އިސްލާމްދީނާއި ދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމަ އާއި އެކުވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރެމުންދަނީ ދުޝްމަނުން ކަންބޮޑުވާހައި ހަލުއި މިނެއްގައެވެ. އެހެންކަމުން އިސްލާމީ ދަޢުވަތު ހުއްޓުވައި މުސްލިމުންނަށް ޖެއްސުންކުރުމަށް އިސްލާމީ ޝިޢާރުތަކާއި ދެކޮޅަށް ތަފާތު ފިޔަވަޅުތައް އެބައިމީހުން މިވަނީ އަޅަން ފަށައިފައެވެ. މިކަމުގައި އެންމެ ޙައިރާންވާންޖެހޭ ކަމަކީ މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ ޖަރީމާ ހިންގަމުންވެސް، ތިމަންމެންނަކީ ޑިމޮކްރަސީ އާއި ޙައްޤުތަކުގެ ޗެމްޕިއަނުންކަމުގެ ދަޢުވާކުރަން ލަދުނުގަންނާތީއެވެ.
މިކަމުގެ އަލިގަދަ އެއް މިސާލަކީ ދާދިފަހުން ފުރާންސުގެ "ބުއްދިވެރިންގެ" ބަޔަކު އަތިރިމަތީގައި ލެވޭނެ ހެދުމާއި ނުލެވޭނެ ހެދުން ކަނޑައެޅި ކަނޑައެޅުމެވެ. އެބައިމީހުންގެ "ބަންދު ވިސްނުމަށް ހަމަ "ސާބަސް" ދޭހައިވެއެވެ. އަދި އެއަށްވުރެވެސް ބޮޑު ސާބަހެއް "ޙައްޤުވަނީ" އިސްލާމީ ޤައުމުތަކުގައި، ހުޅަނގުގެ ނަޒަރިއްޔާތަށް ފެތުރުމުގައި ހޭބޯނާރައި އުޅޭ "ކަނު" މުޤައްލިދުންނާއި އެންޖީއޯ ތަކަށެވެ. ހުރިހައި އެންމެންނަށް ހަމަހަމަ ޙައްޤުތަކެއް ހޯދައިދިނުމުގެ ނަމުގައި އުފައްދާފައިވާ މިފަދަ ޖަމިއްޔާތަކުގެ "ރާޑަރުން" އިސްލާމީ ޤައުމުތަކުގައި ހިނގާ ކުޑަކުޑަ ހާދިސާއެއްވެސް ނައްޓައިނުލައެވެ. ނަމަވެސް ހުޅަނގުގެ ބައެއް ޤައުމުތަކުން މުސްލިމުންގެ ޙައްޤުތައް ފައިދަށުލައި "ޗިސްކުރަމުންދާއިރުވެސް" މި ދެންނެވި ޖަމިއްޔާތަކަށް އެފަދަ ޢަމަލުތައް ކުށްވެރިކޮށްލަންވެސް ނުކެރެއެވެ. ފަހަރުގައި "ސާހިބުންގެ" އަތުން ލިބޭ ޢިނާޔަތްތަކުގެ" ބާރުގަދަކަމުން ތޯއްޗެކެވެ.
މުސްލިމުންގެ ދިރިއުޅުގެ ވައްޓަފާޅި، އަހަރެމެންގެ ސެކިއުލާ އަގުތަކާއި ފުށުއަރާކަމަށް ބުނެ، ޑިމޮކްރަސީގެ ނިވަލުގައި ތިބެ ހަދާ ޤާނޫނާއި ޤަވާޢިދުތަކުގެ ދަށުން މުސްލިމުންގެ އަސާސީ ޙައްޤުތައް ފޭރުމުގެ ޙައްޤު ބައެއް ޤައުމުތަކަށް ލިބިގެންވާނަމަ، އިސްލާމީ ޤައުމުތަކަށްވެސް އެމީހުންގެ ދީނާއި ދެކޮޅު ޢަމަލުތައް މަނާކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނަންޖެހޭނެއެވެ.
އެހެންކަމުން ޑިމޮކްރަސީ އާއި ޙައްޤުތަކުގެ މިލްކުވެރިންކަމަށް ދަޢުވާކުރާ ޤައުމުތަކާއި ޖަމިއްޔާތަކާއި ކޮށްލަން އޮތް ސުވާލަކީ، ސެކިއުލާ ޤައުމުތަކަށް އެމީހުންގެ ސަޤާފަތް ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާގޮތަށް އިސްލާމީ ޤައުމުތަކަށްވެސް އެޙައްޤު ލިބިގެންވާކަމަށް ކަލޭމެން ޤަބޫލުކުރަން ހެއްޔެވެ؟ ނޫނީ ޙައްޤުތަކަކީ ހަމައެކަނި ސެކިއުލަރިސްޓުންނަށް ލިބިގެންވާ އެއްޗެއް ހެއްޔެވެ؟
ހުޅަނގުން އިސްލާމީ ޤައުމުތަކާއި މެދު އިންޞާފުން ޢަމަލުކޮށްފާނެކަމަށް ދެކޭ މީހުން އެ އުޅެނީ އަވާމެންދުރެއްގައެވެ. ސުރުޚީ ކަތަންމެ ރީއްޗަސް އެބައިމީހުންގެ ހުރިހާ ނަޒަރިއްޔާއެއްވެސް ބިނާވެގެންވަނީ ތަޢައްޞުބުގެ މައްޗަށެވެ. ކޮންމެ ކަމެއްގައިވެސް އެބައިމީހުން އެންމެ އިސްކަމެއްދޭނީ އަމިއްލަ މަންފާތައް ހިމާޔަތްކުރުމަށެވެ. އަދި ގަދަ ބާރުން އެމީހުންގެ ސަޤާފަތް ފެތުރުމަށެވެ.
އެހެންކަމުން އިސްލާމީ އުންމަތަށްވެސް އެދެވިގެންވަނީ ހުޅަނގުގެ ފިކުރީ އަޅުވެތިކަމުން ހަށިފޮޅައިލައި އިސްލާމީ އަގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. ސުވާލަކީ އިސްލާމީ އުންމަތުގައި އެ ހިތްވަރާއި ފަންވަރު އެބަހުރިހެއްޔެވެ؟ ނޫނީ ޣާފިލުކަންމަތީ ދުޝްމަނުންގެ އަތްތަކުން ނިމިދާތަން ބަލަން ތިބެންވީ ހެއްޔެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...