
ސަލްޓަން ޕާކޭ ބުނުމުން އެއީ ކޮން ތަނެއްކަން ނޭނގޭ މީހަކު މި މާލޭގައި މަދުވާނެ އެވެ. ސަލްޓަން ޕާކަށް ނަމުން ޕާކެއްގެ ދަރަޖަ ލިބުނަސް އަޅުގަނޑުގެ ނަޒަރުގައި އެތަނަކީ ޕާކެއްގެ ދަރަޖައަށް ފެތޭ ތަނެއް ނޫނެވެ. ތާރީޙީ ފޮތްފޮތްތަކުންނާއި ތާރީޙީ އިލްމުވެރިންގެ މައުލޫމާތުތަކުން އެނގޭގޮތުގައި މަޝްހޫރު ބޮޑު ގަނޑުވަރު ސަރަހައްދަށް ނިސްބަތްވާ މި ޕާކަކީ މާލޭގެ ވަރަށް މަދު ބަޔަކު ނޫނީ ޒިޔާރަތް ކޮށް އުޅޭ ތަނެއް ނޫނެވެ. މާލެއަކީ ފުރި ބާރުވެ ތޮތްޖެހިފައިވާ ތަނަކަށް ވީއިރު ރަނގަޅު ފެންވަރެއްގެ ޕާކެއްގެ މުހިންމުކަން ހަމަ ގައިމުވެސް ބޮޑެވެ. މާލޭގެ އެކި އެކި ސަރަހައްދުތަކުގައިވާ އެހެނިހެން ގިނަ ޕާކުތަކަކީ އަބަދުވެސް މާރާމާރީ ހިނގާކަމަށް މަޝްހޫރު ތަންތަނެވެ. އެހެންކަމުން އެފަދަ ތަންތަނަށް މީހުން ހިތްހަމަ ޖައްސާލަން ޒިޔާރަތް ކުރުމަކީ ނާދިރުކަމެކެވެ.
އަޅުގަނޑުގެ ދިރިއުޅުން ހަމޖެހިފައިވާ ގޮތުން ދުވާލު އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ސަލްޓަން ޕާކަށް ވަދެ ނުކުމެވޭ ދުވަހެކެވެ. އެހެންކަމުން އަބަދުވެސް އެތަނުން ފެންނަ އާދަޔާ ޚިލާފު ކަންކަމަށް ނަޒަރު ހުއްޓެއެވެ. އޭގެ ތެރެއިންވެސް އަޅުގަނޑަށް އެވާހަކައެއް ނުދައްކާ ފަރުޖައްސާނުލެވޭނެ އެއް ވާހަކަ އަކީ "ތިޔަ ބޭފުޅުންގެ ލޮބުވެތި ދަރިންގެ ވާހަކައެވެ." ބަލާބެލުމަށް އެއީ ސާދަ ފަނަރައިގެ ކުދިންނެވެ. ސްކޫލް ޔުނިފޯމް ލައިގެން ތިބެ ސިނގިރޭޓް ބޯން ތިބޭ ކުދިންނެވެ. މައިންބަފައިން މާތް މަޤްސަދެއްގައި ސްކޫލަށް ފޮނުވީމައި ސްކޫލަށް ނުގޮސް ސަލްޓަން ޕާކުގައި މަޖާ ކޮއްލާފައި ގެއަށް ދަނީ އެވެ. ހަމަ ގައިމުވެސް އެއީ ތިޔައިގެ ތެރެއިން ކޮންމެވެސް ބޭފުޅުންތަކެއްގެ ދަރީންނެވެ.
ބަދަލުވަމުން އަންނަ މިފަދަ ހަލަބޮލި ދުވަސްވަރެއްގައި ދަރިންގެ އަމަލުތައް ވަރަށް ގާތުން ބެލުން މުހިންމެވެ. އެހެން ނޫނީ އިސާހިތަކު އަނދަވަޅަކަށް ވެއްޓި ދަރިފުޅުގެ މުސްތަޤްބަލް ބަނަވެދާނެއެވެ. ދީނީ ފޮތް ފޮތުން ދެކެމެވެ. އަދި އިލްމުވެރިން ބުނާ އަޑު އަހަމެވެ. އިންސާނާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. އަދި އެ އިންސާނާ ޔަހޫދީއަކަށް ނަސާރާއަކަށް ނުވަތަ މަޖޫސީ އަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިންނެވެ. މިއިން ދޭހަ ކޮއްދެނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ބޮޑުކަމެވެ. މުސްކުޅިން ބުނެ އުޅެއެވެ. " ރައްކާތެރިވެ ތިބިއްޔާ ދަތުރެވެ". އެހެންކަމުން ތިޔަބޭފުންގެ ދެ ލޮލުގެ ނޫރު ކަމުގައިވާ ލޮބުވެތި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ސަމާލުވަމާތޯއެވެ!
