ޤަތަރުގެ އުރީދޫއިން ފަލަސްތީނަށް ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިދީފި އެވެ.
މިކަމާއި ގުޅޭގޮތުން އުރީދޫގެ މައި ކުންފުނި އުރީދޫ ޤަތަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އުރީދޫއިން އަލަށް ތަޢާރަފް ކޮށްފައިވާ މި ޚިދުމަތަކީ ފަލަސްތީނުގައި ތިބި ޤަތަރުގެ ރައްޔިތުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ކުރިމަތި ވެފައިމިވާ ހިތްދަތި ވަގުތުގައި ފަލަސްޠީނާއި ޣައްޒާގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ގުޅާލައި، ހާލު ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތަޢާރަފް ކުރެވުނު ޚިދުމަތެއް ކަމަށެވެ.
އުރީދޫ ޤަތަރުން އަލަށް ތަޢާރަފު ކުރި މި ޚިދުމަތް ކުރިޔަށް ދާނީ، މި ހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
ފަލަސްޠީނުގެ ޣައްޒާ އަށް ޔަހޫދީ ބާރު ތަކުން އަރައިގެން ހިންގަމުން ގެންދާ ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން އާއިލީ ވިރާސީ ރަސްކަން ކާފަރުން ނަގަހައްޓައިދޭނެ ކަމުގެ އުއްމީދުގައި ޢަރަބި ޤައުމު ތަކުގެ ލީޑަރުން ތިއްބެވި ނަމަވެސް ޣައްޒާއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން މިވަގުތު ގެންދަނީ ޤަތަރާއި ތުރުކީވިލާތުންނެވެ.
އެގޮތުން ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ މިނިކަތިލުމުގެ ޖަރީމާތައް ފޮރުވުމަށް ޔަހޫދީ މީޑިޔާ ތަކާއި އެކު ޔަހޫދީންނަށް އަޑި އަޑިން އެހީތެރިވާ މިސްރާއި ސަޢޫދީ އަރަބިއްޔާ އާއި ޔޫއޭއީން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ޤަތަރުގެ އަލްޖަޒީރާ ޓީވީން ގެންދަނީ ޔަހޫދީންނާއި ޢަރަބި މުނާފިޤު ވެރިންގެ ޙަޤީޤަތް ވަރަށް ސާބިތު ކަމާއި އެކު މުޅި ދުނިޔެއަށް ދައްކައި ދެމުންނެވެ.
އެގޮތުން ޤަތަރު ސަރުކާރުން ދާދި ފަހުން ޣައްޒާއަށް ފޮނުވި ބޭހުގެ ސާމާނު ތަކެއް ފަލަސްޠީނު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިސްރުން ހުރަސްއަޅާ ޣައްޒާއަށް އެތަކެތި ވެއްދުމުގެ ހުއްދަ މިސްރުގެ މުނާފިޤު ވެރިން ދީފައި ނުވާކަން ޤަތަރުގެ އަލްޖަޒީރާއިން ހާމަކޮށްދިނުމުން މިސްރުގެ އެތެރޭގައި ވެސް މިހާރު ދަނީ މުޒާހަރާތައް ކުރެވެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...