ދީން މެދުމިނަށް ތާއީދު

މެދުމިނަށް ތާއީދު

މެދުމިނަށް ތާއީދު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މިއަދު އަނެއްކާވެސް "މެދުމިނުގެ" ވާހަކަ ދިވެހި ޖައްވުގައި ގުގުމަން ފަށައިފިއެވެ. އެހެނީ ޤައުމުގެ ހުންގާނުގައި މިވަގުތު ހުންނެވި މާލިމީއާއި އެމަނިކުފާނުގެ ޕާޓީން އެންމެ ބޮޑަށް މިވަގުތު ދައްކާ ވާހަކަ އަކީ "މެދުމިނަށް ތާއީދު" މިވާހަކައެވެ. އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކާއި އަދި އެހެނިހެން ޙުކުމްތަކުގެ ވާހަކަތައް ދައްކަވަމުން މެދުމިން ޚިޔާރުކުރާ ވާހަކައާއި ޙުކުމްތައް ކަނޑައަޅަންވީ ގޮތާމެދު މަޝްވަރާ ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

އަޅުގަނޑަކީ ވެސް ވަރަށް ބޮޑަށް މެދުމިނަށް ތާޢީދު ކުރާމީހެކެވެ. މާތް ﷲގެ ރަޙުމަތްފުޅުން މެދުމިނުގެ ޖައުހަރު ކަމުގައިވާ އިސްލާމްދީނުގެ ހިދާޔަތުވަނީ ލިބިފައެވެ. ދަންނަވަންތޯއެވެ؟ އިސްލާމީ އުއްމަތަކީ މެދުމިނުގެ އުއްމަތެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: (( وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا )) سورة البقرة  143 މާނަ: " އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ."

އަދި އިސްލާމްދީނަކީ މެދުމިނުގެ ދީނެކެވެ. ރަހުބާނިއްޔަތާއި މާދިއްޔާތުން އެއްކިބާވެ ދުނިޔެއާއި އާޚިރަތް ޝަމިލުވާ ގޮތަށް އައިސްފައިވާ ރަޙުމަތުގެ ދީނެކެވެ.

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ: ( لَكِنِّي أُصَلِّي وَأَنَامُ وَأَصُومُ وَأُفْطِرُ وَآكُلُ اللَّحْمَ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي .) މާނަ: " އެހެނެއްކަމަކު ތިމަން ކަލޭގެފާނު ނަމާދު ކުރަމެވެ، އަދި ނިދަމެވެ. އަދި ރޯދަ ހިފައި އަދި ރޯދަ ވީއްލަމެވެ، އަދި ލަހުމު (ބަކަރި ފަދަ އެއްގަމު މަސް) ކަމެވެ، އަދި އަންހެން ކަނބަލުންނާއި ކައިވެނި ބައްލަވައިގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ސުންނަތުން އެއްކިބާވާ މީހަކީ ތިމަންމެންގެ ތެރެއިން ވާ މީހެއް ނޫނެވެ." މިޙަދީޘުން ވަރަށް ސާފުކޮށް އާޚިރަތް ހޯދުމަށް މަސައްކަތް ކުރުމާއެކު ދުނިޔޭގެ އުފާވެސް ލިބިގަންނަން ޖެހޭ ކަން ޘާބިތުވެއެވެ.

ތިމަންމެން "މެދުމިނަށް ތާއީދު" ކުރަނީއޭ ކިޔާ އިތުރަށް އަލަށް ގެންނާނެ އެއްޗެއް ނެތެވެ. އެހެނީ މި އިސްލާމްދީން އައިސްފައި ވަނީ މެދުމިނުގެ ސިޔާސަތަކާ އެކުގައެވެ. ދުނިޔަވީ ގޮތުން ބެލި ނަމަވެސް އަދި އުޚުރަވީ ގޮތުން ބެލި ނަމަވެސް މިއަށްވުރެ ވަކިން ބޮޑަށް މެދުމިން ނުކުރެވޭނެއެވެ. މިގޮތުން އިސްލާމް ދީނުގެ ޙައްދުތަކާއި އެހެނިހެން ޙުކުމްތައް އައިސްފައި ވަނީ މެދުމިނުގެ ގޮތުގައެވެ.

ވައްކަން ކުރިމީހާ ޝަރުތުތައް ހަމަވާނަމަ އޭނާގެ އަތްކަނޑަށްޖެހެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: (( وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ)) سورة المائدة 38  މާނަ: " ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ."

