ރާއްޖޭގެ ޚަބަރު ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (2ވަނަ ބައި)

ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (2ވަނަ ބައި)

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޑރ. މަޢުރޫފް ޙުސޭން / އެމް.އެސް، އީ.އެން.ޓީ

ރަޝާދް ޚަލީފާ އަންހެން ކުއްޖެއް ރޭޕް ކުރި މަސްއަލަ.
މިކަހަލަ ހުރިހާ ދޮގުވެރީން ފަދައިން ރަޝާދު ޚަލީފާ އަކީވެސް ވަރަށް ދަށްފެންވަރުގެ ނުލަފާ މީހެކެވެ. މިގޮތުން އެއްކަމަކީ އެމެރިކާގެ އަންހެން ކުއްޖެއްގެ ޢިއްފަތް ފޭރިގަނެގެން އެކަން ފަޅާއެރުމެވެ. އިންސާނުންގެ ހަށިގަނޑުގައި އެކުލެވިގެންވާ "ޚާއްސަ ރޭޑިއޭޝަން" އެއް ހޯދުމުގެ އެކްސްޕެރިމެންޓެއް ކުރުމުގެ ނަމުގައި ނަމުގައި 16 އަހަރުގެ އަންހެން ކުއްޖެއް ވޮލަންޓިއަރެއްގެ ގޮތުގައި ހޯދައި އެފަދަ ރޭޑިއޭޝަން ހޯދޭނީ ހަށިގަނޑުގައި އެއްވެސް ފޮތިކޮޅެއް ނުވާ ޙާލުގައި ކަމުގައި ބުނެ މިގޮތުން އެކުއްޖާޔާއި ބަދުއަޚުލާގީ ޢަމަލު ހިންގައިގެން އެ އަންހެންކުއްޖާ މައްސަލަ ޖެއްސުމުން އެމެރިކާގެ ކޯޓެއްގައި  ރަޝާދު ޚަލީފާގެ ސަރިޔަތް ކުރެވިފައި ވެއެވެ.  އެވާހަކަ އެމެރިކާގެ ނޫހެއްގައި ޖަހާފައި ވެއެވެ.

"ސަބްމިޓަރސް" އަކީ މުސްލިމުންނެއް ނޫނެވެ. އެއީ އިސްލާމް ދީނުގެ ބޭރުގައިވާ "ކަލްޓް" އެކެވެ.
ރަޝާދު ޚަލީފާގެ ގަޔަށް ވަޅިޖަހައި، ޒައިލޯލް އަޅައި ދެމިއޮތުމުގެ ގޮވައްޗަށް ފޮނުވާލެވިފައިވިޔަސް އޭނާގެ ނުބައިކަމުން ދުނިޔެއަށް އަރާމެއް ނުލިބުނެވެ. ސަބަބަކީ އެނާޔަށް އީމާންވެގެން އޭނާގެ "ކަލްޓް" ފަތުރަން މަސައްކަތް ކުރާ އެތައް ބަޔަކު މިއަދު ދުނިޔޭގައި އުޅޭ ކަމެވެ. އެމީހުން އުޅެނީ މުސްލިމުންނަށް ހެދިގެންނެވެ. ކިޔަނީ މުސްލިމް ނަމެވެ. ރާއްޖެއަށް މިދާކަށްދުވަހު އައިސްގެން މިއުޅުނީވެސް އޭގެ މިޝަނަރީ އެކެވެ. ދެރަކަމަކީ 100 ޕަސެންޓް މުސްލިމުން ކަމަށް ދަޢުވާ ކުރާ މުސްލިމް ގައުމަކަށް އައިސް މިފަދަ ވިހަ ފަތުރާފައި ސަލާމަތުން ފުރައިގެން ދެވޭ ކަމެވެ. ދިވެހި އެތައް ޒުވާނުންނެއް މިހާރު މި ކަލްޓް ގަބޫލު ކުރާ ކަމުގައި ޚަބަރު ލިބެއެވެ.  ރާއްޖެ އައިސްގެން އުޅުނު މީހާ އެތައް ބަޔަކާއި ބައްދަލު ކޮށް އެމީހުންގެ އާދީނަށް ގޮވާ ހެދިކަމަށް ޚަބަރު ލިބިފައި ވެއެވެ.

