ނިދަން އޮށޯތުމުން ފަސޭހަ ކަމާއި އެކު ނިދުމަކީ ތިމާއަށް ލިބިފައިވާ ބޮޑު ނިޢުމަތެއްކަން ޤަބޫލުކޮށް، އެކަމަށް ﷲ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟ މިކަމަކީ ކިހާވަރެއްގެ ނިޢުމަތެއްކަން އިނގޭނީ ނިދަން އޮށޯންނަތާ އެތައް ގަޑިއިރެއް ފާއިތުވާއިރުވެސް ނުނިދޭ މީހާއަށެއެވެ. ތަފާތު ގޮތްގޮތުން މި މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކޮށް، ބޭސް ކުރިނަމަވެސް މި މައްސަލައަށް މާ ބޮޑު ޙައްލެއް ނާންނަ މީހަކަށް ނޫނިއްޔާ ޙަޤީޤަތުގައި މިކަމުގައި ހުރި ވޭނެއް، އަދި މިކަމުގެ ސަބަބުން ދެން ދިމާވާ އެހެނިހެން އުނދަގޫތަކެއް ނޭނގޭއެވެ. ހިތާމައަކީ ތިމާ އަށް ފަސޭހައިން ނިދި، އަދި ގަޑި ސޯނާ ކޮށްގެން ފަސޭހަ ކަމާއި އެކު ހޭލުމުގެ ނިޢުމަތް ދެއްވާފައިވާއިރު ތިމާ ޚަލްޤު ކުރައްވައި، ތިމާ އަށް މި ނިޢުމަތް ދެއްވެވި ފަރާތް ކުރުމަށް އަންގަވައި، އަމުރު ކުރައްވާފައިވާ ދެ ރަކުޢަތް ނަމާދު ކުރުމަށް އެއްވެސް ސަމާލުކަމެއް ނުދީ އޮފީހަށްދާ ވަގުތަށް ގަޑި ސޯނާކުރާކަމެވެ. މާނައަކީ، ރޭގަނޑު ނިދަން އޮށޯންނައިރު އަނެއް ދުވަހު ފަތިސް ނަމާދަށް ހޭލުމުގެ އެއްވެސް ނިޔަތެއް، ޝައުޤުވެރިކަމެއް، އެކަމަށް މަސައްކަތް ކުރުމެއް ނެތްކަމެވެ. ކަމުގެ ބޮޑުކަން ތިމާއަށް ވިސްނޭތޯއެވެ؟ ނުވަތަ ހަމަ އެއްގޮތަކަށްވެސް ވިސްނަން ބޭނުންނުވަނީ ތޯއެވެ!
ތިބާ ނަމާދު ކުރާއިރު ﷲ ކިބަފުޅަށް ސަޖިދަ ޖެހޭކަމީވެސް ނިޢުމަތެއްކަން އިނގޭނީ ބައެއް ސަބަބު ތަކާއި ހެދި ގޮނޑީގައި އިށީނދެ އިނދެ ނުވަތަ ބަލި އެނދުގައި އޮށޯވެ އޮވެ ނަމާދު ކުރަންޖެހޭ މީހުންނަށެވެ. ގޮނޑީގައި އިނދެ ނަމާދު ކުރަންޖެހޭ ގިނަ މީހުންނަކީ ޢުމުރުން ދުވަސްވީ މީހުންކަމުގައިވިޔަސް ޒުވާނުންގެ ތެރޭގައިވެސް ކަކުލަށް ޖެހޭ ތަފާތު ބަލިތަކުގެ ސަބަބުންނާއި އެހެނިހެންވެސް އަނިޔާފަދަ ކަންކަމުގެ ސަބަބުން ބިންމައްޗަށް ތިރިވެ، ހެއްދެވި ފަރާތަށް ސަޖިދަ ނުކުރެވޭ މީހުން މިއަދު މިއަންނަނީ އިތުރުވަމުންނެވެ. ތިބާ އަށް ރަނގަޅަށް ނަމާދު ކުރެވޭއިރު، ލަސްނުކޮށް ނަމާދަށް އަވަސްވެގަންނާށެވެ! ސަޖިދަ ކުރެވޭ ދުވަހު ސަޖިދަ ކުރާށެވެ. އައްތަޙިއްޔާތަށް އިށީނދެވޭއިރު އިށީންނާށެވެ. ﷲ އަށް ޙަމްދު ކުރާށެވެ.
