ދީން އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 3

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 3

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 3

ކިޔާލަން ހޭދަވާނީ 7 މިނިޓް

ފޮންޓް ސައިޒް

ނަމާދަކީ ކިއްލާއެއްފަދަ އެއްޗެކެވެ.

ނަމާދަކީ އެންމެހައި ހެޔޮ ޢަމަލުތަކުގެ ބިންގަލެވެ.  އަންނަނިވި ޤުރުއާނުގެ އާޔަތް ތަކުގައި ގިނަ ޢަދަދެއްގެ ރަނގަޅު ޢަމަލުތަކެއް ހާމަކުރައްވާފައިވެއެވެ. ކޮންމެ ހެޔޮ ޢަމަލެއްގެ އިހުގައިވެސް އަދި ފަހުގައި ވަނީ ނަމާދެއެވެ.

ސޫރަތުލް މުއްމިނޫން (11-1 :23)

قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ (١) ٱلَّذِينَ هُمۡ فِى صَلَاتِہِمۡ خَـٰشِعُونَ (٢) وَٱلَّذِينَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ (٣) وَٱلَّذِينَ هُمۡ لِلزَّكَوٰةِ فَـٰعِلُونَ (٤) وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ (٥) إِلَّا عَلَىٰٓ أَزۡوَٲجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَـٰنُہُمۡ فَإِنَّہُمۡ غَيۡرُ مَلُومِينَ (٦) فَمَنِ ٱبۡتَغَىٰ وَرَآءَ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلۡعَادُونَ (٧) وَٱلَّذِينَ هُمۡ لِأَمَـٰنَـٰتِهِمۡ وَعَهۡدِهِمۡ رَٲعُونَ (٨) وَٱلَّذِينَ هُمۡ عَلَىٰ صَلَوَٲتِہِمۡ يُحَافِظُونَ (٩) أُوْلَـٰٓٮِٕكَ هُمُ ٱلۡوَٲرِثُونَ (١٠) ٱلَّذِينَ يَرِثُونَ ٱلۡفِرۡدَوۡسَ هُمۡ فِيہَا خَـٰلِدُونَ (١١)

މާނައީ: " މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ(1). އެމީހުނަކީ އެމީހުންގެ ނަމާދުގައި ޚުޝޫޢަތްތެރިކަމާއި ތިބޭމީހުންނެވެ(2). އަދި އެމީހުންނަކީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ(3). އަދި އެމީހުންނަކީ ޒަކާތް ދޭމީހުންނެވެ(4). އަދި އެމީހުންނީ، އެމީހުންގެ ފަރުޖުތަކަށް ( ޖިންސީ ގުނަންތަކަށް) ރައްކާތެރިވާ މީހުންނެވެ(5). އެބައިމީހުންގެ އަބިންގެ މައްޗަށާއި، އެބައިމީހުންނަށް މިލްކު ވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށާވަރުން އެބައިމީހުނީ އެބައިމިހުންނާއިމެދު މަލާމާތް ލިބިގެންނުވާ މީހުންނެވެ(6). ފަހެ އޭގެ ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ ފަހެ އެފަދަ މީހުންނީ ހުއްދަ ވެގެންވާ ސަރަޙައްދު ފަހަނައަޅައިދާ މީހުންނެވެ(7). އަދި އެމީހުންނީ އެމީހުންގެ އަމާނާތް ތަކަށާއި، އަދި އެބައިމިހުންގެ އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ(8). އަދި އެމީހުންނަކީ އެމީހުންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ(9). ވާރުތަވާ މީހުންނަކީ ހަމައެބައިމީހުންނެވެ(10).  އެމީހުންނަކީ، ފިރުދައުސަކީ ސުވަރުގެ ވާރުތަވާ މީހުންނެވެ. އެބައިމީހުން ވަނީ، އެ ސުވަރުގެތަކުގައި ދެމިތިބޭ ބައަކުކަމުގައެވެ(11)."