ޓަސްކަނީންގެ އުކުޅުތައް:
އެމީހުންގެ ވާހަކަތައް ހުންނަނީ ވަރަށް އިޔަހޫދީ މަކަރުވެރި ގޮތަކަށެވެ. އެމީހުންގެ މައިގަނޑު އެއް އަމާޒަކީ އެންމެ ފަހުގެ ނަބީ އަދި ރަސޫލު މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިމެދު އިސްލާމުން ދެކޭގޮތް ބަދަލު ކޮށްލައި، އެކަލޭގެފާނުންގެ ސުންނަތުގެ ބާރު ކަނޑުވާލުމެވެ. އަޅުގަނޑަށްޚަބަރު ލިބުނުގޮތުގައި  މާލެ އައިސްގެން އުޅުނު މިޝަނަރީ މީހާގެ ވާހަކަތައް ހުރީ އަންނަނިވި ގޮތަށެވެ.
•    " ﷲ ގެ މަތިވެރި ކަމާއި މާތް ކަމާއި ކިބްރިޔާ ވަންތަ ކަން އެއީ އެއްވެސް އެހެން ކަމަކާ އެއްފަދަ ވާނެ ކަމެއް ހެއްޔެވެ؟" މިހެން ބުނުމުން މުސްލިމުން ޖަވާބު ދޭނީ "ހަމަހިލާ ނުވާނެއެވެ." މިހިސާބުން އެމީހުން ބުނެއެވެ. "އެހެންވިއްޔާ، ޝަހާދަތުގެ ދެކަލިމައިގައި ﷲ ގެ އެއްކައު ވަންތަ ކަމަށާއި އެކަލާނގެ މެނުވީ އަޅުކަން ކުރެވޭނެ އެއްވެސް އިލާހެއް ނުވާ ކަމުގައި ބުނުމަށްފަހު އެކަލާނގެ މަތިވެރި އިސްމު ފުޅާއި ހަމަ ވިއްދައިގެން އިންސާނެއްގެ ނަން ގަންނަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ ﷲ އާއި އެހެން ފަރާތެއް ބައިވެރިކޮށް ޝަރީކު ކުރުން ނޫން ހެއްޔެވެ؟" މިހެން ބުނުމުން މާބޮޑު އެއްޗެއް ނޭގޭ މުސްލިމުން މަޑުޖެހި ވިސްނަން ޖެހޭގޮތް ވެއެވެ.
•    ނަމަވެސް މީގެ ޖަވާބަކީ: "ބަލަ، ކަލޭގެ މޮޔަ ކަމާއި ނުބައިކަން ބޮޑު ކަމާއެވެ! ޝަހާދަތުގެ ދެވަނަ ކަލިމައިގައި މުސްލިމުން އެ އިޤްރާރުވެ ހެކިވަނީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ އަޅެއްކަމަށާއި އަދި އެކަލާގެ ފޮނުއްވި ރަސޫލެއް ކަމަށެވެ. ފަހަރެއްގައިވެސް އެކަލޭގެފާނަކީ ﷲ ގެ އުލޫހިއްޔަތުގައި އެއްވެސް ބައިވެރި ވުމެއް ނުވަތަ ޙިއްޞާ އެއް ވާ ބޭކަލެއް ކަމަކަށް ނޫނެވެ. މިފަދަ ގޮތަކަށް އެއްވެސް މުސްލިމަކު ދުވަހަކުވެސް އެކަލޭގެފާނާއި މެދު ދެކެފައެއް ނުވެއެވެ. އަދި އެފަދަ ގޮތަކަށް ގަބޫލު ކުރުމަކީ ކުފުރުވާނެ ކަމެކެވެ." މިފަދަ ޖަވާބެކެވެ.
