ރިޕޯޓް ޑރ. ވަހީދުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްތޯ؟

ޑރ. ވަހީދުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްތޯ؟

ޑރ. ވަހީދުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއްތޯ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ތުހުމަތުތަކުގެ ސަބަބުން މުޅި ރާއްޖެ ވަނީ އަދިވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެމަނިކުފާނު ވިދާޅުވާގޮތުން އަދުގެ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެކެވެ. އަދި އެމަނިކުފާނު އިސްތިއުފާދެއްވެވީ ހަތިޔާރު އަޅައިގެން ތިބި ސިފައިންގެ ބަޔަކު އެމަނިކުފާނަށް އެކަމަށް މަޖުބޫރުކުރުވައިގެންނެވެ. އަދި އެމްޑީޕީ ސަރުކާރު ވައްޓާލާފައިވަނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އަދި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ރޭއްވެވުމުގެ ދަށުން ފުލުހުންނާއި ސިފައިން ގުޅިގެންގެނައި ބަޣާވާތަކުންކަމަށެވެ.

ނަމަވެސް ނަޝީދުގެ 3 އަހަރު ވެފައިވާ ވެރިކަން ވެއްޓުނު ގޮތާއި މެދު އެމަނިކުފާނު ދައްކަވާފައިވާ ގިނަ ވާހަތަކަށް ބަލާއިރު ހާމަވެގެންދާ ޙަޤީޤަތަކީ އެމަނިކުފާނަކީ އަދުގެ ރައީސް ނޫންކަން އެމަނިކުފާނުވެސް ޤަބޫލުފުޅުކުރައްވަވާކަމެވެ. މާނައަކީ، ރައީސް ނަޝީދުގެ އިސްތިއުފާއަކީ ޞައްޚަ އިސްތިއުފާއެއްކަމަށް ޚުދު އެމަނިކުފާނުވެސް ވަނީ އިޢުތިރާފުވެލައްވާފައެވެ. އެހެންކަމުން، ނައިބު ރައީސް ކަންތައްކުރައްވާފައިވަނީ ޤާނޫނުއަސާސީއާއި އެއްގޮތަށެވެ. އެހެނީ ރައީސް އިސްތިއުފާދެއްވުމުން ދެން އެމަޤާމު ފުރުއްވާނީ ނައިބު ރައީސެވެ.

ނަޝީދު ވެރިކަމުން އިސްތިއުފާދެއްވާފައިވަނީ، ޝަރުޢީ ދާއިރާއަށް ހުރަސް އަޅައި ޤާނޫނުއަސާސީއާއި ޚިލާފަށް ފަނޑިޔާރަކު ގަދަބާރުން ހައްޔަރުކުރުމުގެ ސަބަބުން އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅުފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެން ސިލްސިލާ މުޒާހަރާތަށް ބާއްވަމުން އަންނަތާ ތިން ހަފްތާފަހުން، މިމަހު 7 ވީ އަންގާރަދުވަހުއެވެ. އިސްތިއުފާދެއްވުމާއި ގުޅިގެން ނައިބުރައީސް ވަނީ ރައީސްކަމުގެ ހުވާކުރައްވާފައެވެ. އިންޑިއާ، އިނގެރޭސިވިލާތް، އެމެރިކާ، ޗައިނާ ފަދަ ޤައުމުތަކާއި އަދި އ.ދ. އަދި އީ.ޔޫފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންވަނީ ރާއްޖޭގެ އައުސަރުކާރު ބަލައިގެންފައެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ކުރީގަ ވެރިކަންކުރި ޕާޓީން ކުރަމުން ގެންދާ ތުހުމުތަކުތަކަށް ރައީސް ވަޙީދުވަނީ އިންކާރު ކުރައްވާފައެވެ. އަދި ނަޝީދާއި ދެކޮޅަށް ޢާންމުން ނިކުމެ ސިލްސިލާކޮށް މުޒާހަރާކޮށް އިހުތިޖާޖު ކުރަން ޖެހުނީ ޤާނޫނާއި ޤަވާއިދަށް ބެއްލެވުމެއްނެތި ކުރައްވަމުން ގެންދެވި ކަންތައްތަކުގެ ސަބަބުން ކަމަށް ރައީސް ވަޙީދު ފާހަގަކުރައްވާފައިވެއެވެ.

