ރިޕޯޓް ސަންދޯއް ޖަހައި ނުދިނީ އިދިކޮޅު ޕާޓީގެ މީހެއްވީމަ!

ސަންދޯއް ޖަހައި ނުދިނީ އިދިކޮޅު ޕާޓީގެ މީހެއްވީމަ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ދާދިފަހުން އަތޮޅު ތެރޭގައި ހިނގި ހާދިސާއެކެވެ. ޕާޓީއަކަށް ނިސްބަތްވާ މީހަކު މަރުވުމުން އޭނާގެ ސަންދޯއް ޖަހައިދޭ މީހާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ސަބަބަކަށްވީ މަރުވި މީހާއަކީ ސަންދޯއް ޖަހާ މީހާއާއި އިދިކޮޅު ސިޔާސީ ފިކުރެއްގެ މީހެއްކަމުގައިވުމެވެ. މައްޔިތާގެ ފިކުރާއި ސަންދޯއް ޖަހާ މީހާގެ ފިކުރު ދިމާނުވުމުގެ ނަތީޖާއަކަށްވީ އެތައް ބަޔެއްގެ އެދުމަށްވެސް އެކަން ނުކޮށްދިނުމެވެ. ދެން ޖެހުނީ ކައިރި ރަށަކުން މީހަކު ގެނެސް ސަންދޯއް ޖަހާ މައްޔިތާ ވަޅުލާށެވެ.

ސިޔާސީ ގޮތުން ދިވެހިން މިހާ ދަށު ދަރަޖައަކަށް ދިޔައީތޯއެވެ؟ ސިޔާސީ ގޮތުން ފިކުރު ތަފާތުވުމުން ‘ބޮއިކޮޓް’ ކުރަމުންގޮސް ހައްދު ފަހަނައެޅީތޯއެވެ؟ ދިވެހިންނަކީ އެއްދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއްގެ ވެރި ބަޔެކެވެ. ދިވެހިންނަކީ ޖެހިގެން ހުރިގޭން ތެލީގެ ފޫ ކަހާލާ އަޑު އިވުމުން އެގެޔަކަށް ބަތް ކަހަނބު ގެނެސްދީ އުޅުނު ހުލްޤު ހެޔޮ ބަޔެކެވެ. އެހެންވީއިރު މިހުރިހާ ގުޅުމެއް ސިޔާސީ ހައިޖާނުގެ ސަބަބުން ކަނޑައިގެން ދިޔައީހެއްޔެވެ؟ ދިވެހިންގެ ތެރޭގައި ކުރެވެމުން އައި ސިޔާސީ ބަހުސްތައް މިވަނީ ހޫނުވެގެން ގޮސް ހަނގުރާމައަކަށް ބަދަލުވެފައެވެ. ދޭދޭ މީހުންގެ ސިޔާސީ ފިކުރުގެ ސަބަބުން ހޮޅުއަށިތަކުގައި ކުރެވެމުން އައި ޒުވާބު މިވަނީ ހަފޮޅުން ބޭރުވެފައެވެ. ހިތާމަކުރަންޖެހޭ ކަމަކީ ދިވެހިންގެ ތެރޭގައި ކުރިން އޮތް އެއްބައިވަންތަކަމާއި އެއް ބައެއްވަންތަކަން ސިޔާސީ ކަންތައްތަކާއި ހުރެ ވަޅުޖެހިފައިވާކަމެވެ.

ސިޔާސީ ކަންކަމުގައި އުޅޭ މީހުންނަކީ ތަންދޮރު އެނގޭ ބަޔަކަށް ވާން އެބަޖެހެއެވެ. ކުރިން ދެންނެވި ހާދިސާއަށް ވިސްނާލާއިރު އެފަދަ އަމަލުތައް ހިންގާ މީހުންނަކީ ތަނެއް ދޮރެއް ނޭނގޭ ބަޔެއްކަމަށް ގަބޫލުކުރެވެއެވެ. އެހެނަސް އެފަދަ މީހުން ގިނަ ވުމަކީ މައްސަލައެކެވެ. ސިޔާސީ ކަންކަމުގެ ސަބަބުން ދަރިން މައިންބަފައިންނާއި ގުޅުން ކެނޑުމަކީވެސް އެފަދަ ކަމެއްކަން ޔަގީނެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުމުގެ ސަބަބުން ދުވަސްވީ ރަހުމަތްތެރިކަން ބައެއް މީހުންވަނީ ކަނޑާލާފައެވެ. އާއިލާ މެމްބަރުންގެ ތެރޭގައި އެކި ޕާޓީއަށް ސަޕޯޓްކުރާ މީހުން އުޅޭތީ އާއިލާގެ އެތެރޭގައި އޮންނަނީ ހަމަނުޖެހުން އިތުރު ވެފައެވެ. އެހެންކަމުން ސިޔާސީ ކަންކަން ވެފައިމިވަނީ ދޭދޭ މީހުންގެ މެދުގައި ހަތުރުވެރިކަން އުފައްދައިދޭ ސަބަބެއް ކަމުގައެވެ.

ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ތެރޭގައި ދެބަސްވުމާއި ހަމަނުޖެހުން އުފެދުމެވެ. އަޅުގަނޑުމެން މިފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭނީ ވަރަށް ސްމާޓް ގޮތެއްގައެވެ. ސިޔާސީ ކަންކަމުގައި އުޅެވޭނީ ‘ސްމާޓް’ ވެގެންނެވެ. ސިޔާސީ ފިކުރު ގިނަ ފަހަރު އެކި ފަހަރު ހުންނާނީ އެކި ގޮތަށެވެ. މިސާލަކަށް؛ މިއަދު މައުމޫނަށް ތާއީދު ކުރާ މީހަކު ދިމާވާ ކުޑަކުޑަ ސަބަބަކުން މައުމޫނު ދޫކޮށް ހިނގައިދާނެއެވެ. އަދި މުހައްމަދު ނަޝީދު (އަންނި)ގެ ސިޔާސަތަށް ސަނާކިޔާ މީހަކު ކޮންމެވެސް ސަބަބަކާއި ލައިގެން ނަޝީދު އާއި އިދިކޮޅުވެ ނަޝީދުއަށް ބަހުގެ ހަމަލާތައް ދޭންފަށާފާނެއެވެ. މިއީ ސިޔާސީ ކަންތައްތަކެވެ. އެހެންކަމުން ސިޔާސީ ކަންކަމުގައި އުޅޭ އާންމުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެމާއި އަރާރުން މައިތިރިކުރަން އެބަޖެހެއެވެ. އެހެން ނޫންނަމަ މިޤައުމު ސިޔާސީކަންކަމުގެ ސަބަބުން ދާހިލީ ހަނގުރާމައެއް ފެށިދާނެއެވެ. ސިޔާސީ ހޭލުންތެރިކަން އިތުރުކޮށް ސިޔާސީ ގޮތުން ގެންގުޅޭ ‘ހަރުކަށި’ އުސޫލުތައް ނައްތާލަން އެބަޖެހެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ސިޔާސީގޮތުން ތަސައްވަރު ފުދިފައިވާ މީހަކަށް ވާން އެބަޖެހެއެވެ. ނޫންނަމަ ސިޔާސީ މީހުންގެ ތެރޭން ތިމާ ނުވެ މަޑުމަޑުން ހުރުން ބުއްދިވެރިއެވެ.

ޓެގް

ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.