އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯގެ ފައުޖުތަކަށް ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ، ދެ ތެޔޮ ޓޭންކަރަށް ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ އަވަށެއްކަމުގައިވާ ބަލޮޗިސްތާންގައި ހަމަލާދީ އެތަކެތި ސުންނާފަތިކޮށްލައިފިއެވެ.
ޕްރެސް ޓީވީން ޚަބަރުދޭ ގޮތުގައި، މި ދެ ޓޭންކަރަށް ހަމަލާ ދީފައިވަނީ ހަތިޔާރު ހިފައިގެން ހުރި މީހެކެވެ. މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައިވާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ހާދިސާ ތަހުގީގުކުރުމަށްޓަކައި އެ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ ބާރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އަފްގާންގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތަކަށް ތެލާއި، ކާބޯތަކެތި ހިފައިގެން ދަތުރުކުރަމުންދާ އުޅަނދުތަކަށް ހަމަލާ ދިނުމަކީ ޕާކިސްތާނުގައި ވަރަށްގިނައިން ހިނގަމުން ދާ ކަމަކެވެ. އަދި މިފަދަ ގިނަ ހަމަލާތަކުގެ ޒިންމާވެސް ތާލިބާނުން ދަނީ ނަގަމުންނެވެ.
ތާލިބާނުން ހާމަކުރަމުން ދާ ގޮތުގައި އެމީހުން މި ފަދަ ހަމަލާތައް ދެނީ އެމެރިކާއިން ޕާކިސްތާނުގެ ގަބީލާ ސަރަހައްދަށް ދެމުން ގެންދާ ޑްރޯން ހަމަލާތަކުގައި އާންމުންގެ އެތަށް ބަޔަކު މަރުވަމުން ދާތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުންނެވެ. ތާލިބާނުން މިހެން ބުނި ނަމަވެސް ވޮޝިންޓަނުން ހާމަކުރާ ގޮތުގައި، އެމެރިކާއިން އެފަދަ ހަމަލާތައް ދެނީ ސީދާ ހަނގުރާމަ ވެރިންނަށް އަމާޒުކޮށްފައެވެ. ތަފާސް ހިސާބުތައް ދަށްކާގޮތުން އެމެރިކާގެ ޑްރޯން ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ އާންމުންނެއް މަރުވެގެންދެއެވެ.
އަފްގާނިސްތާނަކީ ކަނޑާ އެއްވެސް ސީދާ ގުޅުމެއް އޮންނަ ގައުމަކަށް ނުވުމާއެކު، އަފްގާންގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންނަށް ބޭނުންވާ ތަކެތީގެ 70 އިންސައްތަ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ބޭނުންކުރަމުންދަނީ ޕާކިސްތާނުގެ ވަރަށް ދެކުނުގެ ބަނދަރެކެވެ.
އެހީ ހިފައިގެން ދަތުރުކުރަމުން ދިޔަ އުޅަނދުތަކަކަށް 2008 ވަނަ އަހަރު ތާލިބާނުން ދިން މިފަދަ ހަމަލާއެއްގައި ވަނީ 160 އުޅަނދު ސުންނާފަތިކޮށްލާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...