ރައީސް ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލުމާއި އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ނިންމުމުން ޢަދާލަތު ޕާޓީން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.
މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި އެޕާޓީން ބުނީ އިސްރާއީލްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓް ކުރުން މަނާ ކުރުމާއި އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ރާއްޖެއިން އިސްރާއީލާއި އެކު ވެފައިވާ ހުރިހާ އެއްބަސްވުން ތަކެއް ދިވެހި ސަރުކާރުން އުވާލަން ނިންމެވި ނިންމެވުމަކީ ދިވެހި ސަރުކާރުގެ ފަރާތުން ފެނިގެންދިޔަ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ.
އެހެން ކަމުން ދިވެހި ސަރުކާރުގެ މި ހިއްވަރު ގަދަ ނިންމުމަށް އަދާލަތު ޕާޓީން މަރުހަބާ ކިޔާކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ މައުޤިފަށް އަދާލަތު ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
ޢަދާލަތު ޕާޓީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ ހިތްވަރުގަދަ ނިންމުންތައް ފެނިގެންދާނެ ކަމަށް އެ ޕާޓީން އުއްމީދުކުރާ ކަމަށާއި، މިފަދަ ކަންކަމުގައި އެ ޕާޓީން ސަރުކާރަށް ވާގިވެރި ވާނެ ކަމަށެވެ.
މީގެ އިތުރުން ޢަދާލަތުގެ ބަޔާނުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ އަޙުންނާއި އުހްތުންނަށް މެދު ނުކެނޑި ހެޔޮ ދުއާ ކޮށްދެއްވުމަށް ތަކުރާރުކޮށް ވަނީ އެދިފައެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ސިއްހީ ދާއިރާއާއި ފަތުރުވެރި ކަމުގެ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން އިސްރާއީލާއިއެކު 2009 ވަނަ އަހަރު ވެވުނު 3 އެއްބަސްވުން ދިވެހި ސަރުކާރުން އުވާލާފައި ވާކަން އިއްޔެ އިޒްރޭލަށް އަންގާފައި ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...