މުޅި ދުނިޔޭގައި އަދި ރާއްޖޭގައިވެސް މިއަދު ހަލުވި ކަމާއި އެކު ފެތުރެމުންދާ އެއް ބައްޔަކީ ޑައިބިޓީސް ނުވަތަ ހަކުރު ބައްޔެވެ. މިރު، ކާހިއްވާ އެއްޗެއް ކާލުމުގެ ރައްކާތެރިކަން އޮތުމަކީވެސް އުފާކުރަންޖެހޭ ކަމެއްކަން އިނގޭނީ މިފަދަ އެއްޗެތި ކެއުން މަނާވެފައިވާ މިސްމީހުންނަށެވެ. ކާހިތްވާ، މީރު ކާ އެއްޗެއް ނުކެވުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކުނަސް ހަކުރު ބަލިގެ މީހުންނަށް ތަދުވަނީ ދުވާލަކު ދެ އިރު ގަޔަށް ކަށިހަރަން ޖެހޭތީއެވެ. އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭތީއެވެ. އަދި މި އިންޖެކްޝަނަކީ އެމީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު ޖަހަން ޖެހޭ އެއްޗެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކި އެމީހަކު ބޭނުންވާ ޖިންސެއްގެ ކުއްޖެއް ނުލިބިއްޖެނަމަ އެކަމާއި ހިތްހަމަ ނުޖެހި، ހިތާމަކޮށް ހަދާ މީހުންނެވެ. އަދި ބައެއް މީހުން އެމީހުންނަށް ލިބޭ ދަރިން މަރަމުން ދާއިރު، ދަރިން ހޯދުމަށް މަސައްކަތް ކުރަމުންދާ، ނަމަވެސް ދަރިން ލިބުމުގެ ނަސީބު ލިބިފައިނުވާ މީސްމީހުންނާއި މެދު ވިސްނާލަންތޯއެވެ! ޖިސްމާނި އުނި ކަމެއް، ބޮޑު ޞިއްޙީ މައްސަލައެއްނެތި ދުނިޔެއަށް ކުއްޖަކު އުފަންވުމަކީވެސް ބޮޑު ނިޢުމަތެއްކަން އަޅުގަނޑުމެންނަށް އިނގޭހެއްޔެވެ؟ ދުނިޔެއަށް އުފަންވާއިރުވެސް ތަފާތު ޖިސްމާނީ އުނި ކަންތައްތަކާއި ބަލިތަކާއި އެކު އުފަންވާ ކުދިން މިއަދު މަދެއްނޫނެވެ!
ބައެއް ކުދިންގެ ހިތުގެ މައްސަލަތަކެވެ! އުފަންވާއިރުވެސް ހިތުގައި ލޯވަޅު އެޅިފައެވެ. ކުރަންޖެހޭ ނުރައްކާތެރި، ޚަރަދުވެސް ބޮޑު ހިތުގެ އޮޕަރޭޝަންތަކެވެ. ބައެއް ކުދިން ވިހާއިރު ހުންނަނީ އަތާއި ފައި އެނބުރިފައެވެ. މިފަދަ ބައެއް ކުދިންނަށް ހިނގޭނީ ތުއްތު އިރުއްސުރެ ކުރާ ކަށީގެ އޮޕަރޭޝަން ތަކާއި އަޅާ ޕްލާސްޓަރު ތަކަށްފަހުއެވެ. މި ފަރުވާއަށްފަހުވެސް ނުހިނގޭ ކުދިން އުޅެއެވެ. އަނެއްބައިކުދިންގެ މޭކަށިގަނޑާއި އުނަގަނޑާއި ދިމާލުގެ މަސްތަކުގައި ބާރު ނުހުންނާތީ ދުނިޔޭގައި ހޭދަކުރާ ދުވަސްކޮޅު ހޭދަކުރަން ޖެހެނީ އަތެއް ފަޔެއް ހަރަކާތް ކޮށްނުލެވި ފުރޮޅުލީ ގޮނޑީގައެވެ. އަދި މިކުދިންގެ ފުއްޕާމޭ ރަނގަޅަށް މަސައްކަތް ނުކުރާތީ ކިރިޔަ ކިރިޔާ ރޯގާ ޖެހުނަސް ފުއްޕާމޭ ސާފު ނުވެ، ނިއުމޯނިއާއަށް ބަދަލުވުމުގެ ފުރުޞަތު ބޮޑެވެ. މި ވާހަކަތައް މިތާ ލިޔާއިރު ހަނދާނަށް އަންނަނީ އެއްފަހަރަކު ދިމާވި ކިޑްނީގެ ބައްޔެއް ޖެހިފައި ހުރި ލޯބި ލޯބި ތުއްތު ކުއްޖެއްގެ މަތިންނެވެ. ބަލީގެ ބާވަތުން ދެ ކިޑްނީވެސް ދަނީ މަޑުމަޑުން ހަލާކުވަމުންނެވެ. އަދި މި ބަލީގައި ވާގޮތަކީ އެންމެ ފަހުން ދެ ކިޑްނީ ފޭލްވުމެވެ. އަދި އައު ކިޑްނީއެއް ލެއްވިއަސް އެ ކިޑްނީވެސް ސަލާމަތްވުމުގެ ފުރުޞަތެއް ނޯވެއެވެ. އެ ތުއްތުކުއްޖާގެ މައިންބަފައިންނަށް މިވާހަކަތައް ޑޮކްޓަރު ކިޔައިދިންއިރު އެ މަންމަ އާއި ބައްޕަ އަށް ކުރާނެ އަސަރު ތަކާއި ހިތުގައި އަޅާނެ ވޭން އަޅުގަނޑުމެންނަށް އިޙުސާސު ނުކުރެވުނަސް މިފަދަ ވޭން ތަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވި ކަމަށްޓަކައި ﷲ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަން ޖެހެއެވެ.