ސޫރަތުލް މަޢާރިޖް (35-70:19)

۞ إِنَّ ٱلۡإِنسَـٰنَ خُلِقَ هَلُوعًا (١٩) إِذَا مَسَّهُ ٱلشَّرُّ جَزُوعً۬ا (٢٠) وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا (٢١) إِلَّا ٱلۡمُصَلِّينَ (٢٢) ٱلَّذِينَ هُمۡ عَلَىٰ صَلَاتِہِمۡ دَآٮِٕمُونَ (٢٣) وَٱلَّذِينَ فِىٓ أَمۡوَٲلِهِمۡ حَقٌّ۬ مَّعۡلُومٌ۬ (٢٤) لِّلسَّآٮِٕلِ وَٱلۡمَحۡرُومِ (٢٥) وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ (٢٦) وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّہِم مُّشۡفِقُونَ (٢٧) إِنَّ عَذَابَ رَبِّہِمۡ غَيۡرُ مَأۡمُونٍ۬ (٢٨) وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ (٢٩) إِلَّا عَلَىٰٓ أَزۡوَٲجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَـٰنُہُمۡ فَإِنَّہُمۡ غَيۡرُ مَلُومِينَ (٣٠) فَمَنِ ٱبۡتَغَىٰ وَرَآءَ ذَٲلِكَ فَأُوْلَـٰٓٮِٕكَ هُمُ ٱلۡعَادُونَ (٣١) وَٱلَّذِينَ هُمۡ لِأَمَـٰنَـٰتِہِمۡ وَعَهۡدِهِمۡ رَٲعُونَ (٣٢) وَٱلَّذِينَ هُم بِشَہَـٰدَٲتِہِمۡ قَآٮِٕمُونَ (٣٣) وَٱلَّذِينَ هُمۡ عَلَىٰ صَلَاتِہِمۡ يُحَافِظُونَ (٣٤) أُوْلَـٰٓٮِٕكَ فِى جَنَّـٰتٍ۬ مُّكۡرَمُونَ (٣٥)

މާނައީ: " ހަމަކަށަވަރުން އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ(19). އޭނާ އަށް ނުބައި ކަމެއް ދިމާވެއްޖެހިނދެއްގައި ކެތްތެރިއެއްނުވާނެއެވެ(20). އަދި ހެޔޮކަމެއް އޭނާއަށް ދިމާވެއްޖެހިނދެއްގައި (އެބަހީ: ތަނަވަސްކަމެއް ލިބއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނާނެއެވެ(21). ނަމާދު ޤާއިމްކުރާ މީހުން މެނުވީއެވެ(22). އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދު ކުރުމުގައި ދެމިތިބޭ ބައެކެވެ(23). އަދި އެބައި މީހުންނަކީ އެދޭ މީހުންނަށާއި، މަޙްރޫމްވެގެންވާ މިހުންނަށް، (ފަޤީރުންނަށް) އެބައިމީހުންގެ މުދަލުން ކަނޑައެޅިގެންވާ މިންވަރެއްދޭ ބައެކެވެ(25-24). އަދި އެބައިމީހުންނަކީ ޤިޔާމަތް ދުވަހަށް އީމާންވެ ތެދުކުރާމީހުންނެވެ(26). އެބައިމީހުންނީ އެބައިމީހުން ހެއްދެވި އެބައިމީހުންގެ ވެރިރައްބުގެ އަޒާބަށް ބިރުވެތިވާ މީހުންނެވެ(27). ހަމަކަށަވަރުން އެބައިމީހުންގެ ވެރިރައްބުގެ ޢަޒާބަކީ އަމާންކަން ލިބިގެންނުވާ ޢަޒާބެކެވެ(28). އެބައިމީހުންނީ އެބައިމީހުންގެ ފަރުޖުތަކަށް (އެބަހީ: ޖިންސީގުނަންތަކަށް) ރައްކާތެރިވާމީހުންނެވެ(29). އެބައިމީހުންގެ އަނބިންގެ މައްޗަށާއި، އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެބައިމީހުންނީ މަލާމާތް ލިބިގެންނުވާ މީހުންނެވެ(30). ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހުންނަކީ، ފަހެ، އެބައިމީހުންނަކީ ކަޑައެޅިފައިވާ ޙުދޫދު ފަހަނަޅައިދާ މީހުންނެވެ(31). އަދި އެބައިމިހުންނަކީ އެބައިމީހުންގެ އަމާނާތްތަކަށާއި އަޙުދުތަކަށް، ހުރުމަތްތެރިކޮށް ހިތާ ރައްކާތެރިވާ މީހުންނެވެ(32). އަދި އެބައިމީހުންނީ އެބައިމީހުންގެ ހެކިބަސް ފުރިހަމައަށް އަދާކުރާމީހުންނެވެ(33). އަދި އެބައިމީހުންނީ އެބައިމީހުންގެ ނަމާދުތަކަށް ރައްކާތެރިވާ މީހުންނެވެ(34). އެބައިމީހުންވަނީ (އިސްވެދިޔަ ސިފަތަކުގެ އަހުލުވެރިންވަނީ) ސުވަރުގޭގެ ނިޢުމަތްތަކުގައި މާތްކުރެވިގެންނެވެ(35). "

