ރިޕޯޓް އޭރުވެސް މިހާރުވެސް ޤައުމުގައި ޑިމޮކްރަސީއެއްނެތް!

އޭރުވެސް މިހާރުވެސް ޤައުމުގައި ޑިމޮކްރަސީއެއްނެތް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޖުމާ އަބްދުލްހާދީ

ޑިމޮކްރަސީގެ އެންމެ ބޮޑު އެއް އަސާސަކީ ރައްޔިތުންގެ ބޮޑުބައި ނުވަތަ މެޖޯރިޓީ ބުނާ ގޮތަށް ކަންކަން ނިއްމުމެވެ. އެހެންނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ މިއާމުޅިން ފުށޫއަރާ މާނައެއްގައި މިބަސް ބޭނުން ކުރެވެމުންދާކަމެވެ. ޑިމޮކްރަސީގެ ލާމަސީލް ނަމޫނާ ޤައުމަކަށް އަބަދުވެސް ނަން މަޝްހޫރު އެމެރިކާގައިވެސް މިކަން ހިނގަނީ ހަމަ މިހެންނެވެ. މީގެ އަހަރުތަކެއް ކުރިން އެމެރިކާނުންނާއި އިނގިރޭސި ސިފައިން އިރާޤަށް އަރައިގަތީ މެޖޯރިޓި ރޮއެރޮއެ އޮއްވައި އެއަށް އިޚްތިރާމް ކުރުމެއްނެތިއެވެ. މިކަމުންވެސް މި ބުނާ ޑިމޮކްރަސީގެ ގަމާރުކަން އެބަހާމަވެއެވެ.

މިކުޑަކުޑަ ޤައުމުގެ މުޅި މުޖުތަމަޢު ތެރެއިން ވެސް އެއް އަޑަކަށް މިއިވެނީ ޑިމޮކްރަސީ ހަރުދަނާ ކުރަންޖެހޭވާހަކައެވެ. މިހެންކަމުން މީގެ ދުވަސް ތަކެއް ކުރިން ރައްޔިތުން އުޅެމުންއައިސްފައިވާ އެއް ބައެއް ވަންތަ ދިރިއުޅުން ވެސް މިވަނީ މިބުނާ ޑިމޮކްރަސީއަށްޓަކައި ޤުރުބާންކޮށް، ރެނދުއަޅައި މުޅިން ހަލާކުކޮށްލާފައެވެ. މިހެނީ މިޤައުމުގެ ރައްޔިތުންނަކީ މީގެ ކުރިން ޤާނޫނަކުން ކުށް ކުރުމާއި ކުށުން ބަރީޣަވާން ދަސްވެފައިވާ ބައެއްވެސް ނޫނެވެ. އޭރުގެ ސަރުކާރުގެ ޑިމޮކްރަސީ އަކީ އެއީ ކަމަށް ވެސް ވެދާނެއެވެ. ބޭކާރުގޮތުގައި އަދި ހަމަ އެހެންމެ ހެޔޮގޮތުގައިވެސް ދުލާއި ޤަލަމުގެ ބޭނުން ކުރުން ކޮންޓްރޯލްކޮށްފައި އޮތްއޮތުން އެއީ ވެސް އޭރުގެ ޑިމޮކްރަސީއެވެ. މިއީ ރައްޔިތުންގެ ގިނަމީހުން ޚާއްސަކޮށް ޢިލްމް އުނގެނިގެން އައި ގިނަ ރައްޔިތުން ބޭނުންވިގޮތެއް ނޫނެވެ. އެހެންވެއްޖިއްޔާ އޭރުވެސް ޑިމޮކްރަސީ އެއްނެތް ދޮގެއްތޯއެވެ؟

"ޑިމޮކްރަސީ" މިބަހަކީ ދިވެހިންގެ ތެރެއަށް ބީރައްޓެހިބަހަކަށް ވުމުން މިވާނުވާ މާބޮޑަކަށް ނޭގި ތިއްބާ ކުއްލިއަކަށް މި ޤައުމުގެ ރައްޔިތުންނަށް "ޑިމޮކްރަސީ" މިބަސް ދުލަށް ފަސޭހަބަހަކަށްވީ ބަޔަކުމީހުން ވެރިކަމާއި އާރާއި ބާރު ހޯދުމަށް ކުޅުނު ޑްރާމާގެ ތެރެއިންނެވެ. ޑިމޮކްރަސީ އަކީ ހެޔޮ ވެރިކަން ނުވަތަ ރައްޔިތުންގެ ވެރިކަން ކުރުން ކަމަށް ބުނެ ތާހިރު ދިރިއުޅުން ހޯދައި ދިނުމުގެ ނަމުގައި އެއިގެ ފޮނި އިހްސާސްތަކުގެ ހުވަފެން ދައްކަމުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް ބޮޑު އޮޅުވާލުމަކުން ބަޔަކުމީހުންގެ ހީލަތްތެރި ރޭވުން ތަކެއްގެ ދަލުގައި ރައްޔިތުން ޖައްސައިގެންނެވެ.

