
ކީރިތި ޤުރުއާން ކިޔަވައިދިނުން މަޖުބޫރު މާއްދާއަކަށް ހެދުމަށް ހުށަހެޅި ޤަރާރަށް ދެކޮޅުހެދި 7 މެމްބަރުން
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފަށާތަޢުލީމުގެ މަރުޙަލާގައްޔާއި ސާނަވީ ތަޢުލީމުގެ މަރުޙަލާގައި ކީރިތި ޤުރުއާން އެއީ މަޖްބޫރު މާއްދާއެއްކަމަށް ޤައުމީ މަންހަޖުގައި ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރާއި ދެކޮޅަށް 7 މެމްބަރަކު ވޯޓް ދީފިއެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ ހުށަހަޅާފައިވާ މިޤަރާރަށް މިދިޔަ ބުރާސްފަތި ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ޤަރާރު ބަލައިނުގަތުމަށް ވޯޓް ދިން 7 މެމްބަރުންނަކީ ފޭދޫ ދާއިރާގެ އަލްހާން ފަހުމީ، މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަޙްމަދު ދީދީ، ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް، ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބް، ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މުޙައްމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރު އެވެ. މިހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީ އަށް ނިޞްބަތްވާ މެމްބަރުންނެވެ.
މި ޤަރާރު ވަނީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކޮށް އިޞްލާޙްކުރުމަށްޓަކައި ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވާފައެވެ. ޤަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ ޖަލްސާގައި އެވަޤުތު ތިބި 61 މެންބަރުންގެ ތެރެއިން 49 މެމްބަރުން ވޯޓު ދީގެންނެވެ.
މިޤަރާރާމެދު ވާހަކަދައްކެވި ހުރިހާ މެމްބަރުން އުޞޫލެއްގެ ގޮތުން ޤަރާރަށް ތާޢީދުކުރި ނަމަވެސް ބައެއް މެމްބަރުން މިޤަރާރު އަނބުރާ ގެންދިއުމަށް ގޮވާލިއެވެ. އަނބުރާ ގެންދިއުމަށް ގޮވާލި މެމްބަރުންގެ ތެރޭގައި އެމްޑީޕީ އަށް ނިޞްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ ހާމިދު ޢަބްދުލްޣަފޫރު ހިމެނެއެވެ.
ހާމިދު ޢަބްދުލްޣަފޫރު ވިދާޅުވީ 30 އަހަރު ވެރިކަމުގެ ދައުރުގައި މިކަންކުރެވޭނެ ބިންގަލެއް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ. އަދި އޭނަ އަކީ ޓީޗަރެއް ކަމަށާއި މިކަންކަން އޮންނަ ގޮތް އޭނައަށް އެނގޭ ކަމަށާއި، އިސްލާމީ ކަރިކިއުލަމާ ބެހޭ ގޮތުން ސީރިއަސް ވާހަކަތަކެއް ނުދައްކާ ކަމަށެވެ. މިކަންކަމަށް ހިނގާނެ ޚަރަދާއި މުއްދަތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް ހާމިދު ވިދާޅުވިއެވެ. ހާމިދު ވިދާޅުވީ މިއީ ކުރަންޖެހޭ ކަމެއް ކަމަށާއި އަފްރާޝީމް މިޤަރާރު ހުށަނޭޅިޔަސް މިކަން ރާއްޖޭގައި ކުރާނެ ކަމަށެވެ. އަދި އިސްލާމިކް ޔުނިވަސިޓީ އެއް ވެސް ރާއްޖޭގައި ހަދާނެ ކަމަށާއި، އެއީ މީގެ 15 އަހަރު ނުވަތަ 30 އަހަރު ފަހުން ނޫންކަން ނޭނގޭ ކަމަށެވެ.
"އެހެންވީމާ މިކަންކަން ނުކޮށް މިކަންކަން ކުރުމުގެ ފެންވަރު ނެތި މިކަންކަން ނުކުރެވި މިއަދު މިވާހަކަ ދައްކަން މީ ކޮން ވާހަކައެއް. އަޅުގަނޑު ހަމަ އިނގޭތޯ، ހުށަހަޅަނީ ތިޔަ ޤަރާރު އަނބުރާ ގެންދަން" ހާމިދު ވިދާޅުވިއެވެ.
