ޣައްޒާއަށް ދާނަން ހެއްޔެވެ؟ އިންސާނީ ކަރަމާތް ނެގެހެއްޓުމަށް ތިބާގެ ފުރާނަ އަތްމައްޗަށް ލައިގެން މި ދަތުރަށް ފަށަން ކެރޭނެ ހެއްޔެވެ؟ ދިވެހި ޒުވާނުންގެ ތެރެއިންވެސް މިކަމަށް އިސްނަގާނެ ފަރާތްތަކެއް ތިބޭނެ ކަމީ ޔަޤީންވާ ކަމެކެވެ. މިފަދަ ފުރުޞަތަކަށް ބަލަބަލާތިބި ދިވެހި ޒުވާނުންނަށް އޮތް އުފާވެރި ޚަބަރަކީ ބަޔަކު ޣައްޒާއަށް ދާންއުޅޭ ޚަބަރެވެ. އެހެން ނަމަވެސް މި ދަތުރަކީ މަރާއި ދިރިހުރުމާއި ދެމެދު ކުރެވޭ ހަނގުރާމަ އަކަށް ވާނެތީ މިކަމަށް ފަސްޖެހޭ ޒުވާނުން ދިވެހިންގެ ތެރޭގައި މާ ގިނަވާނެ ކަމަށް ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ފުރަން ނުކުންނަން ގޮވާލާ ހަމައިން އަނބިދަރިންނާއި ޢާއިލާ އާއި ރަޙުމަތްތެރިންނާއި މައިންބަފައިންގެ މަތިން ހަނދާންވެ ފަސްޖެހޭނެ ބަޔަކުވެސް ތިބޭނެއެވެ.
މީގެ ކުރިން ވެސް ދިވެހިންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ޣައްޒާއަށް ދިޔުމަށް ދަތުރު ހަދާ ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ. އަދި ދިވެހި ސިފައިން ޣައްޒާ އަށް ފޮނުވުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލިއެވެ. ޣައްޒާއަށް ފުރަން ދަތުރަށް ގޮވާލުމުން ދަތުރުހެދި ޒުވާނުން ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބީ ޣައްޒާއަށް ދާން ނަންނޯޓު ކުރުމަށް ތައްޔާރަށެވެ. އެހެނަސް ފުރާމީހުން ނަންނޯޓުކުރާ ދުވަހެއް އަދި ނާދެއެވެ. އަދި އެދުވަސް ނުވެސް އަންނާނެއެވެ. މިއީ ދިވެހިންގެ ޙާލެވެ. އިސާހިތަކު ހަނދާންނެތިދާނެއެވެ.
ޔަހޫދީ ޒަޔަނިސްޓުންގެ އަނިޔާވެރި ކަމުގައި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ހަނާއަރުވަން ފެށުމާއި އެކު ޔަހޫދީން ޢައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ހިންގަމުން ގެންދާ ޤަޠުލުޢާއްމުތައް ހުރިހާ ދިވެހިން ވެސް ކުއްވެރި ކުރިއެވެ. އަދި މިޙަމަލާތައް ފެށުމާއި އެކު ދަތުރަށް ތައްޔާރުވާން ގޮވާލި ނަމަވެސް ހަނގުރާމަ ނިމި މަޝްރަހު ހަމައަކަށް އެޅޭއިރުވެސް ފުރާނެ ދޯންޏެއް ނުލިބި ފުރަން ތައްޔާރުގައި ދިވެހިން ތިބޭތާ މަހަކަށްވުރެ ގިނަދުވަސް ވީފަހުން އިއްޔެ އިސްލާމީ ޤައުމެއް ކަމަށްވާ ތުރުކީން ވެސް ވަނީ ދަތުރަށް ތައްޔާރުވާން ފަށާފައެވެ. ތުރުކީގައި ޙަރަކާތްތެރިވާ ދި ހިޔުމެނިޓޭރިއަން ރިލީފް ފައުންޑޭޝަން، އައިއެޗްއެޗް އިންވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާއަށް އަނެއްކާވެސް ވަރަށް އަވަހަށް ދަތުރު ފަށާނެކަން ހާމަކޮށްފައެވެ.