ރައީސްކަން އަނބުރާ ނަޝީދަށް ދިނުމަށް ގޮވައި އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ބޭއްވެވި މުޒާހަރާތަކާއި ގުޅިގެން، އެމްޑީޕީއަށް ތާއީދުކުރާ މީހުންގެ އާބާދީ ބޮޑު ރަށްރަށުގައި ބޮޑެތި ޖަރީމާތަކެއް ވަނީ މިދިޔަ ބުދަދުވަހު ހިންގާފައެވެ.  އެގޮތުން ގިނަ ޢަދަދެއްގެ ފުލުހުންގެ މަރުކަޒުތަކާއި، ކޯޓުތަކުގައި ހުޅުޖަހައިވަނީ ރޯކޮށްލާފައެވެ.

ނަޝީދު މިހާރު ދައްކަވަމުން ގެންދަވާ ބަހަނާއަކީ އެމަނިކުފާނު އިސްތިއުފާ ސިޓީ ލިޔުއްވެވީ އެމް.އެން.ޑީ.އެފްގެ މައިމަރުކަޒުތެރޭގައި ހަތިޔާރު އެޅި 18 ސިފައިންގެ އޮފިސަރުން ބަޑިން ބިރުދެއްކުމުންނެވެ. އެމަނިކުފާނު ވިދާޅުވާގޮތުން ސިޓީ ލިޔުއްވާފައިވަނީ ހަތިޔާރުން ބިރުދައްކައިގެންކަމަށް ވުމާއިއެކު އެސިޓީ ބާޠިލްވެގެންދާނެއެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް ސެކްރެޓަރީ ޙިސާން ޙުސައިން އެމް.ޑީ.ޕީގެ މެމްބަރުންނާއި މުޚާޠަބުކުރައްވަމުން ވިދާޅުވިގޮތުގައި ނަޝީދު އިސްތިއުފާގެ ސިޓީލިޔުއްވާފައިވަނީ ރައީސް އޮފީހުގައި ކެބިނެޓް މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށްފަހު އެއޮފީހުގައެވެ. ޙިސާން ހާމަކުރެއްވިގޮތުގައި ނަޝީދު އިސްތިއުފާގެ ސިޓީ ލިއުއްވީ ރައީސް އޮފީހުގެ ޕްރެސް ރޫމާ ޖެހިގެން ހުންނަ ކޮޓަރީގައި ހުންނަ، ފަތްކޮޅާއި އިގުރާރު ލިޔުމަށް ޚާއްޞަކޮށްފައިވާ ޕޯޑިއަމްއެއްގެ މަތީގައި ބާއްވައިގެން ކޮޅަށް ހުންނަވައިގެންނެވެ. އަދި ސިޓީ ލިއުއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއަށް ސިޓީ ޙަވާލުކުރެއްވުމަށް އެދިވަޑައިގެން އެސިޓީ ޙިސާންއާއި ޙަވާލުކުރެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްތިއުފާގެ ސިޓީއާއިމެދު ނަޝީދުގެ ވާހަކަފުޅާއި އެމަނިކުފާނުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ޙިސާންގެ ވާހަކަފުޅު ތަޢާރުޟްވެފައިވުމުގެ ސަބަބުން އިސްތިއުފާ ދެއްވިގޮތާއިމެދު ދެބޭފުޅުން ދައްކަވާފައިވާ ވާހަކައިގެ ޞައްޙަކަމާއިމެދު ޝައްކު އުފެދެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ނަޝީދު އިސްތިއުފާގެ ސިޓީފުޅެއް ލިޔުއްވިކަން ދެބޭފުޅުންކުރެ އެއްބޭފުޅެއްވެސް އިންކާރު ކުރައްވާފައެއް ނުވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ނަޝީދު ސޮއެކުރައްވާފައިވާ އިސްތިއުފާގެ ސިޓީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި  ސިޓީ ލިބިވަޑައިގަތުމާއި ގުޅިގެން މަޖިލީހު ރައީސް ޝާހިދުވަނީ ނައިބު ރައީސް ޑރ. ވަޙީދު ރައީސްކަމުގެ މަޤާމުގެ ހުވާކުރެއްވުމަށް ދައުވަތު އަރުވާފައެވެ.