މި އިބާރާތް ތަކުގައި އީމާންތެރިންގެ ގާގައި ހުންނަ ބައެއް ޚާއްޞަ ސިފަތައް ބަޔާންކޮށްދީފައިވެއެވެ. މިގޮތުން ފުރަތަމަ ސިފައަކީ އެބައިމީހުންނީ އެބައިމީހުންގެ ނަމާދުގައި ޚުޝުޢަތްތެރިވާ މީހުންކަމެވެ. އީމާންތެރީންގެ އެހެނިހެން ސިފަތަކުގެ ތެރޭގައި:

-ބޭކާރު އަދި ފާހިޝް ޢަމަލުތަކުން ދުރުހެލިވުން
-ޤަވާޢިދުން ޒަކާތްއަދާކުރުން
-އަބުރަށް ރައްކާތެރިވެ ނަހަމަ ގުޅުން ތަކުން ދުރުހެލިވުން. އެއްދާންކުރުމުގައި އެމީހުން އެމީހުންގެ އަބީންނާއި އަޅުއަންހެނުން ފިޔަވައި އެހެން މީހުންނާއިއެކު ގުޅުން ހިންގުމުން ދުރުހެލިވުން. (މިއީ އަޅުން ގެންގުޅުން ހުއްދަވާ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމައެވެ.)
-އަހުދު ކަށަވަރުތަކާއި އަމާނާތް ތަކަށް ޚިޔާނަތްތެރިނުވުން
-އެބައިމީހުން ދޭ ހެކިބަހުގައި ޘާބިތުވެހުރުން (ސޫރަތުލް މަޢާރިޖްގައި ބަޔާންކުރެވިފައިވާ ފަދައިން)

މި ފަސް ސިފަ ބަޔާން ކުރެއްވުމަށްފަހު ގައިވެސް ޤަވާޢިދުން ނަމާދު ޤާއިމު ކުރުމުގައި ހުރި މޮޅު އިތުރުކަން ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.  އިސްވެބަޔާންވެ ދިޔަ ސޫރަތުލް މަޢާރިޖް އަދި ސޫރަތުލް މުއުމިނޫންގެ އާޔަތްތަކުގެ މާނައިގައި އެއްގޮތްކަމެއްވެއެވެ.  މީގެން ދޭހަކޮށްދެނީ ނަމާދަކީ އެހެން ހެޔޮ ޢަމަލުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭ ކިއްލާއެއްކަމެވެ.

