ގާޒާ ފަންޑުގެ މަސައްކަތުގައި ޢަދާލަތު ޕާޓީ އާއި އެކު މަސައްކަތް ކުރުމަށް ގަތަރުގެ ރެޑް ކްރެސެންޓުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
ގަތަރު ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ސޯލިހް ބިން އަލީ އަލް-މުހަނަދީ ސޮއި ކުރައްވާ ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މީގެ ކުރިން ވެސް ދެ ފަންޑެއްގެ މަސައްކަތުގައި ޢަދާލަތު ޕާޓީ އާއި އެކު މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން ގާޒާ ފަންޑާއި ޕީކޭ ފަންޑުގެ ކަންކަމުގައި އަދާލަތު ޕާޓީއާ އެކު މަސައްކަތް ކޮށްފައިވާ ކަމަށާއި، މި ފަންޑުތައް މެދުވެރިކޮށް އަދާލަތު ޕާޓީން އެއްކުރި ފައިސާ ގާޒާ އާއި ޕާކިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާކަމަށް ޤަޠަރުގެ ރެޑްކުރެސެންޓް ޖަމާޢަތުން ވަނީ ބުނެފައެވެ.
އެހެން ކަމުން މިފަހަރު ވެސް ޢަދާލަތު ޕާޓީން ފަލަސްޠީނުގެ ގައްޒާގައި ޙާލުގައި ޖެހިފައިވާ ނިކަމެތީންނާއި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް އެހީތެރި ވުމަށް ކުރިޔަށް ގެންދާ ފަންޑުން ލިބޭ ފައިސާ އިން ކާނާ އާއި ބޭސް ގަނެ، އެ ތަކެެތި ގާޒާގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެ ޖަމާއަތުން ޝައުގުވެރިވާ ކަމަށާއި، އެ ޖަމާއަތުން ގާޒާގައި މިހާރު ވެސް ކުރިއަށް ގެންދާ އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގެ ތެރެއިން އެކަން ހަމަޖައްސަން ފަސޭހަ ވާނެ ކަމަށް ޤަތަރުގެ ރެޑްކުރެސެންޓުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ މުސްލިމުން ކަތިލުމަށް ހިންގަމުން ގެންދާ ޖަރީމާގައި އަނިޔާވެފައިވާ މުސްލިމުންނަށް އެހީތެރި ވުމަށް ޢަދާލަތު ޕާޓީން އިސްވެ އޮވެގެން މިއަދުގެ ވަގުތެއްގައި ފަންޑެއް ހުޅުވުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
ޢަދާލަތު ޕާޓީން އެއްކުރާ ފަންޑު ތަކަށް ޤަތަރު ރެޑްކްރެސެންޓުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް އެފަރާތުން ހާމަ ކޮށްފައި މިވަނީ އެ ޕާޓީން އިސްވެ އޮވެގެން ކުރިޔަށް ގެންދާ ފަންޑު ތަކަށް ފައިސާ ހޭދަ ކުރުމާއި މެދު ވިސްނާލުމަށް ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޢަދާލަތުން އިސްވެ އޮވެގެން ކުރިޔަށް ގެންދިޔަ މިސްކިތް ފަންޑުގެ ތަފްޞީލު ތައްވެސް ރައްޔިތުންނަށް ހާމަ ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ސިޔާސީ ބައެއް ފަރާތްތަކުން ދައްކާފައި ވަނީ ދޮގު ވާހަކަ ތަކެއްކަން ވަނީ ހާމަވެފައެވެ.
ގާޒާ ފަންޑުގެ ކަންކަމުގައި ޢަދާލަތު ޕާޓީ އާއި އެކު މަސައްކަތް ކުރުމަށް ގަތަރުގެ ރެޑް ކްރެސެންޓުން ޝައުޤުވެރިކަން ފާޅުކޮށްފި
ކޮމެންޓް (0)
ލޯޑް ކުރަމުން...