ރިޕޯޓް ދިވެހި ސަރުކާރުން އިޒްރޭލާ ގުޅުން ބާއްވާތީ ގިނަ ދިވެހިން ލަދުގަނޭ!

ދިވެހި ސަރުކާރުން އިޒްރޭލާ ގުޅުން ބާއްވާތީ ގިނަ ދިވެހިން ލަދުގަނޭ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ސިޔާސީ ވޮޗާ

ގައްޒާފީގެ މަންދޫބުންނާ އެއްތަނެއްގައި ތިބެން ލަދުގަންނަ ކަމަށް ދިވެހި ސަރުކާރުން ޖެނިވާގައި ހުންނަ އދ. ގެ މަރުކަޒަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ބޭއްވި ލީބިޔާ ސަރުކާރުން ހިންގާ ކަމަށް ތުހުމަތު ކުރާ އިންސާނިއްޔަތާ ހިލާފް އަމަލުތަކާ ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ މަންދޫބުން ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި އިރުތިޝާމް ވިދާޅުވީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނާއި އެތައް ހާސްބަޔަކު މަރައި އަނިޔާކުރުމަށް އަސްކަރިއްޔާގެ ބޭނުން ހިފާފައިވާ މީހެއްގެ މަންދޫބުންނާ އެއްތަނެއްގައި ހުންނަން ލަދުގަންނަ ކަމަށެވެ.

ދިވެހި ސަރުކާރުން މި އަހަރު އެޕްރީލް މަހުގައި ލީބިޔާ ސަރުކާރާ އޮންނަ ސިޔާސީ ގުޅުން ކަނޑާލީ ލީބިޔާ ސަރުކާރުން ކުށެއް ނެތް އެތައް ބަޔަކު މަރަމުންދާ ކަމަށް ބުނެ، އިންސާނިއްޔަތާ ހިލާފު އެފަދަ އަމަލުތައް ކުރަމުންދާ ޤައުމަކާ ދިވެހި ސަރުކާރުން ގުޅުން ނުބާއްވާނެކަމަށް ބުނަމުންނެވެ.

ގިނަ ދިވެހިން ދެކޭގޮތުގައި ލީބިޔާގެ މަންދޫބުންނާ އެއް ތަނެއްގައި ތިއްބަވަން ދިވެހި ސަރުކާރުން ލަދުގަންނަ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ އިޒްރޭލާއެކު ދިވެހި ސަރުކާރުން ބާއްވަމުންދާ ސިޔާސީ ގުޅުމާހެދިއެވެ. އިޒްރޭލަކީ ފެށުނީއްސުރެ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ކުށެއް ނެތް އެތައް ހާސް ބަޔަކު މަރާފައިވާ އަދި މަރަމުންދާ ޤައުމެކެވެ. ބައިނަލް އަޤްވާމީ މުޖްތަމަޢަށާއި އދ ގެ ޤަރާރުތަކަށް ގޮން ޖަހަމުންދާ އިޒްރޭލަކީ ދުނިޔޭގައި އޮތް އެންމެ ލާއިންސާނީ ޤައުމެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އިޒްރޭލާއެކު ބާއްވަމުންދާ ސިޔާސީ ގުޅުމާ ދެކޮޅަށް ގިނަ ދިވެހިންތަކެއްވަނީ މަގު މައްޗަށް ނުކުމެ މުޒާހަރާކޮށް އެބައިމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ އެއްވެސް ހަރުދަނާ ކަމެއްނެތް ދެފުށް ދެގޮތް ސިޔާސަތެކޭ ބުނާ މީހުން މަދެއް ނޫނެވެ.

ދިވެހި ސަރުކާރުން ލީބިޔާ ސަރުކާރުގެ މަންދޫބުންނާ އެއްތަނެއްގައި ތިބުމަކީ ލަދުގަންނަކަމެކެވެ. ނަމަވެސް، ގިނަ ދިވެހިން ދެކޭ ގޮތުގައި އިޒްރޭލާ ބާއްވާ ގާތްގުޅުމަކީ އަދި އެއަށްވުރެ ލަދުހުތުރު ކަމެކެވެ.

މަސްދަރު: ރާއްޖެއިސްލާމް.ކޮމް

ޓެގް

ސިޔާސީ ރާއްޖެ ސަރުކާރު ދިވެހިން ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.