•    އައްޝައިޚު ޓަސްކަނީ މިވަރަކުން ނުފުއްދާނެއެވެ. ދެން އޭނާ ދިމާކުރާނީ ކުރިމަތީގައި ހުރި އާދައިގެ މުސްލިމް މީހާ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅު ތަކާއި މެދު ދެކޭގޮތް ބަދަލު ކުރުމަށެވެ. ބުނާނެއެވެ: "އެންމެ ރަގަޅެވެ. ކީރިތި ޤުރުއާނަކީ އެފޮތަށް އެއްވެސް އުނި އިތުރު ކަމެއް ނުގެނެވޭނޭގޮތަށް ﷲ ރައްކާތެރި ކުރައްވާފައިވާ ފޮތެކެވެ. ނަމަވެސް ރަސޫލާގެ ޙަދީސް ތައް ވަނީ އެފަދައިން ހެއްޔެވެ؟ ޙަދީސް ތައް ރައްކާތެރި ކުރައްވާނެ ކަމަށް ﷲ ނާންގަވައެވެ. އަދި އެ ޙަދީސްތައް ލިޔެވުނީ ރަސޫލާ އަވަހާރަވިތާ އެތައް ގަރުނެއް ފަހުންނެވެ. އަހަރެމެން ބައިބަލް ގަބޫލު ނުކުރުމަށްވެސް ދައްކާ ޙުއްޖަތަކީ އެ ބައިބަލް ލިޔެވުނީ ޢީސާގެފާނު އަވަހާރަވީތާ އެތައް ގަރުނެއް ފަހުންނޭ ނޫންހެއްޔެވެ؟ އަހަރެންގެ ބަހަކީ އަހަރެމެންނަށް ﷲ ގެ ފޮތްކަމުގައިވާ ޤުރުއާން ފުދެއެވެ. އޭގައިވާ ގޮތަށް އުޅުން މާ ރައްކާތެރިއެވެ." މިހެން ބުނުމުން އިސްލާމްދީނާއިމެދު މާބޮޑު ވިސްނުމެއް ނުވަތަ މަޢުލޫމާތެއް ނުވާ ޒުވާނާ ހެއްލޭގޮތް ވެއެވެ. ނަމަވެސް މިއީއަކީވެސް ހަގީގަތުގައި އުދަގޫ ސުވާލެއް ނުނެވެ. މީޖެ ޖަވާބަކީ: '' ބަލަ ކަލޭމެން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތަށް ރުޖޫޢަނުވެ ޤުރުއާނަށް ތަބާވެ ޢަމަލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމާދު ކުރާނީ، ޒަކާތް ދޭނީ ނުވަތަ ޙައްޖު ވާނީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނުންގެ ޙަދީސް ފުޅު ތައް ނުވަތަ ސުންނަތަކީ އެގުރުއާނުގެ ޝަރަހައެވެ. ނުވަތަ އެކްސްޕްލެނޭޝަނެވެ. ޤުރުއާނުގެ ދިރިހުރި މިސާލަކީ އެކަލޭގެފާނުންގެ ޚުލްގު ފުޅާއި ހަޔާތް ޕުޅެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ ދުނިޔޭގެ ތާރީޚުގައި އެއްވެސް އެހެން އިންސާނެއްގެ ހަޔާތް ރެކޯރޑް ކޮށް ސްޓަޑީ ކުރެވިފައިނުވާ މިންވަރަކަށް ސްޓަޑީ ކުރެވިފައިވާ ޙަޔާތް ޕުޅެކެވެ. މިކަމަކީ އިސްލާމް ދީނުގެ ޢަދާވަތްތެރިން ވެސް އެއްބަސްވާ ކަމެކެވެ. އެކަލޭގެފާނުގެ ޙަދީސްފުޅުތައް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް ވަނީ ލިޔެވެން ފަށާފައެވެ. އަސްޙާބު ބޭކަލުންނާއި އަދި އެއަށްފަހުން ވަޑައިގެންނެވި ޖީލުކަމުގައިވާ ތާބިޢީބޭކަލުންގެ ޒަމާނުގައި ޙަދީސްފުޅުތައް އެކުލެވިގެންވާ ފޮތްތައް ވަނީ ލިޔެވިފައެވެ. މިގަރުނުގައި އިސްލާމީ އުންމަތުގައި އުފެދުނު އެންމެ ވަރުގަދަ ޢިލްމުވެރިޔާ އަދި ރިސާރޗް ސްކޯލަރ ކަމުގައިވާ ޕްރޮފެސަރ މުޙައްމަދު ޙަމީދުﷲ ގެ ހޯއްދެވުން ތަކުގެ ވާހަކަ ކަލޭ އަޑުނާހަން ހެއްޔެވެ؟ ޙަމީދުﷲ ވަނީ ސައްޔިދުނާ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ދަރިވަރެއްކަމުގައިވާ ޙައްމާމް ބިން މުނައްބަޙް ލިއުއްވި ޙަދީސް ފޮތުގެ އޮރިޖިނަލް މެނުސްކްރިޕްޓެއް ހޯއްދަވާފައެވެ. މިހާތަނަށް އައިއިރު ދުނިޔޭގައިވަނީ އޭގެ ދެ ކޮޕީއެވެ. އެއް ކޮޕީ ދިމިޝްޤްގެ ލައިބްރަރީ އެއްގައެވެ. އަނެއް ކޮޕީ ވަނީ ޖަރުމަން ވިލާތުގެ ބާރލިންގެ ލައިބްރަރީ ގައެވެ. ޙައްމާމް ބުނި މުނައްބަޙު ގެ ސަޙީފާ ގައިވަނީ 138 ޙަދީސެވެ. މީގައިވާ ހުރިހައި ޙަދީސެއް އަކުރުން އަކުރަށް ވަނީ އިމާމް އަޙުމަދުގެ މުސްނަދުގައި އައިސްފައެވެ. އެއްވެސް ތަފާތެއް ފެނޭތޯ އޮރިއެންޓަލިސްޓުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ވީމާ ކަލޭމެން ޙަދީސަށް އިންކާރު ކުރާމީހުންނަށް އަހަރެމެން ބުނާނޭ ބަހަކީ، ޙަދީސްޢިލްމުގެ ބޮޑެތި ފޮތްތައް އެކުލަވާލެވުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމުގެ މާފަހުން ކަމުގައި ވިޔަސް އެ ފޮތްތަކަކީ އެއިގެ ކުރީގައި ލިޔެވިފައިވާ އެތައް ކުދި ފޮތްތަކެއްގެ މައްޗަށް ބިނާކުރައްވައި ނުވަތަ އިތުބާރު ހުރި ތެދުވެރި މުސްލިމުންގެ ދޫމަތީން ރިވާކުރެވިގެން އައިސް،  އަދި ދުނިޔޭގެ ތާރިޚުގައި އެއްވެސް ކަމެއް ތަޙުގީގު ނުކުރެވޭވަރަށް އެ ހަދީސްތަކުގެ ސައްޙަކަން ތަޙުގީގު ކުރައްވައި އެކުލަވާލެވިފައިވާ ފޮތް ތަކެކެވެ. ކަލޭމެންގެ ވާހަކައިގެ ދެކޮޅު ނުޖެހޭކަން ބަލާށެވެ. ކަލޭމެން ގުރުއާން ގަބޫލު ކުރާ ކަމުގައި ދަޢުވާ ކުރަމުއެވެ. ނަމަވެސް އެ ގުރުއާންވެސް އަހަރެމެންނާއި ހަމަޔަށް ވާސިލް ވެފައިވަނީ ހަމަ ޙަދީސްތައްވެސް އަހަރެމެންނާއި ހަމަޔަށް ވާސިލް ކޮށްދެއްވި ފަރާތް ތަކުންނެވެ. އެއީ އަސްޙާބު ބޭކަލުންނެވެ. ވީމާ އެއްކަމެއްގައި އެބޭކަލުންނަކީ ތެދުވެރީން ކަމުގައި ބަލާފައި އަނެއް ކަމެއްގައި އެބޭކަލުންނަކީ ދޮގުވެރިން ކަމުގައި ދެކެނީ ހެއްޔެވެ؟ ގުރުއާން ރައްކާތެރި ކުރެއްވުމުގެ މާނަޔަކީ އެގުރުއާނުގެ ލަފްޒު ތަކާއި އެގުރުއާނުގެ އެކްސްޕްލެނޭޝަނާއި ރައްކާތެރި ކުރެއްވުމެވެ. ކަލޭމެންގެ ކައްޒާބު އެރިޒޯނާ ސަހަރާއިން ފާޅުވެއްޖައުމަށްދާންދެން ވޭތުވެދިޔަ 1400 އަހަރު ގައިވެސް އެއްވެސް މުސްލިމަކު ޖުމްލަކޮށް ޙަދީސް ތަކަށާއި އަދި ސުންނަތަށް އިންކާރު ކޮށްފައެއް ނެތެވެ. ސަބަބަކީ އެ ސުންނަތަށް ޢަމަލު ނުކޮށް އިސްލާމް ދީނަށް ނޫޅެވޭނެތީއެވެ. ކަލޭމެންފަދައިން ތިމަންނާމެން ގަބޫލު ކުރާނީ ހަމައެކަނި ޤުރުއާނޭ، ގުރުއާން ފުދެއޭ، ޙަދީސެއް ނުވަތަ ސުންނަތެއް ގަބޫލު ކުރާކަށް ނުޖެހޭނެކަމަށް ބުނާ މީހުން ފަހުޒަމާނުގައި އަންނާނޭކަންވެސް އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަހަރެމެންނަށް އަންގަވައި ޚަބަރު ކުރައްވާފައެވެ. ވީމާ ކަލޭމެންގެ ތިޔަ މޮޔަ ދަޢުވާއިންވެސް އަހެރެމެންނަށް އެކަލޭގެފާނުގެ އިތުރު އެއް ޕްރޮފެސީ ސާބިތުވެ އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަމާއި އެކަލޭގެ ފާނުން ދައްކަވާ ކޮންމެ ވާހަކަފުޅަކީ އިލާހީ ތެދުމަގާއި އިލްހާމްގެ މަތީން ދައްކަވާފައިވާ ވާހަކަފުޅުތައްކަން އިތުރަށް ޔަގީންވުން ނޫން އެހެން ކަމެއް ނުވެއެވެ."
