އާނއެކޭ އާނއެކޭ ދިވެއްސަކަށްވީތީ މަވެސް ފަޚުރުވެރިވަމޭ! އެހެނެއްކަމަކު ދިވެއްސަކަށްވީތީ ފަޚުރުވެރިވަނީ ކީ އިންޑިޔާ ކަނޑުގެ މެދުގައި ގަތާލެވިފައިވާ ހާރެއްހެން ހިމަދިގުކޮށް އޮންނަ ހުދު ސާފު ގޮނޑުދޮށްތަކަކާއި ޗާލު ނަލަ ނަލަ ވިލުތަކާ ނޫކުލައިގެ ކަނޑުތަކާ މި ކަނޑު ތަކުގެ އަޑިންފެންނަ ނަލަ ނަލަ މަންޒަރުތަކާ ހެދިގެން ފަރަންޖީންތައް ހޭބޯ ނާރާ އެމީހުންގެ ފަށުވި ބަސްތަކުން މި ރާއްޖެޔަށް ތައުރީފުގެ ބަސްތައް އޮއްސާތީ އެކަންޏެއްނޫނެވެ! އަދި ކީއްހޭ މިހުރިހައިކަމަކަށް ވުރެ ބޮޑަށް ފަޚުރުވެރި ވެވެނީ، ފަޚުރުވެރިވާންޖެހެނީ މިއީ މާތްﷲ ސުބުޙަނަހޫ ވަތަޢާލާގެ ޙައްގު ދީނުގެ އަހުލުވެރިންތަކެއް ދިރިއުޅޭ އެދީނަކަށް މި ދީބުގެ ކާބަފައިން ޖެހިލުމެއްނެތި ލޭ އޮހޮރުވާލައި، އަދާ ހަމަޔަށް އަހަރެމެންނާ އަމާނާތެއްގެ ގޮތުގައި ހަވާލުކޮށްފައިވީތީއެވެ! މިއީ ކުޑަކުދީން ލޮއްސާން ކިޔާ ވާހަކަތަކެއްނޫން ކަން އަލިރަސްގެފާނުގެ މަހާނަޔާ، މުޙައްމަދު ތަކުރުފާނުގެ ގަނޑުވަރުވެސް ބުއްދި ހުރެ ވިސްނައިފިމީހަކަށް ފުދޭނެ ތޯއްޗެކެވެ.
މީގެ އެތައްޒަމާނެއްގެ ކުރީން ޖަހާލަތުގެ އަނދިރިކަން ނައްތާ ފުނޑުފުނޑުކޮށްލަން ޙިޖާޒުކަރައިގެ ޚުލްގު ހެޔޮ، އަމާނާތް ތެރި، އެ ބޭފުޅެއްގެ ދުޝްމަނުން އެބޭ ފުޅަކަށް ތަޢުރީފު ކުރެއްވި މި އުއްމަތުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ނޫރު، ރޯމްއާއި، ފާރިސްކަރަޔާއި، ޔޫރަޕް ފަހަނަ އަޅައި މި ކުޑަ ކުޑަ ދީބަށްވެސް މިވަނީ ފޯރާފައެވެ. މިއީ މުސްލިމް މުޖްތަމަޢެކެވެ. މުސްލިމް ރާއްޖެއެކެވެ. ދާދި ފަހަކާ ޖެހެންދެން ދެނަމާދު ދޭތެރޭ ޔާސީން ސޫރަތާ ތަބާރަކަ ސޫރަތް ކިޔެވުމަކީ މި ރާއްޖޭ ގައި ޢާންމު ކަމެކެވެ. އަވަށް ޓެރީންނަށް އަޅާލުމާ ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަކީ އަމުދުން ފަރުވާތެރިވެ ރައްކާތެރިވާކަމެކެވެ. މުސްކުޅިންނަށާއި ކުޑަކުދީންނާއި، ބީރައްޓެހިންނަށް ކަމޭހިތުމަކީ ޕިރާޑުމެންފަދަ ސައްޔާޙުންވެސް އަންތަރީސް ކުރުވި ކަމެކެވެ. މިދީބުގެ ދަރިންނަކީ އެއްބައިވަންތަ ބަޔެކެވެ. ދީނަށް ލޯބިކުރާ ދީނީ ޢިލްމު އެ ޒަމާނެއްގެ މިންވަރަކުން އުނގެނިގެން ތިބި ބަޔެކެވެ. މިހާރުވެސް މި ރާއްޖޭގެ ޝެއިޚުންގެ ތެރޭ ފިލައިގެން އޮޑި އޮޑި ފަހަރުގައި ބޭރު ކަރަ ކަރަޔަށް ދީނީ ޢިލްމު އުނގެނެން ގޮސް އެ ޢިލްމު އުނގެނިގެން އައިސް ތިއްބެވި ބޭކަލުން އެތިބީއެވެ. ޕޯރޗުގީޒުން ދިވެހީންގެ ކަރަށް ރާ އަޅައި ނަޞާރާ ދީނަށް ގަދަކަމުން ދިވެހިން އަނބުރާލަން އުޅުނު ރޭ އުތީމު ބޮޑު ތަކުރުފާނުން މެދުވެރިކުރައްވާ ދިވެހިން އެ ނުބައި ކުއްފާރުންގެ ކިބައިން މާތް ﷲ ސަލާމަތްކުރެއްވީ ކޮންމެސް ކަހަލަ އީމާންކަމެއް ދިވެހިންގެ ހިތު ތެރޭ ވީތީކަމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ޤަބޫލު ކުރެވެއެވެ. މިރާއްޖެގެ ތާރީޚު ބުނާގޮތުން ރާއްޖެ އިސްލާމްވީ މީލާދީން 1153 ގައެވެ. އެހެން ކަމުގައިވާނަމަ މިހާރު މިރާއްޖޭގައި ހަމައެކަނި އިސްލާމް ދީން އޮންނަތާ 858 އަހަރުވީއެވެ.
