އަހަރެން ހިޖާބު އެޅުމުގެ ކުރިން އަހަރެންގެ ހަޔާތުގެ ކަޅު ސަފުޙާތައް ތި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހިއްސާކުރުމަށް ގަސްތުކުރަމެވެ. އަހަރެންގެ އުފަން ބިމަކީ އެންމެ ފުރުތަމަ އިސްލާމްދީނުގެ ނޫރުން އުޖާލެވެގެންދިޔަ މަތިވެރި އަރަބި ބިމެވެ. އަހަރެންނަކީ އުމުރުން 20 އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ.
އަހަރެން ގަބޫލު ކުރާގޮތުގައި އަންހެނާ ހިޖާބުލާ ،އޭނަގެ ހަށިގަނޑުގެ ވަނާތައް ހިލޭ ފިރިހެނުންގެ ކިބައިން ރައްކާތެރިކުރުމަކީ އެހާ މުހިއްމުކަމެއްނޫނެވެ. އަހަރެންދެކޭ ގޮތުގައި ބޭނުންގޮތަކަށް ހެދުންއެޅުމުގެ ފުރިހަމަ އިޚުތިޔާރު އަހަރެންނަށް ލިބެންޖެހޭނެއެވެ. އަދި ހިޖާބު އަޅާ ނިވާވުމަކީ އަހަރެންގެ އަމިއްލަ މިނިވަންކަމަށް ބުރުއަރާކަމެއްކަމަށް އަހަރެން ގަބޫލުކުރީމެވެ. އެހެންކަމުން އަހަރެންނިންމީ އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ހިޖާބު އަޅާ ނިވާ ނުވުމަށެވެ.
އަހަރެންގެ މަންމައަކީ ހިޖާބުއަޅާ ނިވާވެގެންއުޅޭ އަންހެނެކެވެ. ނަމަވެސް ދުވަހަކުވެސް އަހަރެންނާއި އަހަރެންގެ ދައްތަމެން ހިޖާބު އަޅާ ނިވާވުކުރުމަކަށް މަންމަ މަސައްކަތެއް ކޮށްފައެއްނުވެއެވެ. މަންމަ އަބަދުވެސް ބުނާވާހަކައަކީ ހިޖާބު އެޅުމުގެ ކުރިން އެއީ އަޅަންޖެހޭ އެއްޗެއްކަން ތިމާ ޤަބޫލުކުރަންޖެހޭނެކަމެވެ. އެހެންނޫނީ މަންމަ ނެއްތަނެއްގައި އަހަރެން ހިޖާބުނާޅާނެ ވާހަކައެވެ.
އަހަރެންގެ ރީތިކަމަށް އަހަރެން އަބަދުވެސް ތަޢުރީފުކުރަމެވެ. އަހަރެންގެ ރީތި ކަމަކީ އަހަރެންގެ ހިތްހަމަޖެހުމެވެ. އަހަރެންގެ އުފަލެވެ. އަހަރެންލައި އުޅެނީ ޒަމާނީ ހެދުމެވެ. އަހެރެންގެ ބޭނުމަކީ ގިނަ މީހުންގެ ކަޅި އަހަރެންނާ ދިމާއަށް ހުއްޓި އަހަރެންގެ ރީތިކަމަށް ތަޢުރީފުކުރުމެވެ. އަދި މީހުންގެ ތައުރީފުގެ ބަސްތައް އަހަރެންނަށް ލިބޭތީ އެކަމާ އަހަރެން އުފާކުރަމެވެ.
އަހަރެން މަތީ ތައުލީމު ހާސިލް ކުރުމަށްފަހު، ޑިގްރީ ހޯދުމަށް އެމެރިކާއަށް ދިޔައީމެވެ. އެމެރިކާއިން އަހަރެންނަށް ފެނުނީ މީގެ ކުރިން ދުވަހުކުވެސް އަހަރެންނަށް ނުފެއްނަ މަންޒަރެކެވެ. އާދެ! އިސްލާމީ ރިވެތި އާދަކާދަތައް އަށެގެންފައިވާ މުސްލިމުންގެ ދިރިއުޅުމެވެ. އެމީހުންގެ ތެރޭގައިވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ.