އެބުނި ހެޔޮވެރިކަމާއި ޑިމޮކްރަސީއަކީ ނެތިމޮށުމާއި އެމީހަކު ހިތު ހުރިހާ އެއްޗެއް ތިމާގެ އަޚާއަށް ކިއުން ހެއްޔެވެ؟ މަގުމައްޗަށް ނިކުމެ ހަޅޭއްލަވައި އަޑުގަދަކޮށް އާއްމުންނަށް އުނދަގޫކުރުން ހެއްޔެވެ؟ މައެއް، ބަފައެއް، ވެރިއެއް ވަކި ކުރަން ނޭގުން ހެއްޔެވެ؟ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ މުއައްސަސާތަކުގެ ޙުރުމަތްކަނޑާލުން ހެއްޔެވެ؟ ފާޅުގައި ހަޑި މުޑުދާރު ފާހިޝް އަމަލްތައް ކުރުންހެއްވެ؟ މުޖުރިމުންގެ އުޤޫބާތުން މިނިވަންކޮށް އަދުލްއިންސާފް ގެ ބާރު ކަނޑުވާލުން ހެއްޔެވެ؟

މިއީ އެބުނާ ޑިމޮކްރަސީ އައިފަހުން ފެންނަ މަންޒަރުތަކެވެ. މިނިވަންކަން ހައްދުފަހަނަޅައިގޮސް އެއިގެ އަސްލު މިންގަނޑު އެނގޭ ދިވެއްސަކު މިހާރު މި ފަސްގަނޑުގައި މަދުވާނެއެވެ. ދިވެހިބަހުގައި ބުނާގޮތުންނަމަ މުޅި ޤައުމުގައިވަނީ ދަންނަ ނުދަންނަމީހުންނެވެ.

އޭރުވެސް މިހާރުވެސް ޑިމޮކްރަސީއެއް އެބައޮތްހެއްޔެވެ؟ އެބަޔަކު ބޭނުން ފަލްސަފާ އަކަށް ޑިމޮކްރަސީ ބަދަލްވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ އާނއެކެވެ. މިއީ ހެޔޮވިސްނޭ ކޮންމެ ރައްޔިތަކުވެސް ޤަބޫލްކުރާނެ ބޮޑު ހަޤީޤަތެކެވެ. ބަޔަކު މީހުން އަމިއްލައަކަށް ހަދައިގެން ގެނެސް ދައްކާ ތާކުން ތާކު ނުޖެހޭ ލިޔުންތަކެއްގައި ހުންނާނީ ކޮން ބުރަދަނެއް ހެއްޔެވެ. މިއީ ދުނިޔޭގެ ޤާނޫނަށް އެއްވެސް ބާރެއް ނުފޯރުވޭނެ ނިކަމެތި އަޅުންތަކެއްހަދައިގެން އުޅޭ ގަމާރު ފަލްސަފާ އަކެވެ. މާތްﷲ ޞުބުހާނަހޫ ވަތަޢާލާ ހަތްއުޑުމަތިން ބާވައިލެއްވި މަތިވެރި ވަހީގެ ބަސް ދޮގުކޮށް އެ ޤަބޫލް ކުރަން ބޭނުން ނުވާ މީހުންނަށް އަބަދުވެސް ޖެހޭނީ ނިކަމެތި ހާލެވެ. އާޚިރަތްމަތިންހަނދާން ނައްތާލައި ދުނިޔެ ދެކެ ލޯބިވާ މީހުންނަށް ޖެހޭނީ މިފަދަ ހާލެވެ. ދުވަހަކުވެސް އެ ބުނާ ޑިމޮކްރަސީ އެއް ނުފެންނާނެއެވެ. އެމީހެއްގެ އަމިއްލަ ފަލްސަފާއަކުން ލިބޭނީ ކޮން ކުރިއެރުމެއްތޯއެވެ؟

ޓެގް

ޑިމޮކްރަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.