ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވާފައިވާ 4 ނަންފުޅަކަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް މަޖިލީހުގެ ރުހުން ލިބިވަޑައިގަތް 4 ބޭފުޅުންގެ ތެރެއިން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު ކަމަށް ގ.ވައިޖެހޭގެއާގެ ޑޮކްޓަރ މުޙައްމަދު ޢާޞިމް ޢައްޔަނު ކުރެއްވުމަށް ފާސްކުރެއްވީ 69 މެންބަރުންގެ އިއްތިފާޤުންނެވެ.
އަދި ބްރަސަލްސްގައި ހުންނަ، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ގ.ސަމަންތާ އަލްފާޟިލް އަޙްމަދު ޝިޢާން ޢައްޔަން ކުރެއްވުމަށާއި، ބްރަސަލްސްއަށް ކަނޑައަޅާ ސަފީރަކީ ލަންޑަން ހައިކޮމިޝަންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 70 މެންބަރުންގެ އިއްތިފާޤުންނެވެ.
މީގެ އިތުރުން، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މއ. ރެސްޓިންގހައުސް އަލްފާޟިލާ ފާޠިމަތު ޢިނާޔާގެ ނަންފުޅަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 70 މެންބަރުންގެ އިއްތިފާޤުންނެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވައިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ.ކުރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދުގެ ނަންފުޅަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 71 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...