•    މިފަދަ ވާހަކަތަކުން އައްޝައިޚު ތިސްޢަތަ ޢަޝަރަ މާޔޫސް ވިއެއްކަމަކު އަދިވެސް ދުލެއް ނުކުރާނެއެވެ. ބުނާނެއެވެ. "ނަމާދު ކުރާނެ ގޮތާއި ޙައްޖު ވާނެ ގޮތާއި މިފަދަ ކަންކަމާއިމެދު އައިސްފައިވާ ޙަދީސް ތައް އަހަރެމެންވެސް ގަބޫލު ކުރަމެވެ. ނަމަވެސް އަހަރެމެންނަށް ގަބޫލު ނުކުރެވެނީ ސައިންސްގެ ހޯދުން ތަކާއި ޚިލާފް ތަކެތި އައިސްފައިވާ ޙަދީސް ތަކެވެ. މިސާލަކަށް ބޯންއިން ފެންތައްޓަށް މެއްސެއް ވެއްޓުމުން އެއެތި ތަށީގެ ތެރެއަށް ގަންބާލުމަށާއި އެއިގެ އެއްފިޔައިގެ ދަށުގައި ވަނީ ބަލި ކަމަށާއި އަނެއް ފިޔައިގެ ދަށުގައި ވަނީ ފަރުވާ ކަމަށް އެއޮންނަ ޙަދީސް މިއޮތްފަދަ ޒަމާނުގައި ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟"
•    ބުނާށެވެ. " މެއްސަކީ ބައެއް ބަލި ތައް ޖައްސާ ޖަރާސީމް  އުފުލާ އެއްޗެއްކަން އިންސާނުންނަށް ޔަގީންވީ މައިކްރޮސްކޯޕް އީޖާދު ވީ ފަހުންނެވެ. ނަމަވެސް އެކަން އަހަރެމެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ 1400 އަހަރު ކުރިން އަންގަވާފައެވެ. ނަމަވެސް މެހީގައި ލައްވާފައިވާ ޝިފާގެ ބައި އަދި ނުހޯދެނީއެވެ. އެކިއެކި ބަލީގެ ޝިފާ ކަމުގައި ހިމެނޭ އެންޓި ބަޔޮޓިކް ތައް އެކިއެކި އާދަޔާޚިލާފް ހައިވާނު ތަކުން ލިބޭކަމަކީ ސައިންޓިފިކް ހަގީގަތެކެވެ. ހަރުފަ ޔަށް ބަލާށެވެ. އެއިގައި ވަރުގަދަ ވިހަ އެއް ވެއެވެ. އަދި އެ ވިހައިގެ މައިތިރި ނުވަތަ ފަރުވާ ނުވަތަ އެންޓިޑޯޓް ވެސް އެހަރުފައިގެ ހަށިގަނޑުގައި ވެއެވެ. ހަރުފަ ވިހައިގެ އެންޓިޑޯޓް ހޯދަނީ  ފާރމް ތަކުގައި ގެންގުޅޭ ހަރުފައިންނޫން ހެއްޔެވެ؟  ސްޓެންފޯރޑް ޔުނިވަރސިޓީގެ ސައިންޓިސްޓެއް ބުނެފައި ވެއެވެ.   "މެހި، މަދިރި، ކުރަފި ފަދަ ޙައިވާން ތައް އެ ގްރޫޕަކަށް ނިސްބަތްވާ އިންސެކްޓްސް އޭ ކިޔޭ ބާވަތުގެ ސޫފާ ސޫފީގެ ހަށިތަކުން އެންޓިބަޔޮޓިކް ތައް ހޯދުމަށް މަސައްކަތް ކުރުމަކީ ބުއްދި ގަބޫލު ކުރާ ކަމެކެވެ. ސަބަބަކީ އެތަކެތި ދިރިއުޅޭ މާހައުލަކީ ވަރަށް ހަޑިމުޑުދާރު ތަންތަނެވެ. ވީމާ ހުރިހާ ބާވަތެއްގެ ޖަރާސީމް ތައް އެތަކެއްޗަށް ހުށަހޮޅޭނެއެވެ. އަދި އެ ޖަރާސީމު ތަކުން ދިފާޢު ވެގަތުމުގެ ބާރު އެތަކެތީގެ ހަށިތަކުގައި ހުންނާނެއެވެ. އިންސެކްޓް ތަކުގައި ވަރަށް ގިނަ އެންޓިބަޔޮޓިކް ތަކުގެ މައްޗަށް އެކުލެވިގެންވާ ދިފާޢީ ނިޒާމެއް އެކުލެވިގެން ވެއެވެ." މިފަދަ މިފަދަ ކަންތަކުންވެސް އަހަރެމެންނަށް އެނގި ޔަގީންވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ފުޅުތަކަކީ ހަމަ ޙައްގު ތެދު ކަމެވެ.

-ނުނިމޭ-

ޓެގް

ދީން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.