ރިޕޯޓް އިންތިހާބާއި އެކު އައިޑީކާޑުތައް ގެއްލެނީ

އިންތިހާބާއި އެކު އައިޑީކާޑުތައް ގެއްލެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އާދަޔާ ޚިލާފަށް އައިޑީކާޑު ގެއްލުމުގެ މައްސަލަ ފަހަކަށް އައިސް ދަނީ ރާއްޖޭގައި ފެންމަތިވަމުންނެވެ. ދާދިފަހުން ނ އަތޮޅުގެ ރަށަކުންވަނީ 11 އައިޑީކާޑު ވީނުވީ އެއް ނޭނގި ގެއްލިފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ‘އައިޑިކާޑުގެ ޑިމާންޑް’ ބޮޑުވެ ގިނަ އަދަދަކަށް ގެއްލެމުންދާކަން މުއުތަބަރުގޮތެއްގައިވަނީ އެނގިފައެވެ. އައިޑީކާޑު ރާއްޖޭގެ ކަންކޮޅުތަކުގައި ގެއްލުމުގެ މައްސަލައިގައި ހޯދި ހޯދުންތަކުން ގެއްލުނު ސަބަބުވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމަށެވެ. އާދެ! އެއީ އިންތިހާބާއި ގުޅިގެން ހިނގާ ވައްކަމެއްކަމަށް އެނގިފައެވެ. ޕާޓީތަކުގެ ވާދަ ބޮޑުވެ އައިޑީކާޑު ވަގަށް ނަގާ ހިސާބަށް މިވަނީ ގޮސްފައެވެ.

އައިޑީކާޑު ވަގަށް ނަގަނީ   ކީއްވެބާއެވެ؟ ރަނގަޅު ސުވާލެކެވެ. އައިޑީކާޑަކީ ކުރިއަށް އޮތް އިންތިހާބުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އައިޑީކާޑު ނެތް މީހަކަށް ވޯޓުލުމުގެ ފުރުސަތެއް ނުލިބޭނެކަން ‘ވަގުން’ ގަބޫލުކުރާތީ އެފަދަ ވައްކަންތައް ކުރަނީކަމަށް ބެލެވެއެވެ. ޕާޓީތަކުގެ ފޯރިއާއި ކެނޑިޑޭޓުން ހޮވުމުގެ ފޯރި ހިފާފައި ތިބިވަރުން ނުވަތަ ތިމާގެ ކެނޑިޑޭޓު ހޮވަން ބޭނުންވާލެއް ބޮޑުކަމުން އިދިކޮޅު ކެނޑިޑޭޓަށް ވޯޓުލާނެކަން ޔަގީންވާ މީހުންގެ އައިޑީކާޑު އެދަނީ ‘ގެއްލެމުން’ނެވެ.

ސިޔާސީ ވާދަވެރިކަން ބޮޑުވެ މުޖުތަމައުގެ ހަމަނުޖެހުން މިވަނީ ގެއްލިފައެވެ. ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށްޓަކައި ބައެއް މީހުން ކޮންމެ ފަދަ ކަމެއް ކުރާކަށްވެސް ޖެހިލުމެއް ނުވެއެވެ. ސިޔާސީ ބަހުގެ ހަމަލާތަކަށްފަހު ގޭގޭގައި ރޯކޮއްފައި ހުރިކަން ދާދިފަހުގެ ތާރީހުތަކުގެ ނޫސްތައް ބަލާލިއަސް އެނގޭނެއެވެ. އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅުވުމަށްވެސް މިފަދަ ކަންކަން ކޮއްފައިހުރިކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން އަމިއްލަ ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދެމުން ދެއެވެ. މިކަމުން ރައްޔިތުންގެ ރުހުން ލިބިދާނެކަމުގެ އުންމީދުގައެވެ. އިސްވެ ދެންނެވުނު ‘އައިޑީކާޑު ވަގަށްނަގާ’ މީހުންނަކީވެސް އެފަދަ ސިޔާސީ އުކުޅަކަށް ނުވާނެއެކޭވެސް ދެންނެވޭކަށް ނެތެވެ. ސިޔާސީ ކަންކަމުގެ ސަބަބުން ކޮންމެފަދަ ކަމެއްވެސް ވުން އެއީ ފެނިފައިވާ ހަގީގަތެވެ. ކޮންމެއަކަސް ކުރިން ބުނެވުނު ވާހަކައިގައި ސިޔާސީގޮތުން ދެފިކުރުގެ މީހުންގެ އައިޑީކާޑުތައް ވެސް ގެއްލޭކަމަކީ ‘ވައްކަން ކުރުމުގައި’ އެއްބަޔަކު އަނެއް ބަޔަކަށް ކުރި ހޯދުމަށް މަސައްކަތް ކުރަމުންދާކަމުގެ ނިޝާނެކެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ‘ވައްކަން’ ކުރަމުންދާ މީހުންނަށް ނޭނގޭ ކަމަކީ ތިމާގެ އިދިކޮޅު ކެނޑިޑޭޓް ފެއިލް ކޮށްލުމުގެ ނިޔަތުގައި އަނެކާގެ އައިޑީކާޑު ވަގަށް ނަގަމުން ދިޔަ ނަމަވެސް ޕާސްޕޯޓް ބޭނުންކޮށްގެންވެސް ވޯޓް ލެވޭނެއެވެ. އެހެންކަމުން އިދިކޮޅު ކެނޑިޑޭޓް ބަލިކުރަން ބޭނުންނަމަ އައިޑީކާޑު އެކަނި ވަގަށް ނެގުމަކުން ނުފުދޭނެއެވެ. އިދިކޮޅު ކެނޑިޑޭޓުން ބަލިކުރުމުގައި މިފަދަ ދަށު ދަރަޖައިގެ ‘އުކުޅުތައް’ ބޭނުންކުރުމުގެ ބަދަލުގައި ތިމާ ސަޕޯޓްކުރާ ކެނޑިޑޭޓު ރަނގަޅުނަމަ މާގިނަ މަސައްކަތެއް ނުވަތަ މާގިނަ ވައްކަމެއް ކުރާކަށް ނުޖެހޭނެއެވެ.

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.