ބައެއް ފަހަރަށް މިފަދަ ބޮޑެތި ބަލިތަކުގައި ފަރުވާ ކުރުމަށް ފައިސާ ހޯދުމަށް އާއިލާތަކާއި ރައްޓެހިން ގުޅިގެން ތަފާތު މަސައްކަތްތައް ކުރާއިރު މިފަދަ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީވެސް އަޅުގަނޑުމެންގެ ތެރެއިން ހަމަ ވަރަށްވެސް މަދު މީހެކެވެ. ތިމާ ފަދަ އަނެއް އިންސާނާއަށް، އަނެއް މުސްލިމަށް ޖެހިފައިވާ ދަތި ޙާލު ފިލުވައިދިނުމަށް ތިމާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް އިރު، އެންމެ ކުޑަމިނުން ފައިސާ ފޮއްޗެއް ދިއްކޮށްނުލެވޭނަމަ ތިމާގެ ދަހި ކަމާއި އެމިއްލަ އެދުން ބޮޑުކަމުގެ މައްޗަށް އަމިއްލައަށްވެސް ލަދުގަނެ، އަމިއްލަ ނަފްސަށް މަލާމާތްކުރުން ޙައްޤެވެ.
އަޅުގަނޑުމެންގެ ތެރެއިން ތަފާތު ބަލިތަކުގައި ދުވަސްތައް ވޭތު ކުރަމުންދާ މީސްތަކުންވެސް މާޔޫސް ނުވުން މުހިއްމެވެ. ދުނިޔެ އަކީ ވަގުތީ ތަނެއްކަން އަދި އިމްތިޙާނެއްކަން އަބަދުވެސް ހަނދާންކުރާށެވެ. ދުނިޔޭގެ ޙަޔާތުގެ މިސާލު ބަޔާން ކުރައްވައި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްފަހަރަކު ފެން އެއްޗަކަށް އިނގިލި ލައްވަވާފައި ނެންގެވުމަށްފަހު އިނގިލީގައި ހޭކިފައި، ބާކީ ހުރި ކުޑަ ފެންކޮޅަށް ޢިޝާރާތް ކުރައްވާ ޙަދީސް ކުރައްވާފައިވަނީ ދުނިޔަވީ ޙަޔާތަކީ އިނގިލީގައި ކޭއްތިފައި އެހުރި ފެންކޮޅު ނަމަ އުޚުރަވީ ޙަޔާތަކީ ދުނިޔޭގެ ކަނޑުތަކުގައި ވާހާ ފެންކަމުގައެވެ. މީގެ އިތުރުންވެސް ބަލިވުމަކީ ތިމާގެ ފާފަ ފުހެވޭ ކަމެއްކަންވެސް ގިނަ ގުނަ ޞައްޙަ ޙަދީސްތަކުން އިނގެއެވެ. އޮތީ ކެތްތެރިވުމެވެ. ﷲ އަށް ދުޢާކޮށޮ، ތަޥައްކަލު ކޮށް، ފަރުވާ ކުރުމަށް މަސައްކަތް ކުރުމެވެ.
އިންސާނުންގެ ތެރެއިން ނިޢުމަތްތައް ދެއްވާފައިވާ ގިނަ ބަޔަކު ވަނީ އެ ނިޢުމަތްތަކާއި މެދު ޣާފިލުވެ، ހަރާންކޯރުވެފައި ކަމާއިމެދު ޝައްކެއްނެތެވެ. އިންސާނާއީ އޭނާގެ ވެރި ރަސްކަލާންގެއަށް ޝުކުރުވެރިވުމެއްނެތް އަދި އަމިއްލައަށް ފުދިގެންވާ ފަރާތެއްކަމަށް ބައެއް އިންސާނުންނަށް ވިސްނޭކަން ކީރިތި ޤުރުއާނުންވެސް އިނގެއެވެ. ނަމަވެސް ޙަޤީޤަތަކީ ތިމާ އަށް ލޮލުގެ ފެނުން ދެއްވީތީ ﷲ އަށް ޙަމްދުކުރަން ޖެހޭ ކަމެވެ. ކަންފަތަށް އަޑު އިވޭތީ، އަތާއި ފައި ދެއްވާފައިވާތީ، ވާހަކަ ދެއްކުމުގެ ނިޢުމަތް، ބުއްދި ދެއްވާފައިވާތީ މި ނިޢުމަތްތައް ދެއްވި ފަރާތުގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީތަކުން ދުރުވާންޖެހޭކަމެވެ. އެއީ ބުއްދިއަށްވެސް ވިސްނޭގޮތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...