ރާއްޖޭގެ ޚަބަރު އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތި ކުރުމަށް ‏‏މަސައްކަތް ކުރުމަކީވެސް ބަޣާވާތް ކުރުން ؟

އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތި ކުރުމަށް ‏‏މަސައްކަތް ކުރުމަކީވެސް ބަޣާވާތް ކުރުން ؟

އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތި ކުރުމަށް ‏‏މަސައްކަތް ކުރުމަކީވެސް ބަޣާވާތް ކުރުން ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތިކުރުމަށް ‏‏މަސައްކަތް ކުރުމަކީވެސް ޤައުމުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރުން ކަމަށް ރަައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

‏‏ރާއްޖޭގެ 49 ވަނަ ‏‏މިނިވަންދުވަހުގެ މުނާސަބަތުގައި، ރޭ ޖުމްހޫރީ ‏‏މައިދާނުގައި ބޭއްވެވި ޚާއްޞަ ‏‏ރަސްމިއްޔާތުގައި ދިވެހި ‏‏ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ‏‏ދައްކަވަމުން ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް ‏ވިދާޅުވީ މި ޒަމާނުގައި ޤައުމަށް އަންނަ ޙަމަލާތަކުގެ ބަޑިބޭހަކީ، ‏‏‏އިޤްތިޞާދީ ގޮތުން ދަތިކުރުމާއި، ރައްޔިތުން ‏‏ފަޤީރުކަމުގެ ތެރެއަށް އެއްލާލުން ކަމަށެވެ. އަދި ‏‏‏އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތި ކުރުމަށް ‏‏މަސައްކަތް ކުރުމަކީ، މިނިވަންކަން ނަގާލުމަށް ކުރެވޭ ‏‏‏މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް ‏‏‏ހަރުދަނާ ކުރުމަށްޓަކައި، ރާއްޖޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ނުވަތަ ސްޕެޝަލް އިކޮނޮމިކް ‏‏‏ޒޯންތަކެއް ޤާއިމުކުރުމަކީ، ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގެ ވަރަށް މުހިންމު އަމާޒެއްކަމުގައި ‏‏‏ވިދާޅުވިއެވެ. އަދި، މިކަމާބެހޭ ބިލު ޤާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ‏‏ލިބި، ‏‏‏ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެކަމުގައި ވިދާޅުވިއެވެ. މިއާއެކު، ވަޒީފާގެ ‏‏‏ފުރުޞަތުތައް ‏‏އިތުރުވެ، ރާއްޖޭގެ އިޤްތިޞާދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ‏‏‏ރާއްޖޭގައި ‏‏ވިޔަފާރިއާއި ޞިނާޢީ ޙަރަކާތްތައް ފުޅާވެގެންދިއުމުގެ އިތުރުން، ރާއްޖޭގެ އުފެއްދުންތެރިކަން ‏‏‏އެތައް ‏‏ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ދާނެކަމުގައިވެސް ‏‏‏އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.‏‎
‏‎
‏ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު އައުމާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ‏‏ފުޅާކޮށް ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ‏‏މަޝްރޫޢުތަކުގެ މައްޗަށް ‏‏އެމަނިކުފާނުގެ ‏‏ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ‏ މިގޮތުން، އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ‏‏ޑިވެލޮޕްމަންޓް ‏‏ޕްރޮޖެކްޓް ނުވަތަ އައިހެވަން މަޝްރޫޢަކީ، ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ބޮޑު ‏‏ތަރައްޤީއެއް ގެނެސް، ‏‏އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ ރައްޔިތުންގެ ‏‏ތަނަވަސްކަން އިތުރުކޮށްދޭނެ، ‏‏އުތުރުގެ ތަނަވަސްކަމުގެ މައި ދޮރޯށިކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ބަޔާންކުރެއްވިއެވެ.‏
‏މީގެއިތުރުން، އައްޑޫ ސިޓީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގައި ‏‏‏‏ވިޔަފާރިއާއި، އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލް ‏‏އެއަރޕޯޓާއި، ހިތަދޫ ‏‏‏ސަރަޙައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިޤްތިޞާދީ ‏‏ހަރަކާތްތައް އިތުރުކޮށް އެތަންތަން ‏‏‏ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ‏‏އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏‏ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ‏އިބްރާހީމް ނާޞިރު ‏‏‏އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ‏‏މަޝްރޫޢެއް މިހާރު ފަށާފައިވާއިރު، ‏ސަރަޙައްދީ ވައިގެ ‏‏‏ބަނދަރުތައް ތަރައްޤީކޮށް، އިތުރު ވައިގެ ބަނދަރުތަކެއް ޤާއިމުކުރުމުގެ ‏‏މަސައްކަތްވެސް ދަނީ ‏‏‏ކުރެވެމުންކަމުގައި ވިދާޅުވިއެވެ.‏
‏ޒުވާނުންނާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ހަމަޖެހުމަށްޓަކައި ‏‏ޒުވާނުންނަށް ފަހި ‏‏‏މުޖުތަމަޢެއް ބިނާކުރުމުގެގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ‏‏‏ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ހުޅުމާލޭގައި ‏ބިނާކުރުމަށް ‏‏‏ހަމަޖެހިފައިވާ ޔޫތުސިޓީ ވެގެންދާނީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި، މުނިފޫހިފިލުވުމާއި ‏‏‏‏އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނެ ނާރެހަކަށް ކަމުގައި ބަޔާންކުރެއްވިއެވެ. ‏

‏ ‏ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސް، ‏‏‏ގަންނަ ‏‏ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފައްދައި މަސްވެރިކަން ހަލާކުކުރުމަށް ވަކިފަރާތްތަކަކުން ‏‏‏‏ކުރަމުން ގެންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުށްވެރިކުރެއްވިއެވެ. މިރޮނގުން ‏‏‏ވާހަކަފުޅު ދައްކަވަމުން، ‏ދިވެހި ރައްޔިތުން ފަޤީރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ބަލިކޮށް، ‏‏‏ޞުލްޙަވެރި ޒުވާން ޖީލެއް ބިނާކޮށް، ދިވެހިންނަށް ތަނަވަސްކަން ހޯދައިދިނުމުގައި މި ސަރުކާރު ‏‏‏ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެއްވެވިއެވެ.‏

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.