أَمْوَالَهُمْ لِيَصُدُّوا عَنْ سَبِيلِ اللَّهِ ۚ فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ   ( الأنفال  8:36 )

މާނައީ : "ހަމަކަށަވަރުން ކާފިރުވިމީހުން، ﷲ ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށްހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލި ކުރައްވާނެތެވެ. އަދި ކާފިރުވި މީހުން ނަރަކައަށް ޖަމާ ކުރައްވާނެތެވެ."

އަންފާލް ސޫރަތުގެ ތިރީސް ހަވަނަ އާޔަތް 8:36

ޓެގް

ނިމުން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.