އަހަރެންނަކީ މުސްލިމެއް ކަން އެމީހުންނަށް އެނގުމުން ދީނާ ގުޅޭ އެތަކެއް ސުވާލުތަކެއް އަހަރެންނާ އެމީހުންކުރިއެވެ. ނަމަވެސް މުސްލިމަކަށްވެ ހުރެ އެމީހުންގެ އެ ސުވާލުތަކުގެ ޖަވާބެއް އަހަރެންނަކަށް ނޭނގުނެވެ. އެހެންކަމުން އަހަރެން އިސްލާމުދީނުގެ ހަޤީޤީ ސޫރަ ހޯދަންފެށިމެވެ. އަދި ނޭނގި ހުރި އެތަކެއް މައުލޫމާތުތަކެއް ފޮތްތަކުންނާއި އިންޓަރނެޓުން ހޯދާ އުނގެނެއްފެށީމެވެ. މިކަމުގެ ސަބަބުން މީގެ ކުރިން އަހަރެންނަށް އިސްލާމު ދިނާ ބެހޭގޮތުން ނޭނގޭ އެތައްކަމެއް އެނގި އޮޅުންފިލައިގެން ދިޔައެވެ.
އަހަރެންގެ އެކުވެރިންނާއެކު މިސްކިތުގައި އިސްލާމުދީނާ ބެހޭ ގޮތުންވާހަކަދައްކަން ގިނަ ވަގުތުތަކެއް ހޭދަކުރަމުންގެންދިޔައީމެވެ. އަހަރެންގެ ގައުމުގައި އެތައްހާސް މިސްކިތްތައްހުންނައިރުވެސް، މީގެ ކުރިން ދުވަހުކުވެސް އަހަރެން މިސްކިތަކަށް ނުދަމެވެ. މިސްކިތުގައި ތިބި ކުދިންގެތެރެއިން އަހަރެން ފިޔަވާހުރިހާކުދިން ތިބީ ހިޖާބު އަޅާ އިސްލާމީ އުސޫލުން ނިވާވެގެންނެވެ.
އާއެކެވެ. އަހަރެން މުސްލިމަކަށްވެވިފައިމިވަނީ އަރައްބަކަށްވީތީއެވެ. އަހަރެންނަށް ލިބިފައިމިވާ އިސްލާމްކަމަކީ މައިފުށުން ވާރުތަވަމުން އައިސްފާ އިސްލާމް ކަމެއްކަން އިޙްސާސް ކުރެވިގެން ދިޔައީ އެމެރިކާއިން ފެނުނު އިސްލާމީ މުޖުތަމަޢުގެ ސަބަބުންނެވެ. އަހަރަމެންވަނީ އިސްލާމްދިނާއި އަހަރަމެންގެ ޘަޤާފަތް އެއްކޮށްލާފައެވެ. މީގެ ކުރިން އިސްލާމު ދީނުގައި އޮންނަކަމެއްކަމަށް އަހެރެން ހީކުރި ކަންކަމަކީ އަރަބީންގެ ޘަޤާފަތުގެ ތެރޭގައި ހިމެނޭކަންކަމެވެ. ﷲގެ ރަޙުމަތުން އަހަރެންނަށް އެނގިގެންދިޔައީ ހަޤީޤީ އިސްލާމްކަން ވަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘްގައިކަމެވެ.
އެންމެ ފަހުން މިހުރިހާ ކަމަކާ ވިސްނާ ފިކުރުކުރުމަށް ފަހު އަހަރެން ނިންމީ ހިޖާބު އަޅާ ނިވާވުމަށެވެ. އަދި ހިލޭ ފިރިހެނުންނާއި އަންހެނުންގެ ބެލުންތަކުން އަހަރެން ސަލާމަތްވެ، ފުރިހަމަ ގޮތުގައި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހަޤީޤީ ހިތްހަމަޖެހުމެއް އަހަރެންނަށް އިހުސާސްކުރެވުނީ ހިޖާބުއެޅުމުންނެވެ. އަދި މީހުން ކިޔާފާނެ އެއްޗަކަށް އަދި އެމީހުން ދެކެފާނެ ގޮތަކާމެދު އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ. އަހަރެންބޭނުމީ ﷲގެ ލޯބިވޮޑިގަތުންމެވެ. އެކަލާނގެ ރުއްސެވުން ލިބުމަކީ ދެދުނިޔޭގައިވެސް ކާމިޔާބު ހުރިކަމެއްކަން އަހަރެންނަށް އެނގެއެވެ.
