އެހީ! ލޭގެ ކެންސަރު ޖެހިފައިވާ 14 އަހަރުގެ ކުއްޖަކު އެހީ ބޭނުންވެފައި

ލޭގެ ކެންސަރު ޖެހިފައިވާ 14 އަހަރުގެ ކުއްޖަކު އެހީ ބޭނުންވެފައި

ލޭގެ ކެންސަރު ޖެހިފައިވާ 14 އަހަރުގެ ކުއްޖަކު އެހީ ބޭނުންވެފައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަސަން ސަމީހު، 14، އަށް ލޭގެ ކެންސަރު (އެކިއުޓް ލިމްފޮބްލާސްޓިކް ލިއުކީމިއާ) ޖެހިފައިވާކަން ކަށަވަރު ކުރެވުނީ އުމުރުން ހަތް އަހަރުގަ އެވެ. އޭގެ ކުރިން އެންމެ ތިން އަހަރުގައި އޭނާ ބަލިވާން ފެށި އެވެ. ހުން އައިސް ގައިގައި ރިއްސާތީ ފަރުވާ ހޯދާތާ އަހަރުތަކެއް ފަހުން ލޭގެ ކެންސަރު ކަމަށް އައިޖީއެމްއެޗަށް ޝައްކުވެ އިންޑިއާ އަށް ގޮސްގެން އެކަން ޔަގީންވި އެވެ. އޭގެ ފަހުން އެތައް ފަހަރަކު ކީމޯތެރަޕީ ހަދާފައިވާ ސަމީހު އަދިވެސް ބަލި ހާލުގައި އުޅެމުން ދާއިރު އޭނާ އެކަމުން ސަލާމަތް ކުރުމަށް ބައްޕަ އަންނަނީ އެހީ އަށް އެދެމުންނެވެ.

ނ. ޅޮހީ އެ އާއިލާ އަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރާއި ވިޔަފާރިވެރިންގެ ބޮޑެތި އެހީތައް ވަނީ ލިބިފަ އެވެ. ނަމަވެސް މި މަހު ޓްރިވެންޑްރަމަށް ދާން ބޭނުންވާ ޓިކެޓާއި ފަރުވާ އަށް ބޭނުންވާ ފައިސާ ހޯދަން ސަމީހުގެ ބައްޕަ މުހައްމަދު އަނީސަށް ވަނީ ދަތިވެފަ އެވެ. ފަސް ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ސަމީހު ޓްރިވެންޑްރަމްގެ ރީޖަނަލް ކެންސަ ސެންޓަރު (އާރުސީސީ) އަށް މި މަހު 20 ގައި ދައްކަން ޖެހެ އެވެ. އަދި އަނީސް ވަނީ 19 ވަނަ ދުވަހު ފުރަން ގަސްދުކޮށްފަ އެވެ. އެކަމަކު ސަރުކާރުން ސަމީހުގެ ޓިކެޓު ހަމަޖައްސާދީފައިވީ ނަމަވެސް އެހީތެރިއެއްގެ ޓިކެޓާއި ފަރުވާ އަށް މަދުވެގެން ބޭނުންވާ 1،500 ޑޮލަރު (19،000ރ) ވަނީ ނުލިބިފަ އެވެ.

އަނީސް ބުނިގޮތުގައި ގްރޭޑް ނުވަޔަކަށް ބަދަލުވި ސަމީހުގެ ބަލީގެ 95 ޕަސެންޓް ފަރުވާ ވަނީ ނިމިފަ އެވެ. ނަމަވެސް އަދިވެސް ތިން އަހަރު ވަންދެން ފަރުވާކުރަން ޖެހެ އެވެ. އެކަމަކު ވެއްލޫރުގެ ހޮސްޕިޓަލަކުން އެއް ފަހަރުން ފަރުވާ ފުރިހަމަކޮށްލެވެން އެބައޮތެވެ. މިފަހަރުގެ ދަތުރުގައި އެކަން ކުރަން އަނީސް ބޭނުންވެ އެވެ.

"އަޅުގަނޑުގެ އެދުމަކީ ކިރިޔާ ވެސް އެހީއެއް ވެދެވެން އޮތް ފަރާތެއް ނަމަ ސަމީހުގެ ބޯން މެރޯ ޓްރާންސްޕްލާންޓް ޓެސްޓު ހެދުމަށް އެހީއެއް ވެދެއްވުން،" އެހީ ހޯދަން މާލެ އައިސް ހުރި އަނީސް ބުންޏެވެ. "ލަސްވެގެން މި މަހުގެ 15 ވަނަ ދުވަހު ޓިކެޓް ނަގަން ޖެހޭ. އެހެން ނޫނީ ޑޮކްޓަރު އެޕޮއިންޓްމެންޓް ކެންސަލް ވެދާނެ. އަނެއްކާ ޖެނުއަރީ 9 ގައި ސްކޫލުގެ ކިޔެވުން ފެށެންވާ އިރަށް ރާއްޖެ އަންނަން ޖެހޭނެ."

ރަށުގައި ހުރި ސަމީހުގެ އުއްމީދަކީ އެހެން ކުދިންނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް ލިބުމެވެ. މިހާތަނަށް 300 އެއްހާ އިންޖެކްޝަން ޖަހައި އެތައް ފަހަރަކު ލޭ އެޅުމުގެ އިތުރުން ޓެސްޓު ހެދުމަށް އަށް ފަހަރު މަތިން ސަމީހުގެ މައިބަދައިން މަދު ނަގާފައިވެ އެވެ.

"އަބަދު އަބަދު ހުން އައިސް މައި ބަދައިގައި ރިއްސާތީ އުޅެނީ. އެކަމަކު އިރާދަކުރެއްވިޔާ ރިޕީޓް ނުވެ، ރަނގަޅު ނަތީޖާތައް ހޯދަމުން އައިސް ގްރޭޑް ނުވަޔަކަށް ބަދަލުވެފައި އެހެރީ،" އަނީސް ކިޔައިދިނެވެ. "ސަމީހު ބޭނުން ވަނީ ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައަށް ނުކުންނަން."

މުހައްމަދު އަނީސްގެ ފޯނު ނަމްބަރު: 7537810

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.