ނަމާދަށް ރައްކާތެރިވުމުން އިންސާނާ ކުރާ އެހެނިހެން ހެޔޮ ޢަމަލުތައް ރައްކާތެރި ކުރުމަށް މަގުފައިވެއެވެ.  ހަމަ މިފަދައިން ރަސޫލާ صلﷲعليه وسلم  ހަދީޘް ކުރެއްވިއެވެ. "ނަމާދަކީ ދީނުގެ ތަނބެވެ." (އަލްބައިހާޤީ)

ﷲގެ ރަސޫލާ صلﷲعليه وسلم  އަދިވެސް ހަދީޘް ކުރެއްވިއެވެ. ( أول ما يحاسب به العبد في يوم القيامة عن الصلاة فان صلحت صلح سائر عمله وان فسدت فسد سائر عمله ) މާނައީ: " ޤިޔާމަތްދުވަހު އެކަމަކާމެދު އެންމެ ފުރަތަމަ ސުވާލު ކުރެވޭނެ ކަމަކީ ނަމާދެވެ. އެކަން ރަނގަޅު ވެއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލުތަކެއްވެސް ރަނގަޅުވާނެއެވެ. އޭނާގެ ނަމާދު ނުބައިވެއްޖެ ނަމަ، އޭނާގެ ދެން ހުރި ހުރިހާ ޢަމަލުތަކެއްވެސް ގޯސްވާނެއެވެ."

ނަމާދު ޤަބޫލު ކުރައްވާނީ ނަމާދުގައި ކޮންކޮން ސިފަތަކެއް އެކުލެވިގެން؟

(الذين هم في صلاتهم خاشعون) މާނައީ: ” އެމީހުންނަކީ، އެމީހުންގެ ނަމާދުގައި (ކިޔަމަންތެރިވެ) ޚުޝޫޢަތްތެރިވެ ތިބޭ މީހުންނެވެ.” (23:2)

މި އާޔަތުގައި ބާރުއަޅުއްވާފައިވަނީ ނަމާދުގައި މީހާ މަޑުމައިތިރިވެ، ހިތްތިރިވުމާއިއެކު ޚުޝޫޢަތްތެރިވުމަށެވެ. ޝައްކެތްނެތްގޮތުގައި ޝައިޠާނާއަކީ އިންސާނާގެ އެންމެ ބޮޑު ދުޝްމަނެވެ. އެހެންކަމުން އޭނާ އަބަދުވެސް މަސައްކަތް ކުރާނީ އީމާންތެރިންގެ ނަމާދަށް ހުރަސްއެޅުމަށެވެ. ނަމާދަށް ފަށައިގަންނަހިނދު އެކިއެކި ހަނދާންތަކާއި މައްސަލަތަކާއި ބޯހާސްކަމާއި އޭނާގެ މަސައްކަތާއި އަދި ޢާއިލާގެ ޚިޔާލުތައް އޭނާގެ ސިކުނޑި ވަށާލައެވެ. ޚިޔާލުތަކުގެ ތެރެއަށް އޭނާ ގެނބިގެންދާވަރުން، އޭނާ އަށް ހުރެވުނީ ކޮންތާކުކަމެއް އަދި ކުރަންހުރީ ކޮންކަމެއްކަން ހަނދާނުން ކައްސާލުން އެކަށީގެންވެއެވެ. އޭނާގެ ނަމާދު ވެގެންދަނީ އެއްވެސް ވިސްނުމެއްނެތި ކުރެވެމުންދާ ޙަރަކާތްތަކަކަށެވެ. އަދި ގިނަ ފަހަރު އޭނާއަށް ކުރެވުނީ ތިން ރަކުޢަތްތޯ ނުވަތަ ހަތަރު ރަކުޢަތްތޯ އާއި މެދު ހިތުތެރޭގައި ޝައްކު އުފެދެއެވެ. ޝައިޠާނާ އަހަރުމެންގެ ނަމާދު ފޭރިގަންނަނީ މިފަދައިންނެވެ.

