ތަޖުވީދު ޢިލްމުގައި ތަންވީނަކީ ކިޔުމުގައި އޮންނަ ލިޔުމުގައި ނެތް ސުކުންވެގެންވާ "ނޫން" އެކެވެ. މި އުސޫލުން ޑިމޮކްރަސީ އަކީ ކިޔުމުގައި އޮންނަ، އަދި ލިޔުމުގައިވެސް އޮންނަ، ޢަމަލުގައި ނުވާ ބިލާހެކެވެ.
ޑިމޮކްރަސީގެ ތަޢުރީފުގައި ވާގޮތުން މި ނިޒާމަކީ އަޣުލަބިއްޔަތަށް ކަންކަން ނިންމުމުގެ ނިޒާމެކެވެ. މި ނިޒާމް ޕްރެކްޓިސް ކުރުމަށް އެންމެ އަޑުހަރުކޮށް ގޮވާލާ ފަރާތަކީ އދ. ޖަމިއްޔާއެވެ. ސުވާލަކީ އދ. ގައި ޑިމޮކްރަސީ އަށް ޢަމަލު ކުރޭތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. އދ. އަކީ ޑިމޮކްރަސީ އާއި މުޅީން ޚިލާފަށް ޢަމަލު ކުރަމުންދާ ޖަމިއްޔާއެކެވެ. އެހެނީ އެއީ 10 ޤައުމަކުން ބުރަވާ ގޮތްވެސް އެންމެ ޤައުމަކަށް ވީޓޯ ކުރުމުގެ ބާރު ދޭ ޖަމިއްޔާއެކެވެ. ދާއިމީ މެމްބަރު ފަސް ޤައުމުގެ ތެރެއިން އެންމެ ޤައުމަކުން ކަމަކާ ދެކޮޅުހެދިޔަސް ދެންތިބި ހުރިހާ ޤައުމެއްގެ ނިންމުން ޤުރުބާންކުރުމީ އަޣުލަބިއްޔަތައް ތަބާނުވުމެވެ. މިއީ ކުރިން ދެންނެވިހެން ކިޔުމުގައި ވެފައި، ޢަމަލުގައި ނުވާ ޑިމޮކްރަސީގެ މިސާލެކެވެ.
އދ. ޖަމްޢިއްޔާގެ އިތުރުން ދުނިޔޭގައި ޑިމޮކްރަސީގެ އަޑު އެންމެ ގަދަކުރާ ފަރާތްތަކަކީ އެމެރިކާ އާއި، ވިލާތުގެ ޤައުމުތަކުގެ އިތުރުން އިންޑިޔާއެވެ. މިއިން ކޮންމެ ޤައުމެއް ދިރާސާ ކުރިނަމަވެސް ޑިމޮކްރަސީ އާއި މުޅިން ތަޢާރުޒުވާ އެތައް ކަމެއް އަޅުގަނޑުމެންނަށް އެޤައުމުތަކުން ފެނިގެންދާނެއެވެ. ވުމާއެކު އެހުރިހާ ވާހަކައެއް ދައްކާކަށް ނެތީމެވެ.
އދ. ގެ މިސާލުން ފިލާވަޅު ލިބިގަނެ ހުޅަނގުން ދައްކާ އަވާމެންދުރަށް ދިވެހިން ހޭވެރިވެ ތިބެން ޖެހެއެވެ. ޑިމޮކްރަސީ އަކީ ބިލާހެއް ކަން ރަނގަޅަށް ހަނދާނުގައި ބިންވަޅު ނަގަން ޖެހެއެވެ. ޑިމޮކްރަސީ ކަހަލަ އަސްލެއް ނެތް ފަލްސަފާތަކަށްޓަކައި މާތްވެގެންވާ އިސްލާމްދީން ޤުރުބާން ކޮށްލައިގެން ނުވާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...