ވިޔަފާރީގައި އަންހެނުންގެ ހަށި ބޭނުންކުރާ މައްސަލަ މުޅި ޤައުމުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށާއި އަދި މި މައްސަލައަކީ ޙައްލުކުރަން ޖެހޭ މުޙިންމު މައްސަލައެއް ކަމުގައި ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖެއިސްލާމް އޮންލައިން ނޫހުގައި މިއަދު ޝާއިޢު ކޮށްފައިވާ ޝައިޚްގެ ލިޔުއްވުމެއްގައި ވިދާޅުވެފައި ވަނީ މިދިވެހި މުޖުތަމަޢުގައި ވެސް އަންހެނުންނަށް ތަފާތު އަނިޔާތައް ކުރެވެމުންދާ ކަމަށާއި، މިގޮތުން ކުރެވޭ އަނިޔާ ތަކުގެ ތެރޭގައި އަންހެނުންގެ ހަށިވިއްކުން ފާހަނގަ ކުރެވޭ ކަމަށެވެ. ހަށިވިއްކުމޭ ބުނުމުން ހުރިހާ މީހުންގެ ސިކުނޑިތައްވެސް ގޮސް ހުއްޓެނީ މަސާޖު ކުރާ ތަންތަން ނުވަތަ ހަށީގެ ވިޔަފާރި އަށް ކަމަށް ޝައިޚް ވިދާޅުވެފައި ވެއެވެ. ޝައިޚް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މަސާޖުކުރާ ތަންތަނުގައި މިފަދަ ކަންތައް ހިނގަމުންދާތީ އެކަމާ މުޅި ރާއްޖެ ވަނީ އިދިކޮޅު ހަދާ ކަންބޮޑުވެފައި ކަމަށާއި، ނަމަވެސް އެކަމާ ދެކޮޅުހެދި ބައެއް މީހުންވެސް އަންހެނުންގެ ހަށިގަނޑު ވިޔަފާރީގައި ބޭނުން ކުރަމުންދާކަމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.
"ވިޔަފާރިވެރިންގެ މުދާ އިޝްތިހާރުކުރުމުގައި އަންހެނުންގެ ހަށިގަނޑު ބޭނުން ކޮށްގެން އެމީހުންގެ މުދާ ވިއްކުމަކީ ހަށިވިއްކުން ކަމުގައި ނުވާނެ ބާވައެވެ؟ މިކަމަކީ މިއަދު މުޅި ދުނިޔޭގައި ފެތުރިފައިވާ ވަބާއެކެވެ. އަހަރުމެންގެ މައިންނާއި އަނބިން އަދި ދައްތައިން ކަމުގައިވާ އަންހެނުންނާ ދެކޮޅަށް އިޢުލާނު ކުރެވިފައިވާ އަނިޔާވެރި ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ މުސްލިމު އުޚުތުންގެ ތަޞްވީރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ. މާލޭގެ ކޮންމެ ހަތަރު އަނގޮޅިއެއްގައި މިނިކަމެތި އަންހެނުންގެ ހަށިގަނޑު ދުނިޔަވީ ފައިދާއަށްޓަކައި ވިކިފައިވާތަން ފެންނާނެއެވެ. އެންމެ ހިތާމަ ކުރަން ޖެހޭކަމަކީ އަޅުގަނޑުމެންގެ ޓީވީތަކުން މިކަމުގައި ވަރަށް ކުރިޔަށް ގޮސްފައިވާ ކަމެވެ." ޝައިޚްގެ ލިޔުއްވުމުގައި ވެއެވެ.
ޝައިޚް ވިދާޅުވެފައި ވަނި އަންހެން ކަނބަލުންނަކީ އެހާ ދަށްފެންވަރުގެ ބައެއް ނޫން ކަމަށާއި އިސްލާމް ދީނުގައި އެ ކަނބަލުންނަށް ދީފައިވާ ޢިއްޒަތަކީ ވަރަށް މަތިވެރި ޢިއްޒަތެއް ކަމަށެވެ. އަދި ހުރިހާ ޙާލެއްގައިވެސް އަންހެނުން ޙިމާޔަތް ކުރެވިފައިވާ ކަމަށް ޝައިޚް ވިދާޅުވެފައި ވެއެވެ.
"ވިޔަފާރިވެރީންނޭވެ! ތިޔަބައިމީހުންގެ މުސްލިމު އުޚްތުންނާމެދު މާތް ﷲ އަށް ތަޤުވާވެރިވާށެވެ! އެކަނބަލުންގެ ޢިއްޒަތް ދުނިޔަވީ ފައިދާއަކަށް ނަގައި ނުލާށެވެ! މިހަނގުރާމައިގައި އަނިޔާލިބިފައިވާ އަހުރެމެންގެ އުޚުތުންނޭވެ! ތިޔަ ކަނބަލުންގެ ޢިތްޒަތާއި ކަރާމާތް ދުނިޔަވީ މުދަލަކަށް ވިއްކާ ނުލާށެވެ! ތިޔަކަނބަލުންނަކީ ދުނިޔަވީ މުދަލަކަށް ގަނެވޭ ވަރަށްވުރެ މާ އަގުބޮޑު ބައެކެވެ." ޝައިޚްގެ ލިޔުއްވުމުގައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...