ހިޖާބު އެޅި ފުރަތަމަ ދުވަހަކީ އަހަރެންނަށް ބުނެދެން ނޭނގޭހާ އުފާވެރި އިޙުސާސްތަކެއް ލިބިގެންދުވަހެކެވެ. އަހަރެންގެ އެކުވެރިންނާއި އާއިލާ މީހުން އަހަރެން ހިޖާބު އަޅާނިވާވާނެ ކަމުގައެއް ހިޔެއްނުކުރެއެވެ. އަދި ހިޖާބު އަޅައިގެން އެހާ ގިނަ ދުވަހު ނޫޅޭނެކަމަށްވެސް އެމީހުން ދިޔައީ ބުނަމުންނެވެ. ނަމަވެސް އަހަރެންގެ އުއްމީދަކަށް ބަދަލެއްނާދެއެވެ. މިހާރު އާއިލާގެ މީހުންގެ ފަރާތުން ކުރިން ލިބިފައިނުވާ މިންވަރަށް އަޅާލުމާ އޯގާތެރިކަން އަހަރެންނަށް ލިބެއެވެ. އަދި އެމީހުންގެ އިތުބާރު އަހަރެންނަށް ލިބެއެވެ. ސަބަބަކީ މިހާރު އަހަރެންނަކީ ދީނައް ލޯބި ކުރާ މީހަކަށްވުމެވެ. މިހުރިހާ އުފަލެއް އަހަރެންނަށް ގެނެސް ދިން އެއްޗަކީ އަހަރެންގެ ހިޖާބެވެ.
ﷲ ސުބުޙާނަހޫ ވަތައަލާ ހިޖާބު އެޅުމަށް އެންގެވީ އަހަރަމެންގެ ހިމާޔަތާއި ރައްކާތެރިކަމަށްކަމަށް މިހާރު އަހަރެންނަށް ގަބޫލުކުރެވެއެވެ. ތިބާގެ ހަށިގަނޑާމެދު ތިބާ ނުވިސްނަންހެއްޔެވެ؟ ތިބާގެ ހަށިގަނޑަކީ އަގުބޮޑު ތަނެއްކަން ތިބާއަކަށް ނޭނގޭހެއްޔެވެ؟ ތިބާ އަކީ ރީތި މީހެއްކަން އެހެންމީހެއްގެ ގާތު ތިބާ ބުނާކަށް ނުޖެހެއެވެ. ސަބަބަކީ ތިބާއަށް ތިބާގެ ރީތިކަން އެނގޭނޫންހެއްޔެވެ؟ އަހަރެންގެ އާދޭހަކީ ތިބާގެ ފަހުނޭވާ ތިބާޔާ އައިސް ބައްދަލުވުމުގެ ކުރިން ﷲގެ އަމުރުފުޅަށް ކިޔަމަންވެ ، ތިބާ ހިޖާބު އަޅާ ފޮރުވުމެވެ. ތިބާ ބޭނުމީ އެހެންމީހުންގެ ރުހުންތޯއެވެ؟ ނޫނީ އެއްކައުވަންތަ ގަދަ ކީރިތިވަންތަ ﷲގެ ރުއްސެވުންހެއްޔެވެ؟ ހަމަޔަގީނުންވެސް ހަޤީޤީ ކާމިޔާބު ލިބޭނީ ﷲ ގެ ރުއްސެވުންލިބިގެންނެވެ. މިއަދުންފެށިގެން ހިޖާބު އެޅުމަށް އަޒުމް ކަނޑައަޅާށެވެ. ދެދުނިޔޭގެ އުފާ ހާސިލް ކުރުމަށް އަވެސްވެ ގަންނާށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...