މަރަށް މަރު ހިފުމުގެ ޙުކުމް ތަންފީޛު ނުކުރާ ނަމަ ، އެމީހަކު އިސްލާމް ދީނުން ބޭރު ވެދާނެ ކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ޓީވީއެމް އިން ފޮނުވާ "އިސްލާމީ ދިރިއުޅުން" މި ޕްރޮގްރާމަށް ބެލުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.ޝައިޚް ވިދާޅުވީ ދީނުން ބޭރު ވުމާއި އަދި ނުވުން އޮތީ އެމީހަކު ޤަބޫލުކުރާ ގޮތުގެ މައްޗަށް ކަމަށެވެ.
"މިސާލަކަށް ﷲ ބާވާލައްވާފައިވާ ޙުކުމަކީ މިހާރު މިޒަމާނަށް ފިޓުވާޙުކުމެއްކަމަށް ނުދެކޭކަމަށް ވަނީނަމަ ނުވަތަ އެއީ މާކުރީޒަމާނަށް އޮތްކަމެއްކަމަށް މިހާރުގެ މިޒަމާނަށް އޮތްކަމެއް ނޫންކަމަށް، ނުވަތަ ތިމަންނަމެން އަމިއްލަ ވިސްނުމުން ހަދާ ޤާނޫނުތަކަކީ ﷲ ބާވާލެއްވި ޤާނޫނަށްވުރެ މާފުރިހަމަ އެއްޗެއްކަމަށް ދެކޭ ދެކުމަކީ، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެމީހާ އެގޮތަށް ޤަބޫލުކުރާ ކުރުމާއިއެކު އެމީހާ އިސްލާމްދީނުގެ ޠަރަހައިގެ ތެރެއިން ބޭރުވެގެން ދާނެކަމެއް." ޝެއިޚް އަލީ ޒާހިރު ވިދާޅުވި އެވެ.
އިތުރަށް ޝައިޚް ވިދާޅުވީ ޙައްޤަކާ ނުލާ މީހަކު މަރާ ލުމަކީ ބޮޑު ފާފައެއް ކަމަށާއި ޤިޞާސް (މަރަށް މަރު) ހިފުން ފަރުޟު ކުރެއްވީ މީސްތަކުންގެ ފުރާނަ ރައްކާތެރި ކުރުމުގެ ބޭނުމުގައި ކަމަށާއި އެކަން ތަންފީޛު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އަދި މިކަމާ ދެކޮޅަށް އުޅޭ ފަރާތްތަކީ ފާފަވެރި ވާނެ ބަޔެއް ކަމަށާއި އަދި އެމީހަކު އެޙުކުމާއި ދެކޭ ގޮތުން އިސްލާމު ދީނުން ބޭރުވެދާނެކަމަށް ވެސް ޝައިޚް ޢަލީ ޒާހިރު ބިން ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...