ރިޕޯޓް އުލިގަމުގެ ތާރީޚުގައި މިސްކިތް

އުލިގަމުގެ ތާރީޚުގައި މިސްކިތް

އުލިގަމުގެ ތާރީޚުގައި މިސްކިތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދު ޒަމާނާ އެކަށޭނަ ފެންވަރެއްގައި ހެޔޮއެދޭ އަމިއްލަ ފަރާތަކުން އުލިގަމުގައި މިސްކިތެއް އިމާރާތްކޮށްދީ ހުޅުވާފައި ވާއިރު މިސްކިތުގެ ސިލްސިލާ ތާރީޚުގެ ތެރޭގައި އޮތްގޮތް ބަލާލުމަކީ ނެތްކަމެއް ނޫނެވެ.
އަޅުގަނޑެކޭ އެއްފަދައިން މިހާރުގެ އެހެން ޒުވާން ކުދިންވެސް މިޒަމާނުގެ ތެރެއަށް ހޭލަމޭލަ ވަމުން އައި އިރު އުލިގަމުގައި ނަމާދުކުރާ ހުންނަނީ ދެމިސްކިތެކެވެ. އެދެމިސްކިތަކީ މިހާރުވެސް ފިރިހެނުން ނަމާދު ކުރަމުންދާ ކުރީގެ އަންހެނުންގެ މިސްކިތް މަސްޖިދުލް ހުދާ އާއި އަދި ފަހުން ޢިމާރާތްކުރަން ފަށާފައި މަސައްކަތް ހުއްޓާލާފައިވާ ކުރީގެ ހުކުރު މިސްކިތް މަސްޖިދުލް އިޚްލާޞްއެވެ. މިހެންދެނެވި ކަމުގައިވިޔަސް އަޅުގަނޑުމެންގެ ތެރެއިން ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތައް ހަނދާން ހުންނަ ކުދިންނަށް ރަށުގެ ބޮޑުމަގުގައި ބިންމަތީގެއާ ބޮކަރުމާގެއާ ދޭތެރޭގައި ހުރި ކުޑަ މިސްކިތެއްގައި އަންހެނުން ނަމާދު ކުރަނިކޮށް ފެނިފައިވާނެއެވެ. އަދި މިހާރުވެސް ފިނިފާބައި މޫސުމުގައި ރޭގަނޑު ނުވަތަ ހެނދުނު އަވިއަރަމުން އަންނައިރު މިދެންނެވި ސަރަހައްދުގެ މަގުމަތިން މިސްކިތުގެ ފާރުތައް ހުރިގޮތާ މިސްކިތުގެ ވަޅު ހުރިތަން ބިންމަތީން ފާޅުވާން ހުންނާނެއެވެ. މި މިސްކިތް އުވާލެވުނީ މިހާރު ރަށުގެ އެންމެންވެސް ނަމާދު މިކުރާ ކުރީގެ އަންހެނުންގެ މިސްކިތް މަސްޖިދުލް ހުދާ ރައްޔިތުން ޢިމާރާތްކޮށް އެމިސްކިތް ހުޅުވުނު ހިސާބުންނެވެ.
