ރިޕޯޓް އިންތިހާބު ކައިރިވުމުން ‘ރައްޔިތުންގެ’ މީހަކަށް...

އިންތިހާބު ކައިރިވުމުން ‘ރައްޔިތުންގެ’ މީހަކަށް...

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން އިހްސާން

އިންތިހާބު ބޯވަމަތިވެފައިވާއިރު އާދަޔާ ހިލާފަށް ގުޅާ އެއްބަޔަކު މިވަނީ ފެންމަތިވެފައެވެ. އިލެކްޝަން ކޮމިޝަނުން އެމީހުންގެ ޝަރުތު ހަމަވާކަމަށް ބުނުމާއި ހިސާބުން ‘ރަށު މީހުންނަށް’ ގުޅައިގެން ހާލު ބެލުމާއި މަޝްވަރާ ކުރުން މިވަނީ އިތުރުވެފައެވެ. ‘ރަށާމެދު ވިސްނާ’ މީހެއްގެ ހައިސިއްޔަތުން ތަފާތު ޝުއޫރުތަކާއި ޚިޔާލުތައް ދަނީ އޮއްސަމުންނެވެ. ކުރިން ‘ބިޒީ’ކަމުން ރަށަށް ކަމެއް ކޮށް ނުދެވި އެތައް ބަޔަކު މުޅި ދިރިއުޅުން ‘ރައްޔިތުންނަށްޓަކައި’ ވަނީ ހުސްކޮށްލާފައެވެ. އެމީހުންގެ ބަހުންނަމަ ‘އެއްވެސް އަމިއްލަ އެދުމެއް ނެތި’އެވެ. ހަމައެކަނި ރައްޔިތުންނަށް ‘ހިދުމަތް’ ކޮށްދިނުމުގެ މާތް މަޤްސަދުގައެވެ.

އިންތިހާބެއް ކައިރިވުމުން ވަރަށް ގިނަ މީހުން ހޮރުން ނުކުމެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ފަށައެވެ. ‘ރައްޔިތުންގެ’ މީހަކަށްވެގެން ހުރިހާ އިހުސާސެއް އަޑުއަހައެވެ. އަދި ‘ހޮވިއްޖެނަމަ’ އެކަންކަމަށް ހައްލު ގެނެސްދޭނެކަމަށް ހަރުއަޑުން އެދަނީ ބުނަމުންނެވެ. ސިޔާސީ ކަންކަން ދިރާސާ ކުރާމީހުންގެ ނަޒަރުގައި އިންތިހާބުތަކުގައި ކެނޑިޑޭޓުން ވާ ވައުދަކީ ފުއްދާނެ ވައުދެއް ނޫނެވެ. އަދި ފުއްދޭނެ ވައުދެއްވެސް ނޫނެވެ. ސަބަބަކީ އިންތިހާބަކުން އެމީހަކު ފެއިލް ވެއްޖެނަމަ އެމީހަކަށް އެކަމެއް ނުވާނެއެވެ. އަދި ހޮވިއްޖެނަމަ ގިނަ ފަހަރު ބިޒީވެގެންގޮސް އެފަދަ ވައުދުގެ މަތިން ހަނދާންވެސް ނުހުންނާނެތީއެވެ. މިކަމަށް ބާރުދޭކަމަކީ ގިނަ ކެނޑިޑޭޓުން އެމީހުންވާ ވައުދުތަކުގެ ‘ރެކޯޑް’ ނުބަލަހައްޓާކަމެކެވެ. ޕޯޑިއަމްތަކުގައި ހަރުއަޑުން ގޮވާގޮވެލި އެޕޯޑިއަމުން ދުރައް ޖެހިލާއިރަށް ނުދައްކާ ވާހަކައަކަށް ވެގެންދެއެވެ. މިފަދަ ކަންކަމާއި ހުރެ ‘މެމްބަރުން’ ދައްކާ ވާހަކައަށް ގިނަ މީހުން އިތުބާރެއް ނުކުރެއެވެ. ރައްޔިތު މީހާގެ ބަހުންނަމަ ‘އެއީ ހަމަ ހުސް ހޮޅި ވާހަކަ’ އެވެ.

އިންތިހާބެއް ކުރިމަތިވިޔަސް ކުރިމަތި ނުވިޔަސް ރައްޔިތުންނަށް ހެޔޮ އެދޭ މީހުން އަބަދުވެސް ވާނީ ރައްޔިތުންގެ ހިދުމަތުގައެވެ. ރައްޔިތުންނަށް ކޮށްދޭ ހިދުމަތަކީ ޖަމިއްޔާތައް ހަދައިގެން ވިޔަފާރި ކުރުން ކަމުގައިވާނަމަ ނުވަތަ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ނަމުގައި ރައްޔިތުން ލައްވާ ގުލާނު ކުރުން ކަމުގައިވާނަމަ އެއީ އަދި ގޯސް ވިސްނުމެކެވެ. ރައްޔިތުންގެ ހިދުމަތުގައިވާ މީހުންނަކީ ‘މުޅިން ހިލޭ’ ކަންކަން ކޮށްދޭ މީހުންނެވެ. އޭގެ ބަދަލު އެހެން ގޮތަކުން ހިފަން ނޫޅޭ މީހުންނެވެ. މިސާލެއްގެ ގޮތުގައި ދައްކާނެ މީހުން ރާއްޖޭގައި މަދުކަން ފާހަގަ ކުރަންޖެހެނީ ހިތާމަޔާއި އެކުގައެވެ. އެހެންކަމުން ‘ވޯޓަކަށް’ އެދި ސަލާން ޖަހާ ހާލު ‘ރައްޔިތުންގެ’ މީހަކަށް ވުމުގެ އެއްވެސް މާނައެއް އަދި ކުރާނެ ފައިދާއެއް ނެތެވެ. ބެނާތަކާއި ފޮތިގަނޑުތަކުގައި ‘ފޮނި’ އިބާރާތްތަކުން ގަތާލެވިދާނެއެވެ. ރައްޔިތުން އެ ސަޅިބައިސާ ގަބޫލުކުރާނެތޯ ނުވަތަ ނޫންތޯ ބުނާނީ ވޯޓަކުންނެވެ.

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.