ރާއްޖެއިން ޣައްޒާއަށް ފުރާ ދޯނީގައި ދާނީ ކޮން ޕާޓީއެއްގެ ކޮންބަޔެއްކަން ނޭނގުނަސް ތުރުކީގެ ބޯޓުގައި ތަފާތު ޤައުމު ތަކުގެ ތަފާތު ޖަމާޢަތްތަކުން ޣައްޒާއަށް ކުރާ ދަތުރުގައި ބައިވެރި ވާނެ ކަމަށް އައިއެޗްއެޗާއި ފްރީޑަމް ފްލޮޓިއްލާގެ އިންތިޒާމު ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ. ދެހާސް ދިހަ ވަނަ އަހަރު ފްރީޑަމް ފްލޮޓިއްލާގެ ނަމުން މަޝްހޫރުވީ ތުރުކީގެ ހަ ބޯޓު ހިމެނޭ ފްލޮޓިއްލާގެ ތެރެއިން މާވީމަރުމަރާ އަށް އަރައި ޔަހޫދީ ސިފައިން ހިންގި ޤަތުލުޢާއްމުގައި ތުރުކީގެ ދިހަމީހަކު މަރާލާފައި ވަނިކޮށް އަނެއްކާވެސް ހަމަ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކި ޤައުމު ތަކުގެ މަންދޫބުން ހިމެނޭ އެހީގެ މަނަވަރު ތަކެއް ތުރުކީން ޣައްޒާއަށްދާން ފުރަން މިވަނީ ތައްޔާރު ވެފައެވެ.
2010 ވަނަ އަހަރުވެސް ތުރުކީން ފުރައިގެން އިންސާނީއެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރި ބޯޓުތަކަށް ޔަހޫދީ ޤާޠިލުން އަރައި ޤަޠުލުޢާއްމެއް ހިންގާފައި ވަނީ ބައިނަލް އަޤުވާމީ މީޑިޔާ ތަކުން އެ މަންޒަރުތައް ވަގުތުން ދުރަށް ދައްކަމުން ގެންދަނިކޮށް އެންމެންގެ ކުރިމަތީގައެވެ. ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޤަވާއިދުތައް މުގުރާލުމަށްފަހު ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ތުރުކީގެ ބޯޓު ތަކަށް އަރައިގަނެ ޔަހޫދީ ޤާޠިލުން ހިންގި ޤަޠުލު ޢާއްމަށް އެވެރިންގެ ވެރިޔާ ނަތަންޔާހޫ ވަނީ ދާދިފަހުން މަޢާފަށްވެސް އެދިފައެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށްބުނެ ތުރުކީގެ ބޮޑުވަޒީރު ޢުރުދުޣާންގެ އަރިހުގައި ޢަހުދާއި ވަޢުދު ވީނަމަވެސް ޔަހޫދީންގެ ޙަޤީޤަތް ދުނިޔެއަށް ހާމަ ކޮށްދެއްވުމަށް ޢުރުދުޣާން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ވަނީ ޔަހޫދީންނާއި އެކު އޮންނަ ގުޅުން ގޯސްވެފައެވެ.
އެހެން ނޫނަސް ޔަހޫދީންނަކީ ވައުދާއި ޢަހުދަށް ޙުރުމަތްތެރިކޮށް ނުހިތާނެ ބައެއް ކަމަށް ޢާލަމްތަކުގެ ވެރި ﷲގެ ވަޙީބަސްފުޅުން އެނގި ކަށަވަރު ވާއިރު، މިފަހަރުގެ ފްލޮޓިއްލާ އާއި މެދު ޔަހޫދީން ކަންކުރާނެ ގޮތެއް ބަލަން ދުނިޔެވަނީ ކެތްމަދުވެފައެވެ. އެހެން ކަމުން ޣައްޒާއަށްދާން ތައްޔާރުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަދީ އެކަމަށް ތައްޔާރަށްތިބި ޒުވާނުން ޣައްޒާއަށް ފުރަން ނަންނޯޓު ނުކުރެވުނަސް ތުރުކީއަށް ދަތުރުކޮށްގެން ފްރީޑަމް ފްލޮޓިއްލާގައި ޣައްޒާއަށް ދިޔުމުގެ މަގު މިވަނީ ހުޅުވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...