ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ އިސްލާމް ދީނުގެ ކަންތައްތަކަށް ފާޅުގައި ގޮންޖައްސަވަމުންގެންދާތަނެވެ. ދައުލަތުގެ އެންމެ އިސް މީހާއިން ފެށިގެން ރައްޔިތުމީހާގެ އެންމެ އާދައިގެ މީހާވެސް މިކަމުގައި ޝާމިލްވެއެވެ. މިއީ މިއަދު އަޅުގަނޑުމެން ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. އެގޮތުން މި ސައްތައިން ސައްތަ މުޖުތަމައުއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުން ހުއްދަ ކުރުމަށް ޤަވާޢިދެއް ހުށައަޅާލި ތަނެވެ. އިލާހީ ޤާނޫނުގައި ކަނޑައެޅިގެން ޙަރާމް އެއްޗެއް ވިއްކުމަށް ޤަވާޢިދެއް އެކަށައަޅާލިއިރު އެބައެއްގެ ހިތުގައި އީމަންކަމުގެ ޣީރަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީހެއްޔެވެ؟ ދެން ފެނިގެން ދިޔައީ މިއަދުގެ ދުނިޔޭގައި މުސްލިމުންނާއި ދޭތެރޭ އެންމެ އިހާނެތިކޮށް ކަންތައް ކުރަމުން ގެންދާ އިޒްރޭލުގެ ޔަހޫދީ ދައުލަތާއި ގުޅުން ބަދަހި ކުރިތަނެވެ. އިޒްރޭލުގެ ޔަހޫދީންނަކީ އަޅުގަނޑުމެން މުސްލިމުން ފޮތި ފޮތި ޖަހަމުން ގެންދާ އަޅުގަނޑުމެން މުސްލިމުންނަށް ކަނޑައެޅިގެން އަނިޔާވެރި ބައެކެވެ. ދުނިޔޭގެ އުދެރެހަށް އިރު އަރާ އިރު އޮށްސޭ ކޮންމެ ދުވަހަކީ ފަލަސްތީނުގައި ދިރިއުޅެމުން ގެންދާ އެތަކެއް ތުއްތު ތުއްތު ކުދިންތަކަކާއި، ނިކަމެތި އަންހެނުން ތަކެއްގެ ލޮލުން ކަރުނަތައް ފާއްދާލާ ދުވަހެކެވެ. ކުޑަކުދިން ޔަތީމް ކޮށްލާ ދުވަހެކެވެ. އަންހެނުން ހުވަފަތް ކޮށްލާ ދުވަހެކެވެ. މިކަންތައް މިހެން އޮށްވާ ދެން ފެނިގެން ދިޔައީ އިޒްރޭލުގެ ޑޮކްޓަރުން ތަކެއް ރާއްޖެއަށް ގެނައި ތަނެވެ. ދެން އިވިގެން ދިޔަ އަޑަކީ ޔަހޫދީންގެ ކޮންސެޕްޓްތައް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގެތެރެއަށް ވައްދަން އުޅޭ ވާހަކައެވެ. އިލާހީ ޤާނޫނުގައި ކަނޑައެޅިގެން މިމީހުންނަކީ ދުވަހަކުވެސް އަޅުގަނޑުމެންނަށް ހެވެކަށް އެދޭނެ ބައެއް ނޫންކަމަށް އައިސްފައިވާއިރު މިފަދަ ބަޔަކާ ގުޅުން ބަދަހިކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ... އިސްލާމްދީނަށް ގޮންޖެއްސެވުން ނޫންހެއްޔެވެ؟؟ އިސްލާމްދީން ނިކަމެތި ކުރުން ނޫންހެއްޔެވެ؟؟؟ ﷲ ޞުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާ އަންގަވާފައިވެއެވެ. "ތިޔަބައިމީހުން އެބައިމީހުންގެ ގޮތަތްތަކަށް ތަބަޢަ ވެއްޖެއުމަށް ދާންދެން ޔަހޫދީންނާއި ނަޞާރާއިން ތިޔަބައިމީހުން ދެކެ ނުރުހޭނެއެވެ." ހަމަ އެގޮތަށް އައްޑޫގެ އިސްލާމިއްޔާގެ ނަންވެސް މި ދިވެހި ފަސްގަޑުން ފޮހެލީއެވެ. ހަމައެއާއި ރާއްޖޭގައި މިވަގުތު ހުރި ޢަރަބި އިސްލާމީ ތަޢްލީމްދޭ ހަމައެކަނި ސްކޫލް ކަމުގައި ވާ ޢަރަބިއްޔާ ހުރި އިމާރާތް ތަޅާލުމަށްފަހު އެތާގައި މިހާރު އެއަޅަނީ ފްލެޓެކެވެ. ޢަރަބިއްޔާގެ ދަރިވަރުން މިހާރު ތަޢުލީމު ޙާސިލް ކުރަމުން ގެންދަނީ ރެފިއުޖީންގެ ގޮތުގައި އެހެން ބައެއްގެ އިމާރާތެއްގެ ކުޑަތަންކޮޅެއްގައެވެ. ޢަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިންގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާފައިވާކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ.
ލޮބިވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިދިވެހި ފަސްގަޑުން ފޮހެލާ ކޮންމެ އިސްލާމީ ނަމަކީ އިސްލާމްދީން ފޮހެލުމަށް ކުރެވޭ މަސައްކަތެކެވެ. މި ދިވެހި ފަސްގަޑުން ފޮހެލާ ކޮންމެ އިސްލާމީ ނިޝާނަކީ އިސްލާމް ދީން ފޮހެލުމަށް ކުރެވޭ މަސައްކަތެކެވެ. ރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކުރެވިފައި ވީ އިރު އިސްލާމް ދީނުގެ ހަރުދަނާ އުޞޫލްތަކާއި އެއްގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ރޭވިގެން އެބަދޭ ހެއްޔެވެ؟.. ހިތާމަޔާއެކީ ދަންވާލަން ޖެހެނީ ނޫނެކެވެ. މިއަދުގެ ސިޔާސަތަކީ ހުޅަގުގެ ސިޔާސަތެވެ. މިއަދުގެ ފިކުރަކީ ހުޅަގުގެ ފިކުރެވެ. މިއަދުގެ ވިސްނުމަކީ ހުޅަގުގެ ވިސްނުމެވެ. މިއީ އަޅުގަނޑުމެން ވިދާޅުވާ ބޮޑު މަންޒަރުކަމށްވެސް ވެދާނެއެވެ. ނަމަވެސް އިސްލާމީ ދައުލަތެއްގައި ސިޔާސަތުތައް ރޭވިގެން އަންނަންޖެހޭނީ ދީނުގެ އުޞޫލްތަކާއި އެއްގޮތަށެވެ.
ލޮބިވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިކަންތައް މިހެން އޮތް އިރު މި ދީން ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުކަމަށް ދަޢުވާ ކުރާ މީހުން ކުރަނީ ކޮންކަމެއްހެއްޔެވެ. މަދު ބަޔަކު މިކަންކަމާ ދެކޮޅަށް ނުކުންނައިރު ގިނަ ބަޔަކު މިކަންތައް ކުރާ ފަރާތްތަކަށް ވާގިދީ ހަދާކަމީ ހިތާމަހުރިކަމެކެވެ. ﷲ ޞުބުހާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެން އެއިލާހުގެ ދީނަށް ނަސްރު ނުދިންކަމުގައިވިޔަސް އަޅުގަނޑުމެންފަދަ އެހެންބަޔަކު ގެނައުމަށް ކުޅަދުންވަންތަ ވޮޑިގެންވާކަމަށް އަންގަވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...