ޤާނޫނީ މާހިރުން ވިދާޅުވާގޮތުގައި، މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވައި ރައީސް ނަޝީދުގެ އަމިއްލަ އަތްޕުޅުން އިސްތިއުފާގެ ސިޓީއެއް ލިއުއްވިކަން އެއީ އެއްވެސް ބޭފުޅަކު ދެބަސް ނުވާ ޙަޤީޤަތަކަށް ވާއިރު، އަދި މަޖިލީހުގެ ރައީސަށް ސިޓީ ލިބިވަޑައިގެންފައިވުމާއިއެކު ރައީސަކު އިސްތިއުފާދެއްވިކަމަށް ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ)ގައި ބުނާ ޝަރުޠު ފުރިހަމަވީއެވެ. މީގެ މާނައަކީ، ރައީސް ނަޝީދުގެ އިސްތިއުފާއަކީ ޤާނޫނީ ގޮތުން ޞައްޙަ އިސްތިއުފާއެކެވެ.

ނަޝީދު ދެން ދައްކަވާ ބަހަނާއަކީ މިދިޔަ އަންގާރަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ރައީސް ވަޙީދު ހުވާކުރައްވާފައި ވަނީ ޤާނޫނުއަސާސީގައި އޮންނަ ގޮތަށް ނޫން ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ހުވާ ލައިދެއްވިއިރު ރައީސް ވަޙީދު ނަން ވިދާޅުނުވާ ކަމަށާއި، ހުވާކޮށް ރައީސް ކަމުގެ އިގުރާރުގައި ސޮއިކުރެއްވި ނަމަވެސް ހުވާގެ ޞައްޚަކަމާއިމެދު ސުވާލު އުފެދޭ ކަމަށްވެސް ނަޝީދުއާއި އެމަނިކުފާނުގެ ޤާނޫނީ ލަފާދާރުން ވިދާޅުވެއެވެ. ނަމަވެސް ޤާނޫނީ މާހިރުން ވިދާޅުވާގޮތުގައި ރައީސް ވަޙީދުގެ ހުވާކުރެއްވުން ޤާނޫނީ ގޮތުން ޞައްޚަކަމަށް ބެލެވޭ ތިން ސަބަބެއް ވެއެވެ. އެއީ: (1) ޑރ.ވަހީދު ހުވާކުރައްވާފައިވަނީ މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރުގެ ކުރިފުޅުމަތީގައި، (2) ޑރ.ވަހީދު ހުވާކުރައްވާފައިވަނީ، "އަހުރެން (މާނައަކީ ޑރ.ވަޙީދު)...މާތް ﷲ ގަންދީ ހުވާކުރަމެވެ." މިފަދައިން ވިދާޅުވެފައެވެ.  (3) ހުވާކުރެއްވުމަށްފަހު ހުވާގައި ސޮއިކުރެއްވެވީވެސް ޑރ. ވަޙީދެވެ. މިސަބަބުތަކަށްޓަކައި ރައީސް ޑރ.ވަޙީދުގެ ހުވަޔާއިމެދު ޤާނޫނީގޮތުން ޝައްކުއުފެއްދޭނޭ އެއްވެސް ޖަގާއެއްނެތެވެ.