މިޤަރާރަށް ވާހަކަދައްކަވަމުން އެމްޑީޕީ އަށް ނިޞްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާޤް މުފީދު ވިދާޅުވީ ތަޖުވީދު މަގަށް ޤުރުއާނުގެ ދެލިގަނޑު ކިޔާލަން ހަމައެކަނި އެނގުމަކުން ފުދުނީ ނޫން ކަމަށާއި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ކޮންއެއްޗެއް ކަން އެނގެން ޖެހޭ ކަމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ އަސްލަކީ ޤުރުއާންގައި ބަޔާންކުރައްވާފައިވާ އެއްޗެއް ނޭނގުން ކަމަށް ޝިފާޤް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ ﷲ ތައާލާގެ ކަލާމްފުޅުގައި އެކަލާނގެ ވަހީކުރައްވާފައިވަނީ ކޮން ވާހަކަފުޅުތަކެއް ކަން. އަޅުގަނޑުމެންނަށް އަމުރުކުރައްވާފައި ވަނީ ކޮން ކަންތައްތަކެއް ކަން. އަޅުގަނޑުމެންނަށް ނަހީކުރައްވާފައި ވަނީ ކޮން ކަންތައްތަކެއް ކަން އަޅުގަނޑުމެންނަށް ސާފުކޮށް ބަޔާންކޮށް އެނގެން އެބަޖެހޭ." ޝިފާޤް ވިދާޅުވިއެވެ.
ޝިފާޤް ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް އެއްބަޔަކު ރަނގަޅު އެއްޗެއް ހުށަހެޅުމުން ތިމަންނަމެން މިއީ އިދިކޮޅު މީހުންނޭ ކިޔާ އުޞޫލު ދޫކޮށްލުމަށްފަހު ރަނގަޅު ކަންތައްތައް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
"ޕްރީސްކޫލުން ފެށިގެން އެބަޖެހޭ ޤުރުއާން ކިޔަވާދޭން." ޝިފާޤް ވިދާޅުވިއެވެ. ޝިފާޤް ވިދާޅުވީ ޤުރުއާން ކިޔަވާދިނުމަކީ ލޫދިފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
ޑީއާރުޕީ އަށް ނިޞްބަތްވާ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ވާހަކައިގައި މިޤަރާރު ފާސްވެގެންދާއިރު އިތުރު ބައެއް ހިމެނުމަށް ހުށަހެޅިއެވެ. އެއީ ގްރޭޑް 1 ން 4 ށް ކުދިންނަށް ނަމާދުކުރުން ދަސްކޮށްދިނުމުގެ ގޮތުން ނަމާދުގައި ކިޔާއެއްޗެހި ޓެސްޓްކުރެވޭ ގޮތަށް ހެދުމަށެވެ.
މެމްބަރުންގެ ވާހަކަތަކަށްފަހު ޤަރާރާއި ބެހޭ ގޮތުން ފަހު ބަސް ބުނުމަށްޓަކައި ދެއްވި ފުރުޞަތުގައި ޑރ. އަފްރާޝީމް ވިދާޅުވީ މިޤަރާރުގެ ބޭނުމަކީ ކީރިތި ޤުރުއާނަކީ މުސްލިމުން އެކަމެއްގައި ރުޖޫޢަވާން ޖެހޭ ފުރަތަމަ މަސްދަރު ކަމަށްވާއިރު ޤުރުއާނުގެ ޢިލްމު ކުދިންނަށް ދަސްކޮށްދިނުމާއި އެކުދިންނަކީ މިޢިލްމަށް ހޭނިފައިވާ ބައެއް ކަމަށް ހެދުން ކަމަށެވެ. އަދި ކީރިތި ޤުރުއާން ކިޔަވަންޖެހޭނީ ތަޖުވީދުގެ މަގަށް ކަމަށާއި ޤުރުއާން ކިޔަވާއިރު މާނަ އެނގިގެން ކިޔެވުމުގެ މުހިންމު ކަމުގެ މައްޗަށް އަފްރާޝީމް ވާހަކަދެއްކެވިއެވެ.
އަފްރާޝީމް ވިދާޅުވީ މިހާރު އޮންނަ ގޮތުން ޤުރުއާން ކިޔަވާދެނީ ގްރޭޑް 5 އާ ހަމައަށް ކަމަށާއި އެކަންވެސް އޮންނަނީ އިސްލާމް މާއްދާގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ކިޔަވާދެނީ ދެތިން ސޫރަތް ކަމަށާއި އެކަންވެސް އޮންނަނީ ގިނަފަހަރަށް ނުކުރެވިފައި ކަމަށް އަފްރާޝީމް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...