ދެން މުވައްސަސާތަކުގެ ދައުރަށް ބަލާލަމާ ހިންގަވާށެެވެ. އިރުވައި މޫސުމަށް ހިޖުރަކުރާ ބައެއް ދޫނި ސޫފާސޫފި ރާއްޖޭގެ ބައެއް ފިނޮޅުތަކަށް ޖައްސާލާ އުސޫލުން ދޭތެރެ ދޭތެރެއިން ދިވެހި ފުލުހުން ސަލްޓަން ޕާކު ބަލަހައްޓާ އެތާގައި ފޯރިމަރައެވެ. ނަމަވެސް ހިތާމައަކީ އެކަން އެބޭފުޅުންނަށް ދާއިމީ ގޮތެއްގައި ނުކުރެވުމެވެ. މިފުރުސަތުގައި ދިވެހި ފުލުހުންނަށް ސަލްޓަން ޕާކް ރަނގަޅަށް ބެލެހެއްޓުމަށް ގޮވާލަމެވެ. އަދި މާލޭ ސިޓީ ކައުންސިލް ނުވަތަ ސަލްޓަން ޕާކުގެ ކަންތައްތައް ބަލަހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން އެތަން މަރާމާތުކޮށް ޕާކެއްގެ އަސްލު މިންގަނޑަށް ބަދަލު ކުރުމަށް ގޮވާލަމެވެ. އަދި ހަމަ އެހެންމެ މިހާރު އެތަން އެއޮންނަ "ޑާރކް ރޫމް" ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރުމުގެ ގޮތުން ރޭގަނޑު ތަން ރަނގަޅަށް ދިއްލާ ބެލެހެއްޓުމަށް ގޮވާލަމެވެ. މިހާރު ނުދިއްލާ އޮންނަ ވާހަކައެއް ނޫނެވެ. އަޅުގަނޑު ގޮވާލަނީ ނަމެއްގައި ދިއްލުމުގެ ބަދަލުގައި މުޅި ޕާކް ޝާމިލުވާ ފަދަ ހަރުދަނާ ގޮތަކަށް އެކަން އެކަން ކުރުމަށެވެ.
އެފަދަ ހެޔޮ ބަދަލުތަކަކާ އެކު ހަމަ ގައިމުވެސް ސަލްޓަން ޕާކަށް ޕާކެއްގެ ދަރަޖަ ލިބޭނެއެވެ. ނުވަތަ ހިތްހަމަޖައްސާލަން އެތަން ބޭނުން ކުރެވޭ ވަރު ވާނެއެވެ. އަދި މިނިވަންކަމާއެކު ސިނގިރޭޓް ބޯން އެތިބޭ ދަރިވަރުންގެ އެ ގޯސް އަމަލު ހުއްޓުވުމަށް އެޅޭ ބާރަކަށް އެކަން ވާނެކަން ކަށަވަރެވެ. އެހެނީ، ފުރިހަމަ ޕާކެއްގެ ދަރަޖައަށް ތަރައްގީ ކުރެވި، ފުލުހުންގެ ލޯތަކުން އެތަން ކަވަރުކުރެވެން ފަށައިފި ނަމަ، އާއިލާތައް ޒިޔާރަތްކުރާ އަދި ހެޔޮ ގޮތުގައި އެހެންވެސް އާންމުން ބޭނުންކުރާ ތަނަކަށް މި ސަލްޓަން ޕާކް ވެގެންދާނެކަމުގެ އުއްމީދު ކުރެވެއެވެ. އެފަދަ ހާލަތެއްގައ މި ޕާކު މަދަރަސަތުލް ސިނގިރެޓް ބޯ ސަލްޓަންޕާކުގެ ބަދަލުގައި އާންމުން ހިތްހަމަ ޖައްސާލާ ސަލްޓަން ޕާކަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ.
ތިޔަބޭފުޅާގެ ދަރިފުޅު މަދަރަސަތުލް ސަލްޓަން ޕާކުގައި...
ކޮމެންޓް (0)
ލޯޑް ކުރަމުން...