ދެން އޮތީ 2013ގެ ކުރީން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ރައީސް ނަޝީދު ގޮވާލައްވާ ގޮވާލެއްވުމުގެ މައްސަލައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ސަރުކާރު ހިންގުމާ ޙަވާލުވެ ދެމަސްތެރޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ނަޝީދު ގޮވާލެއްވި ނަމަވެސް، ޤާނޫނު އަސާސީގެ 124 ވަނަ މާއްދާގައި ބުނާގޮތުން ރައީސް އިސްތިއުފާދެއްވި އިރު ނައިބުރައީސް އިސްތިއުފާދެއްވާފައިނުވުމާ ގުޅިގެން ސަރުކާރު ހިންގުމާ މަޖިލީހުގެ ރައީސަކަށް ޙަވާލެއްނުވެވޭނެއެވެ. އަދި މަޖިލީހުގެ ރައީސަށް މިފަދައިން ނަޝީދު ގޮވާލެއްވުމުން ހާމަވެގެންދާ އަނެއް ހަޤީޤަތަކީ އެމަނިކުފާނުގެ އިސްތިއުފާއަކީ ޞައްޚަ އިސްތިއުފާއެއްކަން އުސޫލެއްގެ ގޮތުން ޚުދު އެމަނިކުފާނުވެސް ޤަބޫލުފުޅުކުރައްވާކަމެވެ. އެހެންކަމަށް ނުވާނަމަ، ސަރުކާރާއި ޙަވާލުވުމަށް މަޖިލީހުގެ ރައީސަށް ގޮވާލެއްވުމުގެ ބޭނުމަކީ ފަހެ ކޮބައިބާއެވެ؟

ޤާނޫނީ ރައީސެއް ހުންނަވަނިކޮށް، 2013 ގެ ކުރިން އިންތިޚާބެއް ބޭއްވުމަށް ދައްކަވާ ވާހަކައަކީ ޤާނޫނުއަސާސީން ބާރު ލިބިގެން ދައްކަވާ ވާހަކައެއް ނޫނެވެ. އެހެނީ އެއީ ޤާނޫނު އަސާސީގެ އެއްވެސް ބާބަކުން، އެއްވެސް މާއްދާއަކުން ތަންދޭކަމެއްނޫނެވެ.

ރައީސް ވަޙީދުވެސް ވަނީ މިސަބަބަށްޓަކައި 2013 ގެ ކުރިން އިންތިޚާބެއް ނުބާއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އިންތިޚާބެއް ބޭއްވޭނެކަމަށް ޤާނޫނުއަސާސީން ދަލާލަތު ކުރާ އެއްވެސް މާއްދާއެއް ވާނަމަ އެމާއްދާއެއް އެމަނިކުފާނަށް ދެއްކެވުމަށް އެމަނިފާނުވަނީ ގޮންޖައްސަވާފައެވެ.

ޚުލާސާކޮށް ދަންނަވަނީނަމަ، ރައީސް ޑރ. ވަޙީދުގެ ސަރުކާރަކީ ޣައިރުޤާނޫނީ ސަރުކާރެއްނޫނެވެ. އަދި 2013 ގެ ކުރިން އިންތިޚާބެއް ބޭއްވުމަކީ ޣައިރުޤާނޫނީކަމެކެވެ. އާދައިގެ މަތިން މިފަހަރުވެސް ކުރީގެ ރައީސް ނަޝީދު ކުރައްވަމުން މިގެންދަވާ ތުހުމަތުތަކާއި ގޮވާލައްވަމުން ގެންދަވާ ކަންތައްތަކަކީ ޤާނޫނީ އިމުން ބޭރުން، ޤާނޫނުއަސާސީގެ ތަރަހައިން ބޭރުން، ޤާނޫނީ އެއްވެސް އާރެއް ބާރެއް ނުވާ "ހޮޅި" ވާހަކަތަކެކެވެ.

*މިއީ ރާއްޖެނިއުސް ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.