ޒަމާންތައް އެނބުރެމުން ސެނބުރެމުން އައިސް ވިހިވަނަ ޤަރުނު ނިމި އެކާވީސް ވަނަ ގަރުނަށް ލައިގަތް އިރު އަޅުގަނޑުމެންގެ ޙާލަތުވެސް މިއޮތް ގެން ދަނީ މަޑު މަޑުން، މަޑު މަޑުން ބަދަލުވަމުންނެވެ. މި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނާތީ މޭކަރާ ދިވެހި މައިންނާ ބަފައިންނަށް އުފަން ދިވެހި ދަރިން މިއަދު މިފަސް ގަނޑުގައި އެބަ ދިރި އުޅެއެވެ. ފާޅުގައި އެހެން ދީންތަކަށް އަޅުކަން ކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ބައިގަނޑުތައްވެސް އެހާމެ ގިނައެވެ. އަދި މިޔައްވުރެ ބޮޑަށް މިހާރު، ދީނެއް، ރައްބެއް، އާޚިރަތް ދުވަހެއް ޤަބޫލު ނުކުރާ "ދިވެހިން" ވެސް އެބަ އުޅެތެވެ. މި ބައި މީހުން މި ކަން ކަން މިހާރަކު ކުރަނީކީ ސިއްރަކުން ނޫނެވެ. ވަރަށް ފާޅުގައެވެ. މިނިވަންކަން ލިބުނީ ތޯއްޗެކެވެ! އާނ އެހެނޏާ ފަހެ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން ނޫނީ ކާމިޔާބެއް ނުހޯދޭނޭ މިގައުމުގެ ވަލިއްޔުލް އަމުރު ވިދާޅުވީމާ ދެން ކަންތައް މިހާރު ގޮސްފައި ހުންނާނެ ހިސާބު ތި ބޭފުޅުން ވިސްނާލާށެވެ. ދޮންމީހުން އުޅޭ ގޮތް އެނގިލައްވާތޯއެވެ؟ ދީނާ ދައުލަތަކީ އެމީހުންގެ ގާތުގައި ވަކިއެއްޗެކެވެ! އަޅުކަންކުރާނީ ހަމަ އެކަނި އާދިއްތަދުވަހުއެވެ! ދީން އޮންނަނީ ހަމައެކަނި ފައްޅީގައެވެ! އެތަނުން ބޭރަށް ނިކުމެ ދޮރު މަތީ ހުރެ މީހަކު މަރައިލ ކަމުގައިވިޔަސް ވަރިހަމައެވެ. މީ ކިހިނަކުން ކާމިޔާބު ވާނޭ ބަޔެއްހެއްޔެވެ؟ އަދި މިރާއްޖޭގައި ކްރިސްމަސް ފާހަގަ ކުރެވޭލެއް ތަންކޮޅެއް ކުލަމަޑުކަމުން ބޭރު ގައުމުތަކަށްގޮސް އެކަން ކަން ކުރާ ދިވެހިންވެސް ބައިވަރެވެ. ސުބުޙާނަﷲ އެވެ. މީ އަދުގެ ޙާލަތު ހުރި ގޮތެވެ. ވީ އިރު ދިވެއްސަކަށް ވީތީ ދެން ފަޚުރުވެރިވާން ވީ ވަކި ކޮން ކަމަކަށް ހެއްޔެވެ؟ ސަހަރޯ ހީވެއެވެ.
އެހެންނަމަވެސް ހިތްވަރު އެލުވާނުލައްވާށެވެ! ކުރީން އަޅުގަނޑު ދެންނެވިހެން ބޭރު ކަރަކަރަޔަށް ފިލަ ފިލައިގެން ގޮސް ޢިލްމު ޙާސިލް ކުރައްވައިގެން ވަޑައިގެން ތިއްބެވި ބޭކަލުންގެ މިންނެތް މަސައްކަތުން ހެޔޮޖީލެއް އަންނަނީ އުފެދެމުންނެވެ. މިކަން މިހާރު މިސްކިތް ތަކުގެ ސަފުތަކަށް ބަލައިލިޔަސް ފާހަގަވާނެއެވެ! ޒުވާނުން ގިނަކަމެވެ. އެއީ މާދަމާ މި ގައުމުގެ މުސްތަގުބަލެވެ. ވީ އިރު އަދުގެ ޞަފްޙާތައް ކިތަންމެ ކަޅުވެފައި އަނދިރި ނަމަވެސް މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާ ކޮށެވެ. އިންޝާﷲ!! މިއީ ހަމަ އަޅުގަނޑުގެ ޚިޔާލެވެ. ފަހަރުގައި ތިބޭފުޅުންނާ ތަފާތު ވެދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...