ނަބިއްޔާ صلﷲعليه وسلم ޙަދީޘް ކުރެއްވި ކަމުގައިވެއެވެ. “އަހަރުމެން ކުރާ ނަމާދުން ﷲތަޢާލާ ޤަބޫލު ކުރައްވަނީ ވަރަށް ކުޑަ ބައެކެވެ.  ފަހަރުގައި ދިހަބައިކުޅަ އެއްބައި ނުވަތަ އަށްބައިކުޅަ އެއްބައެވެ.  އަނެއްބައި ގެއްލިދަނީ ޝައިޠާނާގެ ވަސްވާހުގެ ސަބަބުންނެވެ.”

ރިވާޔަތެއްގައިވެއެވެ. މީހަކު ނަމާދަށް ހުރެގެން އޭނާގެ ތުނބުޅިއާއި ކުޅެނިކޮށް ދަންނަބޭކަލަކަށް ފެނިވަޑައިގަތުމުން އޭނާ ވިދާޅުވިއެވެ. “އޭނާގެ ހިތުގައި ޚުޝޫޢަތްތެރިކަންވިނަމަ އޭނާގެ ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ވެސް ޚުޝޫޢަތްތެރިވީހެވެ.”

ސޫރަތުލް މާޢޫންގައިވެސް ދިރުމެއްނެތް ނަމާދަށް އިޝާރާތް ކުރައްވާ އަންގަވާފައިވެއެވެ. ” ފަހެ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެ ހަނދާން ނައްތާލައިގެން ތިބެ ނަމާދުކުރާ މީހުންނަށް ނަރަކައިގެ ގަދަ އަޒާބު ހުއްޓެވެ.”

ނަމާދަށް ރައްކާތެރިނުވެވެނީ އޭނާގެ ނަމާދު އެންމެ ފަހު ވަޤުތާއި ހަމައަށް ފަސްކުރުމުން ނުވަތަ ނަމާދުގައި ކުރާ ކަންތައްތަކާއި އަދި ކިޔާ އެއްޗިއްސާއި މެދު ފުރިހަމައަށް ސަމާލުނުވެ ހުރުމުންނެވެ.

ﷲގެ ރަސޫލާ صلﷲعليه وسلم މަދީނާގެ މިސްކިތެއްގައި އިންނަވަނިކޮށް ބަދަވީއެއް މިސްކިތަށްވަދެ ނަމާދު ކުރަން ފަށައިފިއެވެ. އޭނާ ނަމާދުކޮށް ނިންމިލެއް އަވަސްކަމުން އޭނާއަށް އަލުން އެ ނަމާދުކުރުމަށް ރަސޫލާ صلﷲعليه وسلم ޢަމުރު ކުރެއްވިއެވެ.  އޭނާ ދެވަނަ ފަހަރަށްވެސް ނަމާދުކުރީ އެހާމެ އަވަހަށެވެ. މިހެންކަމުން ރަސޫލާ صلﷲعليه وسلم އަލުން އެނަމާދު ކުރުމަށް އަނެއްކާވެސް ހަދީޘް ކުރެއްވިއެވެ. އަވަސް އަރައިގަނެގެން ތިންވަނަ ފަހަރަށް ނަމާދު ކުރުމަށްފަހު އެބަދަވީ މީހާ ބުންޏެވެ. “އޭ ﷲގެ ރަސޫލާއެވެ.  މިއަށްވުރެ ފުރިހަމައަކަށް އަޅުގަނޑަކަށް ނަމާދެއް ނުކުރެވޭނެއެވެ. ދެން ރަސޫލު صلﷲعليه وسلم އޭނާއަށް ނަމާދުކުރާނެ ގޮތް ދެއްކެވިއެވެ. ކޮޅަށްހުރެގެން ސޫރަތުލްފާތިޙާ ކިއެވުމަށް އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. އަދި ރުކޫޢުގައި سبحان ربي العظيم ކިއުމަށާއި ތެދުވަމުން ربنا لك الحمد ކިޔުމަށާއި ސަޖިއަށް ތިރިވެ سبحان ربي الأعلى ކިޔުމަށާއި ދެ ސަޖިދަ ދެމެދު ދުޢާ ކުރުމަށް އޭނާ އަށް ޢަމުރު ކުރެއްވިއެވެ. ކޮންމެ ރަކްޢަތެއްގައިވެސް މިގޮތަށް ކަންތައް ކުރުމަށް އެބަދަވިމީހާއަށް ރަސޫލު صلﷲعليه وسلم ނަޞޭހަތްތެރިވެވަޑައިގަތެވެ.