ކުރީގެ ހުކުރު މިސްކިތް ނުވަތަ މަސްޖިދުލް އިޚްލާޞް ހުރިތަނަށްބަލާއިރު މިހާރު ޢިމާރާތް ކުރަން ފަށާފައި ހުއްޓާލާފައި ހުރި ޢިމާރާތާއެކު އެތަނުގައި ތިންފަހަރެއްގެ މަތިން މިސްކިތް ޢިމާރާތް ކުރެވިފައިވެއެވެ. އެއީ އެތާކުރިންހުރި ބާމިސްކިތާއި އެމިސްކިތަށްފަހު އެތާ ސަރުކާރުގެ އެހީއާއެކު ރައްޔިތުން ޢިމާރާތްކުރި އާމިސްކިތަކާއި އަދި އެމިސްކިތުގެ ޖާގަކުޑަވުމުގެ ސަބަބުން މިހާރު ކޮންކްރިޓް ގެއުގަނޑު ހެދުމަށްފަހު މަސައްކަތް ހުއްޓާލާފައިވާ މިސްކިތެވެ. އޭގެ ކުރިން އުލިގަމުގައި ފިރިހެނުން ނަމާދުކޮށް އުޅުނުކަމަށް މުސްކުޅިން ބުނާތީ އަޑުއިވެނީ އޭރު ވަލުގައި އަދި މިހާރު ރައްޔިތުންގެ ބޭސް ފިހާރަހުރި ސަރަހައްދުގައި ހުރި ކުޑަމިސްކިތް ކިޔާ މިސްކިތެއްގައެވެ. އެސަރަހައްދަކީ އަޅުގަނޑުމެންގެ ހަދާނަށް އައި އިރުވެސް އިސްކޮޅާހަމަ އުސް މަހަނާ ގާ ގިނަ ޢަދަދަކަށް ފެންނަންހުރި ސަރަހައްދެކެވެ. އަދި އެތާގައިހުރި ކަމަށް ބުނާ ކުޑަމިސްކިތުގައި ބަންގިގޮވުމަށް ނުވަތަ ޚަތީބު ޚުޠުބާ އިއްވުމަށް އަރާއުޅުނު ބޮޑު ހިރިގަލަކުން ހަދާ ހަރުފަތް ކަނޑާފައި އޮތް މުންނާރެއް ނުވަތަ މެންބަރެއް ވެސް ދާދިފަހަކާ ޖެހެންދެން އެތާއޮތެވެ. މި ތާރީޚީ ތަރިކަ ނެތިވެ ގެއްލިދިޔައީ ފަޅާއި ގޮނޑުދޮށުން ގާނެގުން މަނާވަމުން އައި އިރު މީހުން ވަލުތެރެއިން ހިރިގާ ހޯދައި އެއިން ގެދޮރު ޢިމާރާތް ކުރުމުގެ އޮއިވަރެއް ރަށުގައި ހިނގަމުންދިޔަ ދުވަސްވަރެއްގައެވެ. ކުޑަ މިސްކިތުގެ ކުރިޔަށް ޖެހިލެވޭތޯ ބަލާއިރު ދެން މިސްކިތެއްގެ ވާހަކަ ދޫދޫ މަތިން ކިޔާ އުޅެނީ މިހާރުވެސް އެމަގެއްގެ ނަމަކަށް ފަޅުމިސްކިތްމަގު ކިޔާ އުޅޭ މަގުގެ އެއްކައިރިއެއްގައި ހަދާފައިހުރި ކަމަށް ކިޔާ ވަރަށް ކުޑަ ކުޑަ މިސްކިތެއްގެ ވާހަކައެވެ. ޔޯލަކޮށް ތަފާތު ވާހަކަ އެތަނަކާބެހޭ ގޮތުން މުސްކުޅިން ކިޔާއުޅޭ އެމިސްކިތް ހުރި ސަރަހައްދަކަށް ވާނީ މަދަރުސާގެ ބޯޅަދަނޑުގެ ސަރަހައްދެވެ. ބޯޅަދަނޑަކަށް އެސަރަހައްދު އަލިނުކޮށް ވާގަނޑަކަށް އޮތްއިރު ފަޅުމިސްކިތްމަގޭ މިކިޔާ މަގުގެ މެދެއްހާ ހިސާބު އެއްކައިރިއެއްގައި މަހަނައަކާއި މިސްކިތުގެ ފާރުގަނޑުކަމަށް ބުނާ ވީރާނަ ގާގަނޑެއް ފެންނަން ހުއްޓެވެ. ޔޯލައަކުންވެސް މިމިސްކިތުގެ ކުރިޔަށް އުލިގަމުގެ އެހެން އެއްވެސްތާކު ނަމާދުކުރަން މިސްކިތެއް އަޅާފައިވާކަމެއް ތާރީޚުން އެނގޭކަށް ނެތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.