މީހަކާ ނުއިނދެތިބެ ޒިނޭކުރިކަން ޘާބިތުވެއްޖެނަމަ ދެމީހުންގެ ގައިގާވެސް 100 އެތިފަހަރުން ޙައްދު ޖަހަން ޖެހޭކަން ޘާބިތުވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: (( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ)) سورة النور2  މާނަ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!"

މީހަކާ އިނދެފައިވާ މީހަކު ޒިނޭ ކުރިކަން ޘާބިތުވެއްޖެނަމަ އޭނާގެ ޙައްދަކީ ރަޖަމު ކުރުމެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (( الشَّيْخُ وَالشَّيْخَةُ إذَا زَنَيَا ، فَارْجُمُوهُمَا)) މާނަ: ކައިވެނި ކޮށްފައިވާ އަންހެނާ އަދި ކައިވެނި ކޮށްފައިވާ ފިރިހެނާ ޒިނޭކޮށްފިނަމަ ފަހެ އެދެމީހުން ރަޖަމު ކުރާށެވެ" މި އާޔަތުގެ ތިލާވަތުކުރުން މަންސޫޚުކުރެވިފައިވާ އެހެންނަމަވެސް އާޔަތުގެ މާނަ އާއި ޙުކުމް މަންސުޚުކުރެވިފައިނުވެއެވެ.

ޢުދުވާނާއެކު ޤަޞްދުގައި މީހަކު މެރިކަން ޘާބިތުވެއްޖެނަމަ އޭނާގެމައްޗަށް އޮތީ ޤިޞާޞް ހިފުމެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ)) سورة البقرة 178 މާނަ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ." ޤިޞާޞްގެ ބަދަލުގައި މަރުގެ ދިޔައަށް އެދެވޭނީ ވާރިޘުންނަށެވެ.

މިޙުކުމް ތަކަކީ ޤިޔާމަތާ ޖެހެންދެން ދެމި އޮންނާނެ ޙުކުމްތަކެވެ. މިއީ މެދުމިނޭ ކިޔާފައި ބަދަލު ކުރެވޭނެ ޙުކުމްތަކެއް ނޫނެވެ. މުސްލިމުންގެ މެދުމިނަކީ މިއީއެވެ. މި އިންތައް ފަހަނަ އަޅާދާ ކޮންމެ މީހަކީ މެދުމިނުން އެއްކިބާވެ ޙައްދު ފަހަނައަޅާދާ މީހެކެވެ. މިއިން އެއްވެސް ޙުކުމަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރެއް ނުވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ:  (( وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُبِينًا )( الأحزاب 36  މާނައީ: ﷲ އާއި އެކަލާނގެ ރަސޫލާ، ޝަރުޢުކުރައްވާފައިވާ އެއްވެސް ޙުކުމެއް، އެއީ، ތިމާމެންގެ ހިތަށް ނުފެންނަކަމަކަށް ވެގެން، އެއާ ޚިލާފަށް ޢަމަލު ކުރުމުގެ އިޚްތިޔާރު، މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް ލިބިގެންނުވެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ ދަންނާށެވެ! ހަމަކަށަވަރުން ކަނޑައެޅި ބަޔާން ވެގެންވާ މަގުފުރެދުމަކުން އޭނާ މަގު ފުރެދިއްޖެކަން ކަށަވަރެވެ."

ވީމާ، މާތް ﷲ ޚަލްޤު ކުރައްވާފައިވާ އެއްވެސް މަޚުލޫޤަކަށް މި ޙުކުމްތަކަކަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި މި ޙައްދުތަކަކީ އޭގެ އަޞްލުތަކާމެދު މަޝްވަރާކުރެވޭނެ ކަންކަމެއްނޫނެވެ. ވީމާ މުސްލިމުންގެ ގޮތަކީ ތިމަންމެންނަށް މާތްﷲ އަޢި އެކަލާނގެ ރަސޫލާގެ އަމުރުފުޅެއް އައުމުން އަޑުއަހައިފީމޭ ކިޔަމަންވެއްޖައީމޭ ބުނެ އެއަށް ޢަމަލު ކުރުމެވެ. މާތްﷲ އަޅަމެންނަށް މިދީނުގެ ޙުކުމްތައް ޤާއިމުކުރުމުގެ ތައުފީޤްދެއްވާށި! އާމީން!

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.