ﷲގެ ރަސޫލާ  صلﷲعليه وسلم ކޮންމެ ނަމާދެއްގައި ވެސް ވަރަށްގިނަ ވަޤުތު ހޭދަކުރެއްވިއެވެ. އެއީ ނަމާދުގެ ކޮންމެ ޙަރަކާތެއްވެސް މަޑުމައިތިރިކަމާއި ފުރިހަމަ ކަންމަތީ އަދާ ކުރެއްވުމަށްޓަކައެވެ.  އެކަލޭގެފާނު ހަދީޘްކުރެވި ކަމަށްވެއެވެ.

“މީހާގެ ނަމާދު ދިގުވެފައި ޚުޠުބާ ކުރުވުން ދައްކައިދެނީ އޭނާ ދީން ރަނގަޅަށް ދަންނަކަމެވެ.”  (މުސްލިމް، އަބޫދާވޫދު)

މި ޙަދީޘްގައި އިޝާރާތް ކުރައްވާފައި އެވަނީ ހުކުރު ޚުޠުބާއަށެވެ. އެބަހީ ޚުޠުބާ ކުރުކުރުމަށްފަހު ނަމާދު ދިގު ކުރުމެވެ.

ނަމާދަކީ ހަތިޔާރެއް

މާތް ﷲ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ( يأيها الذين آمنوا استعينوا بالصبر والصلاة إن الله مع الصابرين) البقرة 153. މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން އެހީތެރިކަމާއި ވާގިލިބިގަންނާށެވެ.  ހަމަކަށަވަރުން މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ.” (2:153)

އިންސާނުންނަކީ ފިޠުރީގޮތުންވެސް ބަލިކަށި ބަޔެކެވެ. ހިތްދަތިކަމާއި ދަތިއުދަގޫކަން އިޙްސާސް ކުރަންޖެހޭ ވަގުތުތަކުގައި އޭނާއަށް އެހީބޭނުންވެއެވެ. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ލިބެންއޮތް އެންމެ ފުރިހަމަ އެހީއަކީ، ކެތްތެރިކަމާއި ނަމާދުން ވާގިހޯދުމެވެ. ކޮންމެ ދަތި އުދަގުލަކާއި ހިތާމަވެރިކަމެއް އަދި ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ މަޑުމައިތިރިކަމާއި ޙިކުމަތްތެރިކަމާއެކުގައެވެ. އަވަސް އަރުވާލައިގެން ކުރެވޭ ކަމަކުން ނުވަތަ ނުވިސްނާ ބުނެލެވޭ ބަހެއްގެ ސަބަބުން އިތުރު މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. ﷲގެ ރަސޫލާ صلﷲعليه وسلم އަށް އުނދަގޫ ކަމަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ހިނދެއްގައި ހިތްހަމަޖެހުން ހޯއްދަވަނީ ނަމާދުންނެވެ. ނަމާދުގައި އިންސާނާ މަދަދަށް އެދި ދަންނަވަނީ ﷲގެ ޙަޟްރަތުންނެވެ. ﷲއަށްވުރެ ރަނގަޅު މަދަދުވެރި އެއްވޭތޯއެވެ؟

ރަސޫލާ صلﷲعليه وسلم ބިލާލު رضيﷲ عنهގެ އަރިހުގައި ދަންނަވާކަމަށް ވެއެވެ. ( ارحنا تا بلال بالصلاة ) މާނައި: ” އޭ ބިލާލެވެ. ނަމާދުގެ ޒަރީޢާއިން  އަހަރެމެންނަށް އަރާމުކަން ލިއްބައިދޭށެވެ.”

(ނުނިމޭ)

ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ

އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން

 

ޓެގް

